އެމެރިކާގެ ލޮސް އެންޖެލެސް ސްޓޭޑިއަމުގައި ކުޅުނު މި މެޗު ސްވިޒަލެންޑުން ކާމިޔާބުކުރީ 1-4 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހައި ސްވިޒަލެންޑަށް ކުރިހޯދައިދިނީ 74 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޖޯހަން މަންޒަމްބީ އެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ އޭރިއާ ތެރެއަށް ހުސްކޮށް ލިބުނު ބޯޅައެއް ވޮލީއަކުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މެޗުގެ ނަތީޖާއަށް ބޮޑު ބަދަލެއް އައީ 80 ވަނަ މިނެޓުގައި ބޮސްނިއާގެ ޑިފެންޑަރު ތާރިކް މުހަރެމޮވިޗަށް ރަތް ކާޑު ދެއްކުމުންނެވެ.
އެއާއެކު ކުޅުންތެރިއަކު މަދުވުމުގެ ފައިދާ ނަގައި، 83 ވަނަ މިނިޓްގައި އެމްބޯލޯ ދިން ބޯޅައަކުން ރުބެން ވާގާސް ވަނީ ސްވިޒަލެންޑުގެ ލީޑު ފުޅާކޮށްދީފަ އެވެ.
ވޯލްޑް ކަޕުގައި ސްވިޒަލެންޑާއި ބޮސްނިއާ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އޭޕީ
އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި ވާގާސް ނަގައިދިން ހުރަހަކުން މަންޒަމްބީ ވަނީ އޭނާގެ ދެވަނަ ލަނޑާއެކު ސްވިޒަލެންޑަށް 3-0 ގެ ލީޑެއް ހޯދައިދީފަ އެވެ. އޭގެ ކުޑަ ހިނދުކޮޅެއް ފަހުން ބޮސްނިއާގެ ބަދަލު ކުޅުންތެރިޔާ އެރްމިން މަމިޗް ކޯނަރަކުން ލިބުނު ބޯޅައެއް ފުރަތަމަ ޓަޗުން ގޯލުގެ މަތީ ދާގަނޑަށް ފޮނުވާލައިގެން ހިތްގައިމު ސުންކަނޑުވާލި އެވެ.
ބޮސްނިޔާ ސުންކަނޑުވާލާ މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ސްވިޒަލެންޑުން އިތުރު ލަނޑެއް ޖެހިއިރު، މި ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން މަންޒަމްބީ އެވެ. މިއީ އެ ޓީމުގެ ޖިބްރީލް ސޯ އަށް ބޮސްނިއާގެ އަމަރް މެމީޗް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.
މިއާ އެކު ސްވިޒަލެންޑަށް ގުރޫޕް ބީ ގައި މިހާތަނަށް ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައި ވާއިރު، ބޮސްނިއާ އެންޑް ހާޒިގޮވީނާ އަށް ދެ މެޗުން ލިބިފައި ވަނީ އެއް ޕޮއިންޓެވެ. މި ގުރޫޕްގައި ދެން ހިމެނޭ ކެނެޑާ އާއި ގަތަރު ވެސް ވަނީ މިހާތަނަށް ކުޅުނު ހަމައެކަނި މެޗުން ޕޮއިންޓެއް ހޯދައިފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;