ads
ދަރިފުޅު - 28 ވަނަ ބައި
އެޕިސޯޑް 28
Advertisement

މާލިކްގެ އަޑު އެހުން މިވަގުތު އަހަންނަށް ވަރަށް މުހިއްމު ވެއްޖެ އެވެ. އޭނާ އެ ދައްކާ ވާހަކަތަށް، ސާފުކޮށް އޮޅުން ފިލައިފިކަން ބުނެދިނުމަށް އަހަރެންގެ ދެ ލޮލުގެ އެސްފިޔަތަކާއި ބޮލުން އިޝާރާތްކޮށްލުން ފިޔަވައި އިތުރު ހަރަކާތެއް ނުގެނެވުނެވެ.

"ފަހަރެއްގައި، ފަހަރެއްގައި، އަހަރެންގެ ހިތް ކައިރާގެ މައްޗަށް ލެނބުމުގެ ފުރުސަތު އޮތް...! އެކަމަކު، އެ މިސްރާބަށް މި ހިތް ދަތުރު ފެށުމުގެ ކުރީން އަހަރެންގެ ހިތް ފުނޑުފުނޑުކޮށް ފައިދަށަށްލައި ޗިސްޗިސްކޮށްލީ ކައިރާގެ ތޫނު، ރަހްމެއް ނެތް  ބަސްތައް!"

"މާލިކް، ޕްލީޒް... ތިހެން ނުބުނޭ!"

"މި ނޫން އެހެން އެއްޗެއް ބުނެވެން އެބައޮތްތަ؟"

"އަހަންނަށް މައާފުކޮށްފީމޭ ބުނޭ.. ބުނޭ އަހަންނަށް ދެވަނަ ފުރުސަތެއް ދީފީމޭ.. ބުނޭ އަހަރެން މާލިކްއަށް ދިން ހިތްދަތިކަމާއި އަނިޔާގެ ބަދަލުގައި، އަހަރެންގެ މި ހިތުގެ އަޅައިލުމާއި އޯގާތެރިކަން ލިބިގަންނާން ތައްޔާރޭ! ބީނިޝްގެ ހައްގުގައިވެސް އަހަރެންގެ ކުށުގެ ކައްފާރާ އަދާކުރުމަށް ފުރުސަތު ފަހިކޮށްދީ.. ޕްލީޒް! އުފާވެރި ހަޔާތެއްގެ ފުރިހަމަކަން އިހްސާސްކުރުމުގެ ހައްގު އަހަންނަށްވެސް އެބައޮތްކަން މާލިކްގެ ތިޔަ ދުލުން ބުނެދީ.. ދުވަހެއްގައިވެސް ލިބިފައި ނެތް އުފަލާއި ހިތްހަމަޖެހުން، މި ދިރިއުޅުމުން އަހަރެން ބޭނުން.. އެކަމަކު އެއީ ހަމައެކަނި މާލިކްގެ ފުރިހަމަ އެއްބާރުލުމާއެކު.. ދުނިޔެއަށް އިތުރު ދުވަހަކަށް އިރު އެރީތީ، ޝުކުރުވެރި ނޭވާގެ އުފާވެރި ހިނިތުންވުން އިހްސާސްކޮށްލާން އަހަރެންވެސް ބޭނުން..! ﷲތައާލާގެ ހަޒްރަތުން ދިރިހުރުމުގެ ނިއުމަތް ދެއްވީތީ ހަމްދުކުރާނެ ސަބަބަކަށް، އަހަރެންގެ ހަޔާތުގައި މާލިކްއާއި ބީނިޝްވުމަށް  ބޭނުން..! ދުނިޔެއަކީ ރައްކާތެރި ކަމާއި ހިމާޔަތެއްގެ ގޮތުގައި އިހްސާސްކުރާން އަހަރެންވެސް ބޭނުން.. ޕްލީޒް މާލިކް، މައާފްކުރޭ! ޕްލީޒް!" އަހަރެންގެ ދެފައިން ވާގި ދޫވެއްޖެ އެވެ. 

ކޮޅަށް ހުންނާނެ ހިތްވަރެއް ނުލިބުނެވެ. އޭނާގެ ދެފައި މައްޗަށް ވެއްޓުނު ވަގުތު، ހަށީގައި ޖަހައި ވިންދުގެ ބާރު ކެނޑޭހެން ހީވި އެވެ. އަހަރެންގެ އަތުން މާލިކް ބީވެ ދިއުމަކަށް ފުރުސަތެއް ނުދެވޭނެ އެވެ. 

މާޒީގެ ކައްފާރާގެ ބިރުވެރި ރަނގަބީލުން އަހަރެންގެ ހިތް ހޭލައްވާލައިފި އެވެ. ގަތްބިރުގެ ނުރައްކާ އަހަރެންގެ ސިކުނޑިއާއި ހަމައަށް ވާސިލްވެއްޖެ އެވެ. އެމީހެއް ދެކެ އަހަރެންގެ ދަރިފުޅު އެންމެ ލޯބިވާ އިންސާނާ ބީވެ ހިނގައިދާނެހެން ހީވެއްޖެ އެވެ. އަހަރެންނާއި އަހަރެންގެ ދަރިފުޅަށް މި ދުނިޔެއިން އަމާންކަމާއި ރައްކާތެރިކަން އިހްސާސްކޮށްދިން ހަމައެކަނި ނަފުސު، މި ލޮލުގެ ކުރިމަތީން ގެއްލިގެން ހިނގައިދާނެ އެވެ. 

ކޮންމެވެސް ދުވަހަކުން އެމީހަކީ އަހަރެންގެ މީހަކަށް ވުމުގެ ފުރުސަތު އޮތް ހަމައެކަނި އިންސާނާ މި ދެ އަތުން ބީވެގެން ހިނގައިދާނެ އެވެ. 

ގަތްބިރުން ދެ ކަންފަތް ބައްވެއްޖެ އެވެ. ގޮތް ނޭނގޭ އަޑުތަކަކުން އަހަރެންގެ ކަންފަތުގެ ހިނދުރި ފަޅައިގެން ދާހެން ހީވި އެވެ. ނިއްކުރިއަށް ބަރުވެ، އަރިއަޅައިލިހެން ހީވި ވަގުތު، ކޮޅަށް ހުރުމުގެ ހިތްވަރު އަހަރެން ހޯދީމެވެ. ނަމަވެސް އަހަރެންނާއި ދިމާއަށް ދަތުރުކުރަމުން ބާރު ސްޕީޑުގައި އައި ނުތަނަވަސްކަމުގެ ރާޅުން މިންޖެއް ނުވެވުނެވެ. 

ފާހާނާ ފެނޭތޯ ދުއްވައިގަތީމެވެ. ހަށިގަނޑުތެރޭގައި ހަލަބޮލިވެގަތް ގަޑުބަޑު މައިތިރިއެއް ނުވި އެވެ.

"ކައިރާ!؟"

އަހަރެންގެ ތަބީއަތަށް އައި ބަދަލު ނޭގުނަސް، ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން މާލިކްއަށް ފާހަގަކުރެވިއްޖެ އެވެ. ހައިރާންވެ، ސުވާލު އުފެދިފައި އަހަރެންގެ ނަމުން މާލިކް ގޮވައިލީ ވާނުވާ އޭނާއަށް ނޭގުނީތީ އެވެ.

އަހަރެންގެ ފަހަތުން މާލިކް ދުވެފައި އައިކަން އެނގުނެވެ. ފާހާނާ ތައްޓަށް ގުދުވެ، ކަކޫޖަހައިފައި އިށީނީމެވެ. އަހަރެންގެ ހަށިގަނޑުގައި ހުރިއްޔާ ހުރި އެއްޗެއް ބޭރުވަމުން ދިޔައިރު، އޯގާތެރިކަމާއެކު މާލިކް އަހަރެންގެ ބުރަކަށީގައި ފިރުމަމުންދިޔަ އެވެ.

ލޮޑުކަމާއެކު ނުހަނު މަސައްކަތުން ދެ ފައި މައްޗަށް ކޮޅަށް ތެދުވީމެވެ. އަނގަ ސާފުކޮށް، މޫނު ދޮވެގެން އިތުރު ފިޔަވަޅެއް ނެގުމަށް ހަރަކާތްކޮށްލި ވަގުތު ހަށިގަނޑު އުފުލިގެން ދިޔައީ އަހަރެންގެ ބާރަކު ނޫނެވެ.

މާލިކް ދެ އަތްމަތީގައި އަހަރެން އުފުލާލި އެވެ. 

ކޮޓަރީގެ އެނދުމަތީގައި ފަރުވާތެރިކަމާއެކު އަހަރެން ބާއްވާލާފައި، އޭނާ އިށީނީ އަހަރެންނާއި ކުރިމަތިވާގޮތަށް އެނދުގެ މަގަތުގައި އެވެ.

"ޔޫ.... އޯ....ކޭ؟" ހާސްކަމާއެކު ލަސްލަހުން  ސުވާލުކުރި އެވެ.

އާއެކޭ ބުނުމަށް އަހަރެންގެ ބޮލުން އިޝާރާތްކުރީމެވެ. އިރުކޮޅަކު އިނުމަށްފަހު މާލިކް ތެދުވެއްޖެ އެވެ.

ކޮޓަރީން ނިކުމެގެން އެ ދިޔައީ ކޮންތާކަށް ކަމެއް ނޭގެ އެވެ. 

ލިބިފައިވާ ވަރުބަލިކަމާއެކު ލޯ މަރައިލެވުނެވެ. އަހަރެންގެ ނަސީބާއިމެދު މިފަދަ އިހްސާސެއް ކުރެވިދާނެކަމަށް ދުވަހަކުވެސް ހިތަށް ނާރަ އެވެ.

ނިދުނީކަމެއް ނުވަތަ ދެ ލޮލުގެ އެސްފިޔަތަށް ވަރުބަލިވީކަމެއް ނޭގުނެވެ. ކަންނެއްކަމާއެކު އެސްފިޔަތަށް ތަޅުވައިލެވުނީ ލުނބޯ ވަސް، ނޭފަތުގައި ޖެހުނުހެން ހީވެގެންނެވެ.

ލުނބޯފެންތައްޓެއް ހިފައިގެން ދާދިގާތުގައި އިނީ މާލިކް އެވެ. 

"މާލިކް ބީވެ ދިޔުމަކަށް ނޭދެން" ނުހަނު މަޑުމަޑުން އަސަރާއެކު ބުނެލީމެވެ.

"ނެވަރ...! ދުވަހަކުވެސް ނުދާނަން، އިން ޝާ ﷲ" އޯގާތެރިކަމާއެކު ބުންޏެވެ.

ލިބުނު ހިތްހަމަޖެހުމުގައި އޭނާގެ ލޮލަށް ބަލައިލެވުނެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވި ވަގުތު، ހިނިތުންވާން މަސައްކަތްކުރީމެވެ. އެކަމަކު ކުރި ހޯދީ ކަރުނަ އެވެ.

"ބީނިޝްދެކެ ވަރަށް ލޯބިވޭދޯ" މާލިކް ސުވާލުކޮށްލީ ވަރަށް މަޑުމަޑުންނެވެ.

"ވަރަށް ބޮޑަށް" އަހަރެން ބުނީމެވެ.

"އަހަރުމެން ދެމީހުން، އެކުގައި ދިރިއުޅެން އެންމެ ބޭނުން ވަނީ، ބީނިޝް.. އެކަން ކައިރާއަށް އެނގޭކަމަށް އަހަރެން އުއްމީދުކުރަން.. މި ކޮޓަރީގައި މި އެނދުގައި ތި ދެމީހުންނާއެކު އަހަރެން ނިދާނީ ކޮން ދުވަހަކުންތޯ ބީނިޝް ސުވާލުކުރާ އަދަދު ބުނެދޭކަށް އަހަންނަށްވެސް ނޭގޭ.. ބީނިޝް އެންމެ ދެކެން ބޭނުންވާ ދުވަހަކީ އަހަރުމެން ތިން މީހުން އެކުގައި މި އެނދުގައި ނިދާނެ ދުވަހެއް.." މާލިކް ވާހަކަދެއްކީ އަހަންނަށް ވިސްނައިދިނުމަށެވެ. 

އެ ވާހަކަތަކަކީ ކިތަންމެ ފަހަރަކު އަހަންނާއި ހަމައަށްވެސް ބީނިޝް ގެނެސްފައިވާ ޝަކުވާ ތަކެކެވެ.

މާލިކްއާއި އެއްބަސްވުމުގެ ގޮތުން އަހަރެންގެ ލޮލުން ބޮލުން އެއްބަސްވީމެވެ. 

"އަހަރެންގެ ފަރާތުން މި ގުޅުމަށް ސަތޭކަ ޕަސެންޓް ދޭނަން އިން ޝާ ﷲ، ކައިރާގެ ކިބައިންވެސް އަހަރެން އެދެނީ ހަމަ މިގޮތް... އެކަމަކު މިކަމަށް ކައިރާ އިންކާރު ކުރަންޏާއި ދެމީހުން ޖެހޭނީ ދެވަނަ ވިސްނުމަކަށް ދާން.." މާލިކް ވާހަކަދެއްކީ ވަރަށް މަޑުންނެވެ. 

"އަހަރެން ތައްޔާރު! ސަތޭކަ ޕަސެންޓް ދޭނަން އިން ޝާ ﷲ"

އަހަރެން ވައުދުވީމެވެ. 

"ޔަގީން؟"

"ޔަގީން، އިން ޝާ ﷲ" 

އަހަރެންގެ ވައުދު ބާރުގަދަކޮށްލުމަށް ތަކުރާރުކޮށްލީމެވެ. (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;