މެދުއިރުމަތީގެ ހަނގުރާމަ ހުއްޓާލުގެ ތާރީހީ އެއްބަސްވުމުގައި އެމެރިކާގެ ފަރާތުން ސޮއި ކުރެއްވީ ރައީސް ޑޮނަލްޑް ޓްރަމްޕް އެވެ. އަދި އިރާންގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އެވެ.
އިރާނުގެ ދައުލަތުގެ ނިއުސް އެޖެންސީ (އައިއާރްއެންއޭ) އިން ވަނީ ދެ ގައުމުގެ ރައީސުންގެ ސޮޔާއެކު މި ލިޔުން މިހާރު ފައިނަލްވެއްޖެ ކަމަށް އެގައުމުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަގާއީއާ ހަވާލާދީ ބުނެފަ އެވެ.
މި އެއްބަސްވުމުގައި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމުގެ މުސްތަގްބަލާ މެދު ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ. ވޮޝިންޓަނުން ބާރުއަޅަމުންދަނީ ކުރިއަށް އޮތް މަޝްވަރާތަކުގައި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް އުވާލުމަށާއި މަތީ ދަރަޖައަށް މުއްސަނދިކޮށްފައިވާ ޔުރޭނިއަމް އެ ގައުމުން ބޭރުކުރުމަށެވެ. ނަމަވެސް، ތެހެރާނުން ބުނަމުންދަނީ ބަދަލުކުރެވޭ އިންތިޒާމްތަކެއްގެ ދަށުން ނިއުކްލިއާ ހަރަކާތްތައް ކުރިއަށްގެންދަން ބޭނުންވާ ކަމަށެވެ.
އެއްބަސްވުމުގެ ދަށުން ބަންދުކޮށްފައިވާ ކަނޑުއޮޅި އަލުން ހުޅުވާލައި، 60 ދުވަހަށް ހަމަލާ ބަދަލުކުރުން މެދުކަނޑާލުމުގެ މުއްދަތު އިތުރުކުރާނެ އެވެ. މި މުއްދަތުގެ ތެރޭގައި އިރާނުގެ ނިއުކްލިއާ ޕްރޮގްރާމް ފަދަ ހައްސާސީ މައްސަލަތަކާ މެދު ގޮތްތަކެއް ނިންމުމަށް ވަނީ ހަމަޖެހިފަ އެވެ.
މި އެއްބަސްވުމަށް އާދެވިފައި މިވަނީ، ހާއްސަކޮށް އީރާނާއި ލުބުނާން ހިމެނޭހެން އެތައް ހާސް ބަޔަކު މަރުވެ، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެފައި އޮންނަތާ މަސްތަކެއް ފަހުންނެވެ.
ކުރިން ރާވާފައި އޮތީ މި އެއްބަސްވުމުގައި ސޮއިކުރާނީ ހުކުރު ދުވަހު އިރާނުގެ ގާނޫނު މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް އާއި އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ކަމަށެވެ. ނަމަވެސް، އިރާނުން ބުނީ މިހާރު ދެ ބޭފުޅުން ބައްދަލުވެވަޑައިގެން ރަސްމިއްޔާތެއް ބޭއްވުން މުހިންމު ނޫން ކަމަށެވެ.
14 ޕޮއިންޓެއް ހިމެނޭ މި އެއްބަސްވުމުގައި ދެ ގައުމުގެ ރައީސުން ސޮއިކުރެއްވި ނަމަވެސް ހުކުރު ދުވަހު ސްވިޓްޒަލެންޑުގައި މިކަމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވަން ވެސް ނިންމާފައިވެ އެވެ.
ސީބީއެސް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވިދާޅުވީ، އިރާނުން ނިއުކްލިއާ މަސައްކަތްތައް ހުއްޓާލައިފި ނަމަ، ގަލްފުގެ އަރަބި ގައުމުތަކުން ފަންޑުކުރާ 300 ބިލިއަން ޑޮލަރުގެ ރީކޮންސްޓްރަކްޝަން ފަންޑެއް ބޭނުންކުރުގެ ފުރުސަތު އިރާނަށް ލިބިގެންދާނެ ކަމަށެވެ.
އީރާނުގެ މަޝްވަރާތަކުގައި އިސްކޮށް ހަރަކާތްތެރިވި މުހައްމަދު ބާގިރު ގާލީބާފް ވިދާޅުވީ، އަސްކަރީ ފިޔަވަޅުތަކަށް ވުރެ މި އެއްބަސްވުމުގެ ސަބަބުން ލިބުނު ނަތީޖާ މާ ބޮޑު ކަމަށެވެ.
ދުނިޔޭގެ ލީޑަރުން ވަނީ މި ކުރިއެރުމަށް މަރުހަބާ ކިޔާފަ އެވެ. އިނގިރޭސިވިލާތް، ޖަރުމަނު، ފަރަންސޭސިވިލާތް އަދި އިޓަލީގެ ސަރުކާރުތަކުން ބުނެފައިވަނީ، އީރާނުގެ ނިއުކްލިއާ ހަރަކާތްތައް ކޮންޓްރޯލްކުރާ މިންވަރު ކަށަވަރުވުމުން، ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމާ މެދު ވިސްނާނެ ކަމަށެވެ. އިނގިރޭސި ބޮޑުވަޒީރު ކިއަރު ސްޓާމާ ވިދާޅުވީ އީރާނަށް ދުވަހަކު ވެސް ނިއުކްލިއާ ހަތިޔާރެއް ލިބިގެން ނުވާނެ ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;