މި މެޗުގެ ވަރަށް ކުރީކޮޅު އިންގްލެންޑުން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން 12 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު ޖަހައިދިނީ ކެޕްޓަން ހެރީ ކޭންއެވެ. ކޭން ފުރަތަމަ ފޮނުވާލި ޕެނަލްޓީ، ކްރޮއޭޝިއާގެ ގޯލްކީޕަރު ޑޮމިނިކް ލިވާކޮވިޗް މަތަކުރި ނަމަވެސް، ޕެނަލްޓީ މަތަކުރަން ރޮނގަށް ވުރެން ކުރިއަށް ޖެހި ހުރުމުން އަލުން ޖަހަން ދިން ޕެނަލްޓީ ކޭން ވަނީ ގޯލަށް ވައްދާލާފައެވެ.
މި ޕެނަލްޓީއަކީ އިންގްލެންޑުގެ ނޯނީ މަޑުއޭކޭއަށް އޭރިއާ ތެރެއިން ކްރޮއޭޝިއާގެ ކެޕްޓަން ލޫކާ މޮޑްރިޗް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. އެކަމަކު މި މެޗުގެ 36 ވަނަ މިނެޓުގައި ކްރޮއޭޝިއާއިން ނަތީޖާ އެއްވަރުކުރިއިރު، ޕީޓަ ސުޗިޗް ދިން ބޯޅައަކުން މި ލަނޑު ޖަހައިދިނީ މާޓިން ބަޓުރީނާ އެވެ. އެ ގޮތުން، ކްރޮއޭޝިއާގެ ޕީޓަ ސުޗިޗް ދިން ބޯޅަ ބަޓުރީނާ ވަނީ އިންގްލެންޑްގެ ކީޕަރު ޖޮޑަން ޕިކްފޯޑް އަތުގައި ޖައްސާފައި ގޯލު ޖަހައިފަ އެވެ.
އިންގްލެންޑުން ދެ ވަނަ ފަހަރަށް ލީޑުނެގީ 42 ވަނަ މިނިޓްގައި ކޯނަރަކުން ޑެކްލަން ރައިސް ނެގި ބޯޅައަކުން ކޭން ބޮލުންޖެހި ގޯލުންނެވެ. އެކަމަކު، މި ލަނޑާ އެކު ވެސް ލީޑުގައި އޮވެ އިންގްލެންޑަށް ނިންމައިނުލެވުނެވެ. އެއީ، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފަސް ވަނަ މިނިޓްގައި ކްރޮއޭޝިއާ އިން ލަނޑެއް ޖަހައި، ދެ ވަނަ ފަހަރަށް ނަތީޖާ ހަމަހަމަކުރުމުންނެވެ. ކްރޮއޭޝިއާގެ އިވާން ޕެރިސިޗް ދިން ބޯޅައަކުން މި ލަނޑު ޖެހީ އެމެރިކާ ލީގުގެ ޑަލަސް އަށް ކުޅޭ ފޯވާޑް، ޕީޓާ މޫސާ އެވެ.
ފީފާ ވޯލްޑް ކަޕްގައި އެންމެ ފަހުން ދެ ފަަހަރު ސެމީ ފައިނަލާ ހަމައަށް ދަތުުރުކުރި ކްރޮއޭޝިއާ އަށް މި ފަހަރުގެ މުބާރާތުަގައި ފުރަތަމަ ލަނޑު ޖަހައިދިން މާޓިން ބަޓުރީނާ އުފާފާޅުކުރަނީ.
ފުރަތަމަ ހާފު އެއްވަރުވެގެން ނިމުނު ނަަމަވެސް ދެ ވަނަ ހާފު ފެށިގެން ދެ މިިނިޓް ތެރޭ އިންގްލެންޑުން އަނެއްކާ ވެސް ލީޑުނެގި އެވެ. މެޗުގެ 47 ވަނަ މިނިޓްގައި ބެލިންހަމް މި ގޯލު ޖެހީ އޭރިއާތެރެއަށް ބޯޅަ ހިފައިގެން ވަދެ، ގޯލުގެ ދުރު ކަަނަށް އަމާޒުކޮށްލައިގެންނެވެ. އޭގެ ފަހުން، ކޭން އަށް ހެޓްރިކް ހަދަން ލިބުނު ފުރުސަތުގައި ޖެހި ޝޮޓް ކީޕަރު ލިވާކޮވިޗް ވަނީ މަަތަކޮށްފަ އެވެ.
މެޗުގެ 85 ވަނަ މިނެޓުގައި ބުކާޔޯ ސަކާ ތަނަވަސްކޮށްދިން ފުރުސަތަކުން، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މާކަސް ރަޝްފޯޑް ވަނީ ލަނޑެއް ޖަހައި، އިންގްލެންޑަށް 4–2 އިން މެޗު ކާމިޔާބުކޮށްދީފަ އެވެ. އޭރިއާތެރެއިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ރެޝްފޯޑް ވަނީ ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.
މިމެޗުގައި ޖެހި ދެ ލަނޑާއެކު ހެރީ ކޭން ވެގެންގޮސްފައި ވަނީ ވޯލްޑް ކަޕްގައި އިންގްލޭންޑަށް މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިއާއަށެވެ.
ގްރޫޕް އެލްގައި ދެން ހިމެނެނީ ޕެނަމާ އާއި ގާނާ އެވެ. މި ދެ ޓީމުގެ ތެރެއިން އިންގްލެންޑުން ދެން ނުކުންނާނީ ގާނާއާ ދެކޮޅަށެވެ. އެ މެޗު ކުޅޭނީ އަންނަ ހަފްތާގެ ބުދަދުވަހު، ރާއްޖެ ގަޑިން ދަންވަރު 1 ޖަހާއިރެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;