ފްރާންސް އަށް އުފަން އުމުރުން 54 އަހަރުގެ ލަމޫޗީ ވަކި ކުރަން ޓިއުނީޝިއާ އިން ނިންމީ ސްވިޑެން އަތުން ބަލިވި މެޗަށް ފަހު، ބޭއްވި ޓިއުނީޝިއާ ފުޓްބޯޅަ ފެޑެރޭޝަންގެ އިމެޖެންސީ ބައްދަލުވުމެއްގެ ތެރެއިންނެވެ. އަދި، ލަމޫޗީގެ ކޯޗުކަމުގައި އެކަށީގެންވާ ނަތީޖާއެއް ބާކީ އޮތް ދެ މެޗުގައި ނެރެވޭނެ ކަމުގެ ޔަގީންކަން ފެޑެރޭޝަނުގެ ސީނިއާ މެނޭޖްމަންޓަށް ނެތުމުންނެވެ.
ޓިއުނީޝިއާގެ ކޯޗުކަމުން ވަކި ކުރި ލަމޫޗީ އެ މަގާމާ ހަވާލުވީ މި އަހަރުގެ ޖެނުއަރީ މަހު އެވެ. ފްރާންސް ގައުމީ ޓީމާއި، އިންޓަ މިލާނުގެ ކުރީގެ މިޑްފީލްޑަރު ލަމޫޗީ އަށް އިތުރު ފުރުސަތެއް ނުދީ ވަކި ކުރަން ނިންމުމުން އެއް ބަޔަކު އަންނަނީ ފާޑުކިޔަމުން ނެވެ.
މިއީ ޓިއުނީޝިއާގެ ފުޓްބޯޅަ ތާރީހުގައި މިފަދަ ކަމެއް ހިނގި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ 28 ކުރިން 1998 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ވެސް ނަތީޖާތައް ދަށްވުމުގެ ސަބަބުން ހެންރީކް ކަސްޕަރްޒަކް ވަނީ މަގާމުން ވަކިކޮށްފަ އެވެ. ނަމަވެސް އެ ފަހަރު އޭނާއަށް ދެ މެޗުގެ ފުރުސަތު ދިނެވެ.
މީގެ އިތުރުން އެ މުބާރާތުގައި ދެކުނު ކޮރެއާގެ ޗާބުމްކުން ވެސް މަގާމުން ވަކި ކުރި އިރު، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ފެށެން އެންމެ ދެ ދުވަހަށް ވެފައިވަނިކޮށް ސްޕެއިންގެ ކޯޗު ހޫލެން ލޮޕެޓެގީ ވެސް ވަނީ މަގާމުން ވަކިކޮށްފަ އެވެ. އޭނާ ވަކި ކުރީ ރެއާލް މެޑްރިޑުގެ ކޯޗުކަމާ ހަވާލުވާން ނިންމިކަން އިއުލާންކުރުމާ ގުޅިގެންނެވެ.
އެހެންކަމުން މިއީ ލަމޫޗީއަށް ލަދުވެތި ކަމަކަށްވީ ނަމަވެސް، މިއީ މީގެ ކުރިން ވެސް ފުޓްބޯޅައިގެ ބޮޑެތި މުބާރާތްތަކުގައި ހިނގާފައިވާ ފަދަ ކަމެކެވެ.
ޓިއުނީޝިއާ ފެޑެރޭޝަނުން ބުނީ ކުރިއަށް ހުރި މެޗުތަކުގައި އެ ޓީމަށް ކޯޗުކޮށް ދޭނީ ފްރާންސްގެ ހާވޭ ރެނާޑް ކަމަށެވެ. އޭނާ އަކީ، 2022 ގެ ވޯލްޑް ކަޕުގެ ފުރަތަމަ މެޗުން ޗެމްޕިއަން އާޖެންޓީނާ އަތުން 1-0 އިން ސައޫދީ އަރަބިއާ މޮޅުވި އިރު އެ ޓީމުގެ ކޯޗެވެ. އޭގެ ފަހުން ރެނާޑް ކޯޗުކޮށް ދެމުން އައީ ފްރާންސްގެ ގައުމީ އަންހެން ޓީމަށެވެ.
ގްރޫޕް ސްޓޭޖުގައި ޓިއުނީޝިޔާއަށް ކުރިއަށް އޮތީ ޖަޕާން މެޗަށްވާއިރު, ޖަޕާން އިން ވަނީ ނެދަލޭންޑްސް އާ އެއްވަރުކޮށްފަ އެވެ. އެހެން ކަމުން ޖަޕާން އަތުން ބަލިވެއްޖެ ނަމަ ޓިއުނީޝިޔާއަށް މުބާރާތުގެ ގްރޫޕް ސްޓޭޖް ފަހަނައަޅާ ދިއުމުގެ ފުރުސަތު ހަނިވާނެ އެވެ.
ލަމޫޗީގެ އިރުޝާދުގެ ދަށުން ޓިއުނީޝިޔާ މިހާތަނަށް ކުޅެފައިވާ ފަސް މެޗުގެ ތެރެއިން އެ ޓީމު މޮޅުވެފައިވަނީ 1-0 ގެ ނަތީޖާއަކުން ހެއިޓީ އަތުން އެކަނި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;