މި މެޗުގައި ނިއުޒީލެންޑުން ދެ ފަހަރަށް ލީޑު ނަގާފައިވަނިކޮށް، ހިތްވަރުގަދަ ކުޅުމަކަށްފަހު އިރާނުން ވަނީ ދެ ފަހަރުވެސް ނަތީޖާ ހަމަހަމަކޮށް ޕޮއިންޓެއް ހޯދާފަ އެވެ.
މެޗުގައި ނިއު ޒީލެންޑުން ފުރަތަަމަ ފަހަރަށް ލީޑުނެގީ ކްރިސް ވުޑް ދިން ބޯޅަ އަކުން ހަތް ވަނަ މިިނިޓްގައި އެލައިޖާ ޖަސްޓް ޖެހި ގޯލުންނެވެ. މިއީ، ލިބުނު ފުރުސަތުގައި ވޮލީ އަކުން ޖަސްޓް ޖެހި ގޯލެކެވެ.
އަށާވީސް ވަރަކަށް މިނިޓް ވަންދެން ނިއު ޒީލެންޑުން ލީޑުގައި އޮތްއިރު، އިރާނުން ވަނީ 32 ވަނަ މިނިޓްގައި އެއްވަރުކޮށްފަ އެވެ. އިރާނުގެ ލަނޑު ޖެހީ ރާމީން ރެޒައީން އެވެ. އިރާނުގެ ތަރި، މަހުދީ ތަރޭމީ އެ ޓީމަށް ލީޑުނަަގައިދޭން ފޮނުވާލި ޝޮޓް އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.
ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފްވެސް ރަނގަޅަށް ފަށާ، ނިއުޒިލެންޑުން ދެވަނަ ފަހަރަށް ލީޑް ނެގީ ދެވަނަ ހާފް ފަށައިގެން ނުވަ ވަނަ މިނިޓްގަ އެވެ. މިލަނޑުވެސް ޖެހީ އެލިއަހު ޖަސްޓް އެވެ. މިލަނޑުގައިވެސް ކްރިސް ވުޑްގެ ހިއްސާ ބޮޑެވެ.
އޭގެ ދިހަ މިނިޓް ފަހުން އިރާނަށް ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކޮށްދިނީ މުހައްމަދު މުޒެއްބީ އެވެ. ރެޒައީން ދިން ބޯޅައަކުން މުޒެއްބީ ބޮލުން ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.
މެޗު ނިމެނިކޮށް ދެ ޓީމުން ވެސް މޮޅަކަށް މަސައްކަތްކުރަމުންދިޔަ އިރު، ނިއު ޒިލޭންޑާއި އިރާނުން ވެސް ފަހުވަގުތު މަސައްކަތްކުރަމުންދިޔައީ ހުރަސްތަކުން ނުރައްކާކުރުމަށެވެ.
އީރާނާއި ނިއު ޒީލެންޑަށް ވެސް މިހާތަނަށް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖް ފަހަނައަޅާ ދެވިފައެއް ނުވެ އެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ބެލްޖިއަމާއި މިސްރެވެ. އެ މެޗު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.
އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ނިންމާލުމުގެ ފުރަތަމަ އެއްބަސްވުމާ ހަމައަށް ދެވުނަސް ވޯލްޑް ކަޕްގައި އީރާންގެ ފުރަތަމަ މެޗަށް ނުކުތީ ވެސް، ގިނަ ގޮންޖެހުންތަކަކާއިއެކު އެވެ. އޭގެ ތެރޭގައި އެމެރިކާއިން ވިސާ ނުލިބުމުގެ ސަބަބުން މެކްސިކޯގައި ކޭމްޕްކޮށްގެން މެޗުތަކަށް ދަތުރުކުރަން ޖެހުމާއި، ސަޕޯޓަރުންނަށް ސްޓޭޑިއަމްތަކަށް ވަނުމުގައި ހުރި ހުރަސްތައް ހިމެނެ އެވެ.
އެމެރިކާގައި އިރާނުން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން - ފޮޓޯ: އޭއެފްޕީ
އިރާނުގެ ޓީމުގެ ބޭސް، އެމެރިކާގެ ފަސްގަނޑުގައި ބަހައްޓަން އެމެރިކާއިން ހުއްދައެއް ނުދެއެވެ. އެންމެ ފަހުން އިރާނަށް ޖެހުނީ އެމެރިކާ އާއި މެކްސިކޯ އެއް ބޯޑަރަކުން ގުޅުވައިދޭ މެކްސިކޯގެ ޓައިވާނާ ސިޓީގައި ކޭމްޕް ކުރާށެވެ.
އެމެރިކާ އަށް އިރާން ޓީމު ދަތުރު އެ ކުރާނީ މެޗަށް އެކަންޏެވެ. މެޗު ނިމުމުން އަނެއްކާވެސް މެކްސިކޯ އަށް ޓީމު އެނބުރިދަނީ އެވެ. ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖްގައި އިރާނުގެ ހުރިހާ މެޗެއް ވެސް ކުޅެން ހަމަޖެހިފައި ވަނީ އެމެރިކާގެ ފަސްގަނޑުގަ އެވެ.
އެ ޓީމުގެ ފޯވާޑް މަހްދީ ތަރޭމީ ބުނީ އުފެދިފައިވާ ސިޔާސީ މައްސަލަތަކުގެ ސަބަބުން، ފީފާއިން ދޭން ބޭނުންވާ ސުލްހައިގެ މެސެޖަށް ހުރަސް އެޅި އޭގެ އަސަރު ވޯލްޑް ކަޕަށް ވެސް ކޮށްފައިވާ ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;