ލީޑާޝިޕްގެ ބޭފުޅުންނާއި ނަޝީދު ބައްދަލު ކުރައްވަން ނިންމާފައިވަނީ ވަކިވަކިން ކަން ވަނީ އެނގިފައެވެ. އެގޮތުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އާ ރައީސް ނަޝީދު ބައްދަލު ކުރައްވަން ހަމަޖެހިފައިވަނީ މިއަދު ހެނދުނު 10:30ގައެވެ. އަދި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް އާ ވެސް ނަޝީދު މިއަދުގެ ވަގުތެއްގައި ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން ޗެއާޕާސަން އިންތިހާބުގައި ނަޝީދާއި ވާދަކުރެއްވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމްއާ ވެސް މިއަދު ބައްދަލު ކުރައްވަން ވަނީ ނިންމަވާފަ އެވެ. މި ބައްދަލުވުން އޮންނާނީ މެންދުރު 1:00 ޖަހާއިރުއެވެ.
ޕާޓީގެ ލީޑާޝިޕާއި ރައީސް ނަޝީދު މިއަދު ބައްދަލު ކުރެއްވި ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި މިއަދު ބައްދަލެއް ނުކުރައްވައެވެ. ސަބަބަކީ ރައީސް ސާލިހު މިވަގުތު މާލޭގައި ވަޑައިގެން ނޫޅުއްވާތީއެވެ. ރައީސް ސާލިހާ ނަޝީދު ބައްދަލު ކުރައްވަން ހަމަޖެހިފައިވަނީ އެމަނިކުފާނު އެނބުރި މާލެ ވަޑައިގެންނެވުމުން ކަމަށް ވަނީ އެނގިފައެވެ.
އެމްޑީޕީ ޗެއާޕާސަން އިންތިހާބުގެ ވަގުތީ ނަތިޖާ ދައްކާގޮތުން 21،301 ވޯޓު ނަޝީދަށް ލިބިވަޑައިގަތެވެ. އަދި މީކާއިލަށް ލިބިވަޑައިގަތީ 9،462 ވޯޓެވެ. އަދި އަމިއްލަ ގޮތުން ވާދަ ކުރި އިބްރާހިމް މުހައްމަދަށް 132 ވޯޓު ލިބުނުއިރު 234 ވޯޓް ބާތިލް ކަމަށް ކަނޑައަޅާފައިވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;