ނިއު ޔޯކްގެ ނިއު ޖާޒީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފު މޮރޮކޯއިން ޑޮމިނޭޓްކުރިއިރު، މެޗުގެ 21 ވަނަ މިނެޓުގައި ބްރަހީމް ޑިއާޒް ދިން މޮޅު ޕާހަކުން އިސްމާއިލް ސައިބާރީ ވަނީ ބްރެޒިލްގެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ގޯލެއް ޖަހައި މޮރޮކޯއަށް ކުރިހޯދައިދީފަ އެވެ.
ނަމަވެސް ބްރެޒިލްއިން ވަނީ ހިތްވަރާއެކު ކުޅެ މެޗުގެ 32 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. ބްރެޒިލްގެ ގައުމީ ޓީމަށް ކުޅެދިން 50 ވަނަ މެޗުގައި، ބްރޫނޯ ގިމަރޭސް ދިން ރީތި ބޯޅައަކުން މި ލަނޑު ޖަހައިދިނީ ތަރި ވިނީޝިއަސް ޖޫނިއާ އެވެ.
ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މޮރޮކޯ އާއި ބްރެޒިލް ބައްދަލުކުރި މެޗުގެ ތެރެއިން.
މެޗުގެ ދެ ވަނަ ހާފުގައި މޮރޮކޯ އާއި ބްރެޒިލުން ކުރިއަށް ޖެހިގެން ލަނޑެއް ޖެހޭތޯ ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ކާމިޔާބުވާގޮތެއްނުވި އެވެ. ބްރެޒިލްގެ ކީޕަރު އެލިސަން ބެކާ އާއި މޮރޮކޯގެ ގޯލު ބެލެހެއްޓި ޔާސީން ބޯނޯ ވަނީ މުހިންމު ވަގުތުތަކުގައި ޑިފެންސް ބެލެހެއްޓުމުގައި ވެސް ރަނގަޅު ހިތްވަރެއް ދައްކައިފަ އެވެ.
ތައްޓަށް ވާދަކުރަން މުބާރާތާ ކުރިމަތިލި ގައުމުގެ ކޯޗު ކާލޯ އަންޗެލޯޓީ ބްރެޒިލްގެ މީޑިއާތަކަށް ބުނީ ޓީމު ވަރަށް ބޮޑަށް ރަނގަޅު ކުރަންޖެހޭ ކަމަށެވެ.
ޓީމުގެ ވަކި ޑިޕާޓްމަންޓެއް ރަނގަޅު ކުރަންޖެހޭތޯ އެހުމުން އަންޗެލޯޓީ ބުނީ ރަނގަޅު ކުރަންވީ މުޅި ޓީމު ކަމަށެވެ.
އަނިޔާގެ ސަބަބުން، މި މެޗުގައި ނޭމާ އަށް ބައިވެރި ނުވެވުނެވެ. އޭނާ ހުރީ ސްޓޭޑިއަމްގައި ސަޕޯޓަރެއްގެ ގޮތުގައި މެޗު ބަލާށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;