ހިޖުރީ ގޮތުން ކަތީބުދޮންބެއަށް 100 އަހަރުވުން، މިދިޔަ އަހަރު ފާހަގަ ކުރިއެވެ. ކަތީބު ދޮންބެ އަވަހާރަވީ މިއަދު މެންދުރު ފަހު ނިލަންދޫ ހޮސްޕިޓަލްގައެވެ. ކަތީބު ދޮންބެ އަވަހާރަވީ ގިނަ ދުވަސްތަކެއް އާލާސްކަންފުޅާ އުޅުއްވުމަށް ފަހުއެވެ.
ކަތީބުދޮންބެއަކީ ޒަމާންތަކެއް ވަންދެން ރަށުގެ ކަތީބުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ބޭރު ދަތުރުކުރި ކުޅަދާނަ މާލިމީއެއްގެ އިތުރުން އެއީ ފެހުމާއި ތެދުއިވަޑާމާއި ކެޔޮޅުކަމާއި ދިވެހި ބޭސްވެރިކަމާއި ކަށުކަމާ ކެމީގެ ކަންކަން ވެސް ކުރެއްވި ނަމޫނާ ހިދުމަތްތެރިއެކެވެ. ކަތީބު ދޮންބެވަނީ ދަނޑުވެރިކަން ކުރުމުގެ ރޮނގުން އާއްމު ހިދުމަތުގެ އިނާމުވެސް ހޯއްދަވާފައެވެ.
ކަތީބުދޮންބެގެ ތިން ކައިވެންޏަކަށް، 16 ކުދިން ލިބުނެވެ. އޭގެ ތެރެއިން މިހާރު ދުނިޔޭގައި ތިބީ 14 ކުދިންނެވެ. ކާފަ ދަރިންގެ އަދަދު 100 އާ ގާތްކުރެއެވެ. އަދި މުނިކާފަ ކިޔާ ދަރިންވެސް 100 އަށްވުރެ ގިނަވާނެއެވެ. މީގެ އިތުރުން ކަތީބު ދޮންބެއަށް ހޫރު ކާފަ ކިޔާވެސް 15 ވަރަކަށް ކުދިން އެބަތިއްބެވެ.
ކަތީބުދޮންބެގެ ފާހަގަކޮށްލެވޭ ދަރިންގެ ތެރޭގައި ހިތުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު އަބްދުލް އަޒީޒް އަހުމަދާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލީ އަހުމަދާއި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްލަތީފް އަހުމަދު (އުދަރެސް ލަތީފް) އާއި ފ. އަތޮޅު ތައުލީމީ މަރުކަޒުގައި 25 އަހަރު އަދި ގާޒީ ސްކޫލުގެ ސެން ޓީޗަރަކަށް އެތައް އަހަރެއް ވަންދެން މަސައްކަތް ކުރެއްވި އުމްނިއްޔާ އަހުމަދު ހިމެނެ އެވެ.
ކާފަދަރިންގެ ތެރޭގައި ހައި ކޯޓުގެ މީޑިއާ އޮފިޝަލް އަދި ކުރީގެ ނޫސްވެރިޔާ އަމީން ފައިސަލާއި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަންވަރު އަލީ އާއި ފަރުހާދު އިސްމާއީލް ހިމެނެ އެވެ. ކަތީބުދޮންބެއަށް މުނި ކާފަ ކިޔާ ދަރިންގެ ތެރޭގައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަބްދުލް ހަސީބު އިސްމާއީލް ހިމެނިވަޑައިގަންނަވަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;