ޔުނައިޓެޑް ސްޓޭޓްސް ޖިއޮލޮޖިކަލް ސަވޭ (ޔޫއެސްޖީއެސް) އިން ސުނާމީގެ އިންޒާރާ އެކު ބުނީ ކަނޑުގެ ބިމު އަޑިން މި ބިންހެލުން އުފެދިފައިވަނީ ފިލިޕީންސްގެ މިންދަނާއޯ ރަށުގެ ބޭރުން 35 ކިލޯމީޓަރު (22 މޭލު) ފުނުން ކަމަށެވެ.
ބިންހެލުން އައީ ފިލިޕިންސް އިއްޔެ ގަޑިން ހެނދުނު 7:40 އެހާއިރު އެވެ. އެއީ ރާއްޖޭ ގަޑިން ނަމަ ފަތިހު 4:40 އެވެ.
މި ބިންހެލުމުގައި މިހާތަނަށް 42 މީހުން މަރުވެ، 489 މީހުންނަށް އަނިޔާވެފައިވާކަން ވަނީ ކަށަވަރުވެފަ އެވެ. ފިލިޕީންސްގެ ބިންހެލުމާއި ސުނާމީއާ ބެހޭ އިދާރާއިން (ފައިވޮލްކްސް) ބުނީ، ބިންހެލުމަށްފަހު އައި ލޮޅުންތަކުގެ އަސަރު އެއް ގަޑިއިރަށް ދެމިގެންދިޔަ ކަމުގަ އެވެ.
މި ބިންހެލުމާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު، އެ ގައުމުގެ ރައީސް، ފަޑިނަންޑް ރޮމުލްޑޭޒް މާކޮސް ޖޫނިއާ އަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފަ އެވެ.
ރައީސް އެ ގައުމުގެ ރައީސަށް ފޮނުއްވި މެސެޖްގައި ވިދާޅުވީ، އެތައް ބައެއްގެ ފުރާނަ ގެއްލި އަދި ގިނަ ބަޔަކު ޒަހަމްވި މި ނުރައްކާތެރި ބިންހެލުމުގެ ހަބަރު އަޑުއެއްސެވީ، ފުން ހިތާމައާ އެކުގައި ކަމަށެވެ.
އަދި އެމަނިކުފާނު ވަނީ، ދިވެހި ރައްޔިތުންނާއި ސަރުކާރުގެ ނަމުގައި، ފިލިޕީންސްގެ ރައީސަށާއި، ސަރުކާރަށާއި، ރައްޔިތުންނަށާއި، ބިންހެލުމުގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެ، ހަމްދަރުދީ ފާޅުކުރައްވާފަ އެވެ.
ފިލިޕީންސްގެ ރައީސް ފާޑިނަންޑް މާކޯސް ޖޫނިއާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ކާރިސާއާ ގުޅިގެން ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމުގައި ސަރުކާރުގެ އިދާރާތަކުން ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި ބިންހެލުމުގައި އިންޑޮނީޝިޔާ، މެލޭޝިޔާ، ޖަޕާން، ތައިވާން އަދި މައިކްރޮނޭޝިޔާ ހިމެނޭ ގޮތުގައި ސަރަހައްދީ އެހެން ގައުމުތަކަށް ވެސް ސުނާމީގެ އަސަރު ކުރާނެ ކަމަށް ލަފާކޮށް، އެ ގައުމުތަކުން ވެސް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;