އޮސްޓްރޭލިއާ މާކެޓަށް އައި ކުރިއެރުމުގެ އެންމެ ބޮޑު އެއް ސަބަބަކީ، ގައުމީ އެއާލައިން މޯލްޑިވިއަން އިން މިދިޔަ މަހު އެ ގައުމާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފެށުމެވެ. އޮސްޓްރޭލިއާގެ މެލްބަންއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފެށި މި ސީދާ ދަތުރުތަކުގެ ސަބަބުން، ދެ ގައުމުގެ ދެމެދުގައި އޮތް 11 ގަޑިއިރުގެ ދިގު ދަތުރުފަތުރުގެ ނިޒާމު މިވަނީ ފަތުރުވެރިންނަށް މާ ބޮޑަށް ވެސް ފަސޭހަވެފައެވެ.
މޯލްޑިވިއަނުން މިހާރު ހަމަޖައްސާފައިވާ ޝެޑިއުލަކީ ހަފުތާއަކު އެއް ދަތުރު ކުރުމެވެ. އެގޮތުން ކޮންމެ އާދިއްތަ ދުވަހަކު ރާއްޖެއިން މެލްބަންއަށް ފްލައިޓް ދާއިރު، އެނބުރި ރާއްޖެއަށް ޓޫރިސްޓުން ގޮވައިގެން އަންނާނީ ކޮންމެ އަންގާރަ ދުވަހަކުއެވެ.
ޓޫރިސްޓް އެރައިވަލް ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 6ވަނަ ދުވަހުގެ ނިޔަލަށް އޮސްޓްރޭލިއާއިން ރާއްޖެއަށް ވަނީ 20,878 ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އެޤައުމުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 17,957 ޓޫރިސްޓުންނާ އަޅާ ބަލާއިރު %16 އިތުރު އަދަދެކެވެ.
މީގެ އެއްމަސްދުވަސް ކުރިން އޮސްޓްރޭލިއާ އަކީ ރާއްޖެއަށް 10 ވަނައަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން ޒިޔާރަތްކުރާ ގައުމެވެ. އަދި މިހާރު އެގައުމު މިވަނީ ރާއްޖެއަށް 9 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމަށްވެފަ އެވެ.
ސަރުކާރުން ވަނީ، މެދުއިރުމަތީގެ ހަމަނުޖެހުން ފެށުނުފަހުން ފަތުރުވެރިން ގެންނަ މާކެޓުތައް އިތުރުކުރުމަށް މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ. މިދިޔަ އަހަރު ރާއްޖެއަށް ދެ މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. މިއަހަރު ރާއްޖެއަށް 2.2 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ރާއްޖޭގައި ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށް 45،000 އަށް ވުރެ ގިނަ އެނދު އެބަހުއްޓެވެ. ރާއްޖޭގައި މިވަގުތު 179 ރިސޯޓާއި، 16 ހޮޓެލްގެ އިތުރުން، 918 ގެސްޓްހައުސް އާއި، 171 ސަފާރީ އޮޕަރޭޓް ކުރަމުންދެ އެވެ.
އަތޮޅުތަކުގައި ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށް ރެޖިސްޓްރީކޮށްފައިވާ އެނދުގެ ޖުމްލަ އަދަދު މިހާރު ވަނީ 64,065 އަށް އަރާފަ އެވެ. މީގެ ތެރޭގައި ހިމެނެނީ ރިސޯޓުތަކުގެ 44,977 އެނދާއި ގެސްޓްހައުސްތަކުގެ 16,434 އެނދުގެ އިތުރުން ހޮޓާތަކުގެ 2,654 އެނދެވެ. އެނދުގެ ގޮތުންނާއި ޓޫރިސްޓުން ޒިޔާރަތްކުރި އަދަދަށް ބަލާއިރު ވެސް އެންމެ ކުރީގައި އުޅެނީ ކ. އަތޮޅެވެ. ކ. އަތޮޅުގައި ޖުމްލަ 25,040 އެނދު އޮޕަރޭޓްކުރަމުންދެ އެވެ.
ރަށު ފަތުރުވެރިކަމުގެ ވިޔަފާރީގައިވެސް އެންމެ ފުޅާދާއިރާއެއްގައި އެނދު ހުރީ ކ. އަތޮޅުގަ އެވެ. އެއީ 7,878 އެނދެވެ. ދެވަނަ އަށް އެންމެ ގިނަ ގެސްޓްހައުސް އެނދު ހުރީ އދ. އަތޮޅު (1,848 އެނދު) އަދި އއ. އަތޮޅު (2,258 އެނދު) ގައެވެ. ބ. އަތޮޅަކީ ވެސް 1,342 އެނދާއެކު ގެސްޓްހައުސް ވިޔަފާރި ފާހަގަކޮށްލެވޭ މިންވަރަކަށް ކުރި އަރަމުން އަންނަ އަތޮޅެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;