އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައެވެ.
ރައީސް ޑރ. މުއިއްޒު ހިތާބުގައި ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާއި، އަދި ގައުމުގެ ތަރައްގީގެ ދުވެއްޔާއެކު ތިމާވެށްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަނެ، ލިބޭ ގެއްލުންތައް ކުޑަކޮށް، ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ޒަމާނުންސުރެ އޮތް އެންމެ ބޮޑު ހުރަހަކީ، އެކަށީގެންވާ މިންވަރަށް މާލީ ވަސީލަތްތައް ނުލިބުމާއި މި މަސައްކަތްތަކަށް އަހަރުން އަހަރަށް، ޔަގީންކަމާއެކުގައި ލިބޭ ބަޖެޓް ނެތުންކަމަށެވެ. އެހެންކަމުން، މި މަސައްކަތަށް، ކޮންމެ އަހަރަކު 7 މިލިއަން ރުފިޔާ، މޯލްޑިވްސް ގްރީން ފަންޑުން ހަރަދުކުރުމަށް ނިމްމާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ މި ފައިސާ ހަރަދުކުރާނީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި ދިރުންތައް ރައްކާތެރިކޮށް ދެމެހެއްޓުމުގެ މަސައްކަތައްކަމަށެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ އަސަރުތައް މިހާރުވެސް ރާއްޖެ ތަޙައްމަލުކުރަމުންއަންކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން އާދަޔާ ހިލާފަށް މޫސުން ގޯސްވުމާއި، ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ފަރުތަކާއި ކަނޑުގެ ދިރުންތަކަށް ލިބެމުންދާ ގެއްލުންތައް އިތުރުވުމަކީ، މިއަދުގެ ދުނިޔޭގެ ހަގީގަތްކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;