ހުޅުމާލޭގައި ރޭ ބޭއްވި ކެމްޕޭން ހަރަކާތެއްގައި ނަޝީދު ވިދާޅުވީ ދަރަނި ދެއްކުމުގައި ރައްޔިތުން ނިކަމެތިވިޔަ ނުދީ، ގައުމުގެ އިގްތިސާދީ ތަނަވަސްކަން އިތުރުކުރުމާއި އާމްދަނީ ލިބޭނެ މަގުތައް ފުޅާކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.
ދަރަނީގެ ދަންތުރައިގައި ޖެހިގެން އެފްރިކާގެ އެތައް ގައުމެއް ބިކަވަމުންދާތަން ފެންނަމުންދާ ކަމަށާއި ނަމަވެސް ރާއްޖެއަށް އެހެން ނުހެދޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ރައްޔިތުންނާއި ގައުމު ތަނަވަސްކޮށްގެން ދަރަނި ދެއްކޭނެ ގޮތް އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އެމަނިކުފާނު ވާދަ ކުރެއްވުމުގެ އެއް ބޭނުމަކީ އެއީ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސޯދީ ހާލަތު ރަނގަޅު ނުކޮށްފި ނަމަ ދެން ވާނެ ގޮތް އަންދާޒާ ކުރައްވައި ނަޝީދު ވިދާޅުވީ، "މި ހުރިހާ ކުލަބޮކިތަކާއި މި ހުރިހާ ބިއްލޫރިތަކާއި ކޮންކްރީޓްތައް" އިސާހިތަކު ބީވެ ހިނގައިދާނެ ކަމަށެވެ. އަދި ބުއްދިވެރިކަމާ އެކު އެކަން ނުކޮށްފި ނަމަ ރާއްޖެ ސަލާމަތެއް ނުވާނެ ކަމަށް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި އެ މަނިކުފާނު އެމްޑީޕީގެ ޗެއާޕާސަންކަމަށް ނުކުމެ ވަޑައިގެން ހުންނެވީ، ބަދަލުވަމުންދާ ދުނިޔެއެއްގައި، ރާއްޖެއިން ސާބިތުކަމާ އެކު ފައިހަރުކޮށް، ދިވެހިންނަކީ ގަދަރުވެރި އަދި މި ސަރަހައްދާއި ދުނިޔެއަށް ވެސް ފެންނާނެ ބަޔަކަށް ހެދުމަށެވެ. "އެހެންވެ، މި މަގާމަށް އަޅުގަނޑު ހޮވައިދިނުމަށް އެދެން،" ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ދަރަނީގެ ވާހަކަ ދެއްކެވިއިރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ދޫކުރި ސުކޫކަށް ދައްކަންޖެހޭ 524.68 މިލިއަން ޑޮލަރު (8 ބިލިއަން ރުފިޔާ) މި ސަރުކާރުން މިފަހުން ފަހުން ވަނީ ދައްކައިފަ އެވެ. ނަތީޖާއެއްގެ ގޮތުން ފިޗް ރޭޓިންގައި ރާއްޖޭގެ ކްރެޑިޓް ރޭޓިންގް މިހާރު ވަނީ މަތިކޮށްފި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;