ޓައިޕް 1 ހަކުރު ބަލި ތަހަންމަލުކުރާ ކުދިންނާއި މީހުންގެ ފަރުވާ އާސަންދައިން ލިބޭގޮތް ހެދުމާ އެއާއިލާތަކުން ކުރަންޖެހޭ ހޭދަ ބޮޑުކަމުންނާއި ފަރުވާއަށް ބޭނުންވާ ތަކެތި ލިބުމުގައި ހުރި ދަތިތަކަށް ހައްލު ހޯދައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

Advertisement
ޑައިބިޓީސް ސޮސައިޓީ އޮފް މޯލްޑިވްސް (ޑީއެސްއެމް)ގެ ރަޖިސްޓްރީގައި މިހާރުވެސް، ޓައިޕް 1 ހަކުރު ބަލި ތަހަންމަލުކުރާ 220 އަށްވުރެ ގިނަ ކުޑަކުދިން 100 އަށްވުރެ ގިނަ ބޮޑެތި މީހުން އެބަތިއްބެވެ. އެގޮތުން 10 އަހަރުން ދަށުގެ 36 ކުއްޖެއް މި ބައްޔަށް ފަރުވާ ހޯދަމުން އަންނައިރު 18 އަހަރުން ދަށުގެ 77 ކުއްޖަކާއި 18 އަހަރުން މަތީގެ 110 މީހުން އަންނަނީ މި ބައްޔަށް ފަރުވާ ހޯދަމުންނެވެ.
ޓައިޕް 1 ހަކުރު ބަލި ތަހަންމަލުކުރާ ކުދިންނާއި މީހުންގެ ފަރުވާ އާސަންދައިން ލިބޭގޮތް ހެދުމަށް އެ މައްސަލަ މަޖިލިހަށް ހުށަހެޅުއްވީ، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މަޖިލިސް މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
އޭނާހެ ހުށައެޅުމުގައިވަނީ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއަށް އާސަންދައިގެ އިސް ފަރާތްތައް ހާޒިރުކޮށްދެއްވައި އެކަމުގައި ކުރެވޭނީ ކޮންކަމެއްތޯ ބަލައިދިނުމަށެވެ. އަދި އެ ބަލީގެ ރާއްޖޭގެ ހާލަތާއި ދިމާވާ ދަތިތައް ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކެއްވެސް ކުޑޫ ވަނީ ފާހަގަކުރައްވާފައެވެ.
އެޅިދާނެކަމަށް ކުޑޫ ހުށައެޅުއްވި ބައެއް ފިޔަވަޅުތައް
- ހަކުރު ޓެސްޓުކުރާ މީޓަރާއި ސްޓްރިޕްސް އުމުރުން 25 އަހަރުން ދަށުގެ ކުދިންގެ އިތުރުން ޓައިޕް 1ގެ ހަކުރު ބަލި ހުންނަ އެންމެންނަށް އާސަންދައިގެ ދަށުން ފޯރުކޮށްދިނުން
- އަތުން ވަރަށް ބޮޑު ހޭދައެއް ކުރަންޖެހޭ ކޮންޓިނިއަސް ގުލްކޯޒް މޮނިޓާ (ސީޖީއެމް) ސެންސަރު އާސަންދައިގެ ދަށުން ލިބޭނެކަން ކަށަވަރުކޮށްދިނުން
- އިންސިއުލިން ޕަންޕާއި ޕަންޕަށް ބޭނުންވާ ސާމާނު ރާއްޖެއަށް އެތެރެކޮށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި އިންސިއުލިންގެ ސްޓޮކް ހުސްނުވެ ލިބެން ހުންނަކަން ކަށަވަރުކުރުން
- ކުޑަކުދިންނަށް ބޭނުންވާ އެމްއެމް4ގެ ކަށި ރާއްޖޭގައި ލިބޭނެގޮތް ހެދުން ( އާންމުކޮށް ރާއްޖެއިން ލިބެނީ ބޮޑެތި މީހުން ބޭނުންކުރާ ބޮޑެތި ކަށި، ބޮޑެތި ކަށިން ކުޑަކުދިންނަށް އިންފެކްޝަން ޖެހުމާއި މާބޮޑަށް ތަދު އިހުސާސްކުރެވޭ)
- އެ ބަލީގެ ހާއްސަ ޑޮކްޓަރުންގެ ހިދުމަތް ސަރުކާރު ހޮސްޕިޓަލުތަކުން އަވަހަށް ލިބޭގޮތް ހެދުމުގެ އިތުރުން ޕްރައިވެޓް ކްލިނިކުތަކުން އެ ހިދުމަތްތަކުގެ ހަރަދު އާސަންދައިން ކަވާކޮށްދިނުން
- އަތޮޅުތެރެއިން ފަރުވާއަށް މާލެ އަންނަ ކުދިންގެ ދަތުރާއި ހުރުމުގެ ހަރަދަށް މާލީ އެހީ ފޯރުކޮށްދިނުން