އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބަރުދަނުގައި 108 ކިލޯ ހުންނަ ކަމަށާއި މީ މިދިޔަ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް 6.3 ކިލޯ އިތުރުވުމެއް ކަމަށް ޓްރަމްޕުގެ ޑޮކްޓަރު ވިދާޅުވެއްޖެ އެވެ.

Advertisement
ވައިޓް ހައުސްގެ ފަރާތުން ރައީސް ޑޮނަލްޑް ޓްރަމްޕްގެ މެޑިކަލް ރިޕޯޓް އާންމުކުރީ މި މަހު 29 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.
މި ރިޕޯޓުން ހާމަވާ ގޮތުގައި ޓްރަމްޕުގެ އިސްކޮޅަކީ 6 ފޫޓް 3 އިންޗި އެވެ. އަދި އޭނާގެ ބަރުދަނަކީ 108 ކިލޯ އެވެ. މީ މިދިޔަ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް 6.3 ކިލޯ އިތުރުވުމެކެވެ، އެހެންވެ ވައިޓް ހައުސްގެ ޑޮކްޓަރު، ޔޫއެސް ނޭވީގެ ކެޕްޓަން ޑރ. ސީން ބާބަބެލާ ވަނީ ޓްރަމްޕުގެ ބަރުދަން ލުއިކުރުމަށް ލަފާ ދެއްވައިފަ އެވެ.
ޓްރަމްޕުގެ ބަރުދަން ލުއިކުރަންޖެހޭ ކަމަށް ޓްރަމްޕުގެ ޑޮކްޓަރު ލަފާ ދެއްވިއިރު ކަސްރަތު ކުރެއްވުމަށް ދުވާލަކު އެންމެ ގިނަވެގެން ހޭދަވަނީ އެއް މިނިޓް ކަމަށް ޓްރަމްޕް މިފަހުން ވަނީ ވިދާޅުވެފަ އެވެ.
"އަހަރެން ކަސްރަތު ކުރަނީ ވަރަށް މަދުން، ގާތްގަނޑަކަށް ދުވާލަކު އެއް މިނިޓް، އެންމެ ގިނަވެގެން. އެ ވެސް ނަސީބު ލައްވާލިއްޔާ،" ކުޑަކުދިންނަށް އަމާޒުކޮށްގެން ރިޔާސީ ފިޓްނަސް އެވޯޑެއް އަލުން ތައާރަފުކުރުމުގެ ގަރާރެއްގައި ސޮއިކުރެއްވުމަށް އޯވަލް އޮފީހުގައި ބޭއްވި ހަފްލާގައި ބައިވެރިވި ކުދިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕު ވިދާޅުވީ އެވެ.
ޓްރަމްޕްގެ ސިއްހީ ހާލަތާ މެދު ވަނީ އެކި ވާހަކަތައް ދެކެވޭއިރު، އެއީ މިދިޔަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު އެންމެ އުމުރުން ދުވަސްވީ ރައީސެވެ. އަދި އަންނަ މަހު އުމުރުން 80 އަހަރު ފުރޭނެ އެވެ.
ޓްރަމްޕް ވަނީ ކަސްރަތު ނުކުރެވޭ ސަބަބާ ގުޅޭ ގޮތުން ހެލްތު ސެކްރެޓަރީ ރޮބާޓް އެފް. ކެނެޑީ ޖޫނިއާއާ އެކު މަޖާ ވާހަކަތަކެއް ވެސް ދައްކަވައިފަ އެވެ. ޓްރަމްޕު ވަނީ ހެލްތު ސެކްރެޓަރީގެ ބައްޕަ ރޮބާޓް އެފް. ކެނެޑީ 50 މޭލަށް ހިނގާ ވާހަކަ ހަނދާން އާކުރައްވައި މަޖާ ކަންކަމުގެ ވާހަކަ ދައްކަވައިފަ އެވެ.
އާރްއެފްކޭ ޖޫނިއާ ވިދާޅުވީ، ގޮލްފް ކުޅުއްވުމަށް ލޯބިކުރައްވާ ޓްރަމްޕަށް އެފަދަ ކަމެއް ކުރުމަކީ ފަސޭހަ ކަމެއް ކަމަށާއި، "މި މީހާ ކޮންމެ ހަފުތާ ބަންދެއްގައި ގޮލްފް ދަނޑުގައި 9 މޭލު ހިނގާ" ކަމަށެވެ.
ވޯލްޓާ ރީޑް ނޭޝަނަލް މިލިޓަރީ މެޑިކަލް ސެންޓަރުގައި އަންގާރަ ދުވަހު ހެދި ޓްރަމްޕްގެ މެޑިކަލް ޗެކަޕްގައި ޑޮކްޓަރު ވަނީ ބަލިތަކުން ރައްކާތެރިވުމުގެ ގޮތުން ޓްރަމްޕަށް ބައެއް އިރުޝާދުތައް ދެއްވައިފަ އެވެ. އޭގޮތުން ކެއުންބުއިމަށް ސަމާލުކަން ދިނުމާއި، ދަށް ޑޯޒެއްގެ އެސްޕިރިން ބޭނުންކުރުމާއި، ޖިސްމާނީ ހަރަކާތްތެރިކަން ނުވަތަ ކަސްރަތު އިތުރުކުރުން ހިމެނެ އެވެ.