ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް އިސްތިއުފާ ދެއްވީ، އޭނާ އެ މަގާމުން ވަކިކުރުމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނިކޮށެވެ.
ޕީއެންސީއަށް ސުޕަ މެޖޯރިޓި އޮތް މަޖިލީހުން ނަގާ ވޯޓުގައި ނާޒިމް ވަކިކުރަން އޮތީ ނިންމާފަ އެވެ.
ނާޒިމް މިއަދު ނެރުއްވި ނޫސްބަޔާނުގައި މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އޭނާ ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރުގައި ކޮށްފައިވާ ތުހުމަތުތައް ވަނީ ދޮގުކުރައްވާފަ އެވެ. ނާޒިމް ވިދާޅުވީ އެ ތުހުމަތުތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށެވެ.
ނާޒިމް ވިދާޅުވީ އޭނާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރެއްވީ ގާނޫނީ ހަމަތަކުގެ މަތިން މެމްބަރުންގެ މެދުގައި އެއްވެސް ތަފާތު ކުރުމެއް ނެތި، ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު ކަމަށެވެ. އަދި ވަކި ސިޔާސީ ފިކުރަކަށް ތަބާވެ، އެއްވެސް ކަމެއް ގާނޫނާ ގަވާއިދާ ހިލާފަށް ނުކުރައްވާ ކަމަށް ވެސް އެ ބަޔާނުގައި އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.
ނާޒިމް އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނާއި މަޖިލީހުގެ ގަވާއިދުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން ހުރިހާ މެންބަރުންގެ ހައްގުތަކާއި އިމްތިޔާޒުތައް ވަކިފަރާތަކަށް ނުޖެހި ހަމަހަމަކަމާއި އެކު ރައްކާތެރިކޮށްދީ ހިމާޔަތްކޮށްދިނުމާއެކު ދިވެހިރާއްޖޭގައި ގާނޫނުގެ ވެރިކަން ދެމެހެއްޓުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްގެ ހައިސިއްޔަތުން އަބަދުވެސް މަސައްކަތް ކޮށްދީފައިވާނޭ ކަމަށެވެ.
ނާޒިމްގެ ނޫސްބަޔާން ނިންމާލެއްވީ ދިވެހި ދައުލަތުގައި ގާނޫނުގެ ވެރިކަން ނަގަހައްޓާ ރައްޔިތުންނަށް އުފާވެރ، ފާގަތި ދިރިއުޅުމެއް ހޯދައި ދިނުމަށް މަސައްކަތް ކުރުމުގައި ރައްޔިތުންގެ ގާދިމެއްގެ ގޮތުގައި އަބަދުވެސް ދެމިހުންނާނެ ކަމުގެ ޔަގީންކަން އަރުވަމުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ނާޒިމް މަގާމުން ވަކިކުރަން ޕީއެންސީން ނިންމާފައިވަނީ އޭނާއާއި ރައީސް ޑރ. މުހައްމަދު މުއިއްޒާ ގުޅުން ގޯސްވެފައިވާ ކަމަށް ބެލެވޭ ދުވަސްވަރެއްގައެވެ. އެގޮތުން ޕީއެންސީގެ މަޖިލީސް މެންބަރުންނާ އެކު ރައީސް މުއިއްޒު ހައްދަވާފައިވާ ވަޓްސްއެޕް ގްރޫޕުން ވެސް މި މަހުގެ ތެރޭގައި ނާޒިމް ވަނީ ބޭރުކޮށްފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;