ބ.ދަރަވަންދޫ އެއާޕޯޓުގެ ޕެސެންޖާ ޓާމިނަލް ތަރައްގީ ކުރާނެ ބަޔަކު ހޯދުމަށް އައިލެންޑް އޭވިއޭޝަނުން ހުޅުވާލައިފި އެވެ.

Advertisement
މި މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ޖޫން މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭގަނޑު 23:59 އެވެ.
އައިލެންޑް އޭވިއޭޝަނުން ޝާއިއުކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުން، ޕްރޮޕޯސަލްތައް ބަލައިގަންނާނީ ހަމައެކަނި މި ސުންގަޑީގެ ކުރިން އީމެއިލް މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުންނެވެ.
ޕްރޮޖެކްޓް ކުރިއަށް ގެންދަން ޖެހެނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުންނެވެ.
ދަރަވަންދޫ އެއާޕޯޓުގެ އާ ޓާމިނަލް ފަރުމާކޮށްފައިވަނީ، ރާއްޖޭގެ ކަނޑުއަޑީގެ ރީތި މަންޒަރުތައް ދައްކުވައިދޭ ފަދަ ޒަމާނީ ފަރުމާއަކަށެވެ. މި ޓާމިނަލްއާއެކު އެއާޕޯޓުގެ ހިދުމަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ އެވެ. އެގޮތުން ޖާގަ ތަނަވަސް އެރައިވަލް ހޯލަކާއި، ސެލްފް ސާވިސް ކިއޮސްކްތަކާއި، ތިން ގޭޓު ހިމެނޭނެ އެވެ.
މީގެ 14 އަހަރު ކުރިން 2012 ގައި ހުޅުވި ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓަކީ ކޯސްޓްލައިން ހޮޓެލްސް އެންޑް ރިސޯޓްސް އިން ހެދި ތަނެކެވެ. އެ އެއާޕޯޓަށް މިވަގުތު ކޮންމެ ދުވަހަކު ވެސް 8 ފްލައިޓަށް ވުރެ ގިނައިން ޖައްސަ އެވެ.