ޝަމީމް މިހެން ވިދާޅުވެފައިވަނީ އޭނާގެ އަމިއްލަ ބްލޮގްގައި އާންމު ކުރެއްވި ލިޔުމެއްގައި އެވެ.
އެ ލިޔުމުގައި ޝަމީމް ވިދާޅުވެފައިވަނީ ދިވެހިރާއްޖެއަކީ މުއްސަނދި، ގުދުރަތީ ވަސީލަތްތައް ގިނަ، ނަމަވެސް ކޮރަޕްޝަންގެ ސަބަބުން ފަގީރުވެފައިވާ ގައުމެއް ކަމަށާއި ކޮރަޕްޝަންގެ ސަބަބުން އިންސާނީ ވަސީލަތް ތަރައްގީކުރާނެ ފައިސާ ގެއްލިފައިވާ ގައުމެއް ކަމުގައި އެެވެ.
އޭސީސީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ 2024 ވަނަ އަހަރުގެ ތަފާސް ހިސާބު ދައްކާ ގޮތުން، މިހާތަނަށް ކޮމިޝަނުގައި ގޮތެއް ނުނިމި، ތަހްގީގު މަރްހަލާގައި އޮތް 1036 މައްސަލައާއި ޕްރިލިމިނަރީ މަރްހަލާގައި އޮތް 2465 އާއެކު، ޖުމްލަ 3501 މައްސަލަ އެބައޮތް ކަމަށާއި އަހަރަކު ކޮމިޝަނަށް ގޮތެއް ނިންމުނީ، ތަހްގީގު މަރްހަލާއިން ނިންމި 173 މައްސަލައާއި ޕްރިލިމިނަރީ މަރްހަލާއިން ނިންމި 124 މައްސަލައާއެކު 297 މައްސަލަ ކަމަށް އޭނާ ވަނީ އެ ލިޔުމުގައި ވިދާޅުވެފައިވެ އެވެ.
ޝަމީމް ވިދާޅުވީ އޭސީސީގެ ތަހުގީގީ ނިޒާމު އިސްލާހުކުރުމަށް އޭސީސީ މިހާރު އޮތް ގޮތް އެއްކޮށް ބަދަލުކުރަން ޖެހޭ ކަމަށާއި ވޭތުވެދިޔަ 20 އަހަރުގެ ތަޖުރިބާއިން އެނގެނީ އޭސީސީ ވަކި މިނިވަން މުއައްސަސާއެއްގެ ގޮތުގައި އޮވެގެން ނަތީޖާ ނުނެރެވޭނެ ކަމަށެވެ.
އޭސީސީގެ މެންބަރުން: އޭސީސީން އެކަށީގެންވާ މިންވަރާ ގާތަށް ވެސް މަސައްކަތް ނުކުރާ ކަމަށް ބުނެ، ކަންބޮޑުވުން ދަނީ ފާޅު ކުރަމުން - ފޮޓޯ/ އެމްޑީޕީ
މި މައްސަލަތަކަށް ހައްލެއް ހޯދުމުގެ ގޮތުން ޝަމީމް ހުށަހަޅުއްވާފައިވަނީ ފަސް މެމްބަރުންގެ ބަދަލުގައި އެންމެ ކޮމިޝަނަރެއް އައްޔަންކުރުމަށެވެ.
ޕްރޮސިކިއުޓާ ޖެނެރަލް އަދި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަދައިން، އެންޓި ކޮރަޕްޝަން ކޮމިޝަނަރުވެސް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ ގޮތަށް ހަމަޖެއްސުމަށް އޭނާ ހުށަހެޅުއްވިއެވެ. މި މޮޑެލްގައި ކޮމިޝަނަރުގެ ދަށުން ދެ ޑެޕިއުޓީން ތިބޭނެ އެވެ.
އެއީ ތަހުގީގީ ދާއިރާގެ ތަޖުރިބާހުރި ބޭފުޅަކާއި، ޕްރޮސިކިއުޝަން އަދި ގާނޫނީ ދާއިރާގެ ތަޖުރިބާހުރި ބޭފުޅެކެވެ. މީގެ އިތުރުން ޗީފް އެގްޒެކެޓިވް އޮފިސަރެއް ހުރުމަށްވެސް ހުށަހަޅާފައި ވެއެވެ.
ޝަމީމް ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކޮށް، ކޮރަޕްޝަންގެ މައްސަލަތަކުގެ ތަހުގީގުން ނަތީޖާ ނެރެން ބޭނުންނަމަ، އެގޮތަށް ނިޒާމު ބަދަލުކޮށްގެން ނަތީޖާ ނެރެވިދާނެ އެވެ.
ދިވެހިންގެ ތެރޭގައި ދުނިޔޭގެ ފެންވަރުގެ ޒުވާނުން ބައިވަރު އެބަ ތިބި ކަމަށާއި އެމީހުންނަށް ބޭނުންވަނީ، އެމީހުންނަށް އިތުބާރުކޮށްފައި ފުރުސަތެއް ދިނުން ކަމަށާއި އޭރުން ނަތީޖާ ނެރެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ބަދަލުތަކަކީ ކޮންމެހެން ގެންނަން މަޖުބޫރު ބަދަލުތަކެއް ނޫން ނަމަވެސް، މާނަހުރި ގޮތެއްގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކޮށް ނަތީޖާ ނެރެން ބޭނުންނަމަ ނިޒާމު ބަދަލުކުރަންޖެހޭކަމަށް ޝަމީމް ވިދާޅުވިއެވެ. ވޭތުވެދިޔަ 20 އަހަރުގެ ތަޖުރިބާގެ އަލީގައި، ދިވެހި ޒުވާނުންނަށް އިތުބާރުކޮށް ފުރުސަތު ދީފިނަމަ ނަތީޖާ ނެރެދޭނެކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
ނަމަވެސް އޭސީސީގެ މިހާރުގެ ރައީސް އާދަމް ޝާމިލް އަކީ ނަތީޖާ ނެރެވޭނެ ބޭފުޅެއް ނޫންކަމަށް ޝަމީމް ތުހުމަތުކުރެއްވި އެވެ. ކޮރަޕްޝަންގެ މައްސަލައަށް ހައްލެއް ހޯދުމަކީ ރާއްޖޭގެ ތަރައްގީ ހެޔޮ މިސްރާބަކަށް ބަދަލުކުރުމަށް އަޅަންޖެހޭ އެންމެ ފުރަތަމަ ފިޔަވަޅުކަން ފާހަގަކުރައްވައި، ނަތީޖާ ނެރެވޭނެ ބަޔަކާ މި މަސައްކަތް ހަވާލުކުރުމުގެ މުހިންމުކަން އޭނާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;