ހަމަޖެހުމެއް ނުލިބުނު ހާސްކަމުގެ ކަނޑުގައި، ރިހުމުގެ ރާޅުތަކުގެ ތެރޭގައި ފެތެމުން ދަނިކޮށް އިވުނީ އުއްމީދީ އަޑެކެވެ. އެއީ އަހަރެންގެ ހިތު ވިންދުގެ އަޑެވެ. ލިބުނު ހިތްހަމަޖެހުމުގައި ހިނިތުންވެވުނެވެ.
"ހައްހާ.. މަންމާ ސްޓަބް.." އެއީ ބީނިޝްގެ އަޑެވެ. ހިތަށް ލިބުނީ އަމާންކަމާއި ފިނިކަމެވެ.
ދެން އިވުނީ މާލިކްގެ އަޑެވެ. އަހަރެންގެ 'ސްޓަބަން'ކަމުގެ ވާހަކަ ދެމީހުން ދައްކަމުން އެ އަންނަނީ މި ދިމާއަށެވެ. ދައްކަމުން އެދާ ވާހަކައިގައި ބީނިޝް މާލިކްއާއި އެއްބަހެއް ނުވެ އެވެ. ކުރެވެމުން އެ ދަނީ ޝައުގުވެރި ބަހުސުކެވެ.
"ޝީ ނައިސް ޓޫ، ޝީ މޭކް ޔަމީ ފުޑް" ބީނިޝް ބުނެލި އަޑު އިވުނެވެ.
"ބެޓަރ ދެން މީ؟" މާލިކް ސުވާލުކޮށްލި އެވެ.
"އުމްމްމްމ.. ނޯ ބައްޕާ! ޔޫ މޭކް ޔަމީ ފުޑް ޓޫ!" ބީނިޝްގެ ޖަވާބާއި އެ ޖަވާބުގެ ރާގު އިވުމުން އަހަރެންގެ ހިތުގައި އުފާވެރިކަމުގެ ވިންދުތަށް ނަށަން ފަށައިފި އެވެ.
"ކަޕްކޭކް، ދޮގު ހަދާކަށްވެސް ނޭގޭއެއްނުން..! މަންމަ، މާ މީރުކޮށް ކައްކާކަން ބައްޕައަށްވެސް އެނގެޔޭ..!" ލޯތްބާއެކު މާލިކް ބުންޏެވެ.
"ޔެސް، ބައްޕާ"
ދެން އިވުނީ ބީނިޝްގެ ލޯބި ހިނިތުންވުމާއި އުފާވެރިކަމުގެ އަޑެވެ.
ހައިރާންވާންޖެހުނީ، ބީނިޝް މާލިކްއަށް ބައްޕާއޭ ބުނެ، މުހާތަބްކުރާ އަޑު އަހަން އަހަރެންގެ ކަންފަތް ފަރިތަވެފައި ވާތީ އެވެ. އެވަރު ކަމެއް ބީނިޝް އަމިއްލައަށް އެކުރި ސަބަބާއިމެދު އަންތަރީސްވަމެވެ. އެކަމާއިމެދު އަހަރެން ބީނިޝްއާއި އަދި ވާހަކަ ދައްކާނަމެވެ.
"ޝްޝްޝްޝ.. މަންމައަށް ހޭލެވިދާނެ" މާލިކް ބުނެލި އަޑު އިވުނެވެ.
"ޝްޝްޝްޝ.. ބައްޕާ ވާހަކަ ނުދައްކާ" އެއަށްވުރެން މާ މަޑުން ބީނިޝް ބުނެލިއަޑު އިވުނެވެ.
މުޅިން ނުލައްޕާ ހުރި ދޮރު، އަތުގެ އުޅަނބޮށިން ދުރުކޮށްލާފައި މާލިކް އެތެރެއަށް ވަނެވެ. އެއް އަތުން ބީނިޝް އުރާލައިގެން އަނެއް އަތުން ހިފަހައްޓާލާފައި ވަނީ ތަންކޮޅެއް ބޮޑު ބޯތައްޓެކެވެ. އޭގެ ތެރޭގައި ދެ އޫ އޮތެވެ.
"މަންމާ....!!!" އަހަރެން ތެދުވެ އިންތަން ފެނުމުން އުފަލުން ދެ އަތް ފުޅާކޮށްލާފައި ބީނިޝް ގޮވައިލި އެވެ.
"ހެލޯ ބޭބީ" މަޑުމަޑުން އަހަރެން ބުނެލީމެވެ.
"މަންމާ.. ސީ ބައްޕަ އެންޑް މީ މޭޑް މަމީ ނޫޑްލްސް"
"ބައްޕަ އެންޑް އައި" ބީނިޝްގެ ކުށް އަހަރެން އިސްލާހްކޮށްދިނީމެވެ.
އަމާންކަމުގެ ހިނިތުންވުމެއް މާލިކްގެ ތުންފަތް މަތީން ފެނިލި އެވެ. ސަބަބުވެސް ސާފެވެ. ބީނިޝްގެ ޖުމުލަ އިސްލާހް ކުރުމުގައި އަހަރެން ބޭނުންކުރި 'ބައްޕަ' ލަފްޒުގެ ޖާދޫގެ ބާރެވެ. ބީނިޝްގެ ކުރިމަތީގައި މިވަގުތު އަހަންނަށް އެހެން ގޮތެއް ނެތެވެ. އެއީ ބީނިޝް ބޭނުންވާ ގޮތެވެ. އެކަމަށް މާލިކްގެ އެއްވެސް މައްސަލައެއް ނެތެވެ. އެކަން މަނާކުރުމުގެ އިޒުނަ އަހަންނަށް ލިބިފައެއް ނެތެވެ.
"ޔެސް ބައްޕަ އެންޑް އައި މޭޑް މަމީ ނޫޑްލްސް"
"ވަރަށް ރަގަޅު" އަހަރެން ބުނީމެވެ.
އަހަރެންގެ މަގަތުގައި މާލިކް ބީނިޝް ބައިންދާލި އެވެ. އަހަރެންގެ މޭގައި ބީނިޝް ބޮނޑިވެލީ ވަރަށް ލޯބިންނެވެ. މޫނުމަތީގެ ހިނިތުންވުން ފޮރުވާނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ ކުޑަކުޑަ ދަރިފުޅު އެއިނީ އުފަލުން ފޮޅިފަ އެވެ. މާލިކްގެ އަތުގައި ހުރި ބޯތަށި އަހަންނަށް ދިއްކޮށްލި އެވެ. ހަމަ އެ ހިނދުގައި އަހަރެންގެ ބޮލުގައި މާލިކް ބޮސްދިނެވެ. އެއަށްފަހު ބީނިޝްގެ ބޮލުގައިވެސް ބޮސްދީފައި ފިރުމާލި އެވެ.
"ވަރަށް މުހިއްމު ކޯލެއް ކުރަންޖެހިއްޖެ.. ނިންމާލާފައި އަންނާނަން.. އޯކޭ..؟" މާލިކް ބުންޏެވެ.
ބޮލުގެ އިޝާރާތުން އާއެކޭ ބުނީމެވެ.
މާލިކް ނިކުތުމާއެކު ބީނިޝް އުފުލާލާފައި އަހަރެންގެ އުނގުގައި ބޭންދީމެވެ. ދެމީހުންގެ މޫނު ދިމާވާ ގޮތަށެވެ.
"ބައެއް ކަންތައްތަކާއި ބީނިޝްއާއި ވާހަކަ ދައްކާލަން ބޭނުން ކަމަށް އަހަރެން ބުނީމެވެ. އެ ގޮތް ބީނިޝްއަށް އެންމެ ރަގަޅުތޯވެސް ސުވާލުކުރީމެވެ.
"ޔެސް" ޔަގީންކަމާއެކު ހުއްދަ ލިބިއްޖެ އެވެ.
އަހަރެންގެ ފުރަތަމަ ސުވާލަކީ، މާލިކްއަށް ބައްޕަކިޔާން ބީނިޝް ބޭނުން ވަނީ ކީއްވެތޯ އެވެ؟
ބީނިޝް ހަގީގަތް ބުނެފިނަމަ، މަންމަ ދެރަ ނުވުމަށް މި ކުޑަކުޑަ ދަރިފުޅު އަހަރެންގެ ކިބައިން އެދުނެވެ.
ދެމީހުންގެ 'ޑީލް'ގެ ދަށުން ބީނިޝް ބޭނުންވާ ގޮތަށް އަހަރެން އެއްބަސްވީމެވެ.
މާލިކް ބީނިޝްއަށް ވަރަށް ކަމުދާ ކަމަށް ބުނެލީ އުފަލުންނެވެ. އަދި މާލިކްގެ ގާތުގައި ރައްކާތެރިކަން އިހްސާސްވާ ކަމަށްވެސް އަހަރެންގެ ކުޑަކުޑަ ދަރިފުޅު ބުންޏެވެ. މަންމައާއި ބީނިޝް ދޫކޮށްލާފައި މާލިކް ނުދާނެކަމާއި ހުރިހައި ނުރައްކަލަކުން ދެ މައިން ރައްކާތެރި ކޮށްދޭނެ މީހަކީވެސް މާލިކް ކަމަށް އަހަރެން ގާތުގައި ބީނިޝް ބުނެފި އެވެ.
އަހަރެން ވިސްނާލީމެވެ.
ފަހަދު ބޭބެވެސް އަހަރުމެން ދެމައިންނަށް ހިމާޔަތާއި ރައްކާތެރިކަން ދޭ ކަމަށާއި އަހަރުމެން ދެމައިން ދޫކޮށްލާފައި ބޭބެ ނުދާނެކަމަށް ބީނިޝްއަށް އަހަރެން ވިސްނައިދިނީމެވެ. ހުރިހައި ނުރައްކަލަކުން ބޭބެ ވެސް އަހަރުމެން ހިމާޔަތްކުރާނެ ކަމަށް އަހަރެން ބުނީމެވެ.
އެކަމަކު ދުވަހަކުވެސް ބޭބެއަށް ބައްޕާއޭ ކިޔާފައި ބީނިޝް މުހާތަބް ނުކުރާކަން އަހަރެންގެ ވިސްނުމުން ފަނޑުވީކީ ނޫނެވެ.
ހުރިހައި ވާހަކައެއް ދެއްކުމުންވެސް ބީނިޝްގެ ފަރާތުން އިވުނީ އެންމެ އަޑެކެވެ.
"ހޫމްމްމމ"
އެނޫން އެއްޗެއް ނުބުންޏެވެ.
"ޔޫ ނޯ ވޯންޓް މީ ޓު ކޯލް ހިމް ބައްޕާ" ބީނިޝް ސުވާލު ކުރި އެވެ.
މައްސަލައަކީ އެއީ ނޫންކަން ބުނެދިނީމެވެ. ބީނިޝް އެގޮތް ބޭނުންވެ، މާލިކްގެ ހުއްދަ އެކަމުގައި އޮތިއްޔާ ބައްޕަ ކިޔުމުން، މަންމަގެ މައްސަލައެއް ނެތްކަން ބުނެދިނީމެވެ.
ހުށިޔާރުކަމާއެކު ބީނިޝް ޖަވާބުދިނެވެ.
މާލިކްގެ ހުއްދަ ހޯދިކަމާއި އެކަމުގެ އިޒުނަ ލިބިފައިވާކަމަށްވެސް ބުންޏެވެ.
އަހަރެން ވަށައިގެން ހަތަރު އުދަރެސް ބެދިއްޖެ އެވެ. އިހްތިޔާރުގައި އޮތީ އެންމެ ގޮތެކެވެ. ބީނިޝް ބޭނުންވާ ގޮތަށް އެ ހުއްދަ ދިނުމެވެ.
އުފަލާއެކު އެ ހުއްދަ ދަރިފުޅަށް ދީފީމެވެ.
"ތެންކު ޔޫ، ތެންކު ޔޫ މަންމާ..." އުފަލުގެ ކޮޅެއް ނެތް މިންވަރަށް ބީނިޝް ހިނިތުންވެ ފުމެން ފަށައިފި އެވެ.
"އަދި އެއް ކަންތަށް އެބަ އޮތް" އަހަރެން ބުނީމެވެ.
މިގެއަށް މުޅިން ދިރިއުޅުން ބަދަލުކުރާން ބޭނުންތޯ ސުވާލުކުރީމެވެ.
ބީނިޝްގެ ސުވާލަކީ،
'ބައްޕައާއެކު ތޯ އެވެ'؟
އުފަލުގެ ކޮޅެއް ނެތެވެ. ލަވަކިޔަމުން އަހަރެންގެ އުނގުގައި ފުމެން ފެށި އެވެ.
ބައްޕާ އާއި މަންމައާއި އެކު މި ގޭގައި ދިރިއުޅެން ބީނިޝް ބޭނުންވާ މިންވަރު ހާމަކުރި އެވެ. އުފާވެރި ހިނިތުންވުން އެ ލޯބި މޫނުން ފަނޑު ނުވެ އެވެ. (ނުނިމޭ)
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;