މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ ހައްޖު މަހުގެ ފުރަތަމަ 10 ދުވަހުގެ މާތްކަމުގެ މައްޗަށެވެ.
މާތް ﷲގެ ހަޒުރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ މައްސަރުތަކަކީ ހުރުމަތްތެރިވެގެންވާ މައްސަރުތައްކަމަށާއި އެއީ ރަޖަބު މަހާއި، ޒުލްޤައިދާ މަހާއި، ޒުލްހިއްޖާ މަހާއި އަދި މުހައްރަމު މަސްކަން ހުތުބާގައިވަނީ ފާހަގަކޮށްފައެވެ.އޭގެ ތެރެއިން ވެސް އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ މައްސަރަކީ ހައްޖު މަސްކަމަށާއި އެ މަހުގެ ފުރަތަމަ ދިހަ ދުވަހަކީ ދުނިޔެއަށް އަންނަ އެންމެ މާތް ދުވަސްތައްކަމަށް ހުތުބާގައި ވެއެވެ. އެގޮތުން ޖިހާދުކުރުމަށްވުރެވެސް އެ ދިހަ ދުވަސް މާތްކަން ހުތުބާގައި ވަނީ ފާހަގަކޮށްފަ އެވެ.
މިދުވަސްތަކުހެ ހެޔޮކަން ހޯދުމަށް އެންމެ ފުރަތަމަ ކަމަކަށް ތެދުވެރި އިހްލާސްތެރި ތައުބާއަކުން ތައުބާވެ މި ދުވަސްތައް ފަށަން ހުތުބާގައިވަނީ ނަސޭހަތްތެރިވެފަ އެވެ. އަދި މި ދުވަސްތަކުގައި ކުރެވޭން އޮތް އެންމެ ހެޔޮ ޢަމަލުތަކުގެ ތެރޭގައި ރޯދަހިފުން ހިމެނޭކަން ފާހަގަކުރަމުން ހާއްސަކޮށް ހައްޖު މަހުގެ ނުވަވަނަ ދުވަހުގެ ރޯދައިގެ ދަރުމައާއި ޘަވާބު މަތިވެރިވެގެންވާކަން ހުތުބާގައިވަނީ ވިދާޅުވެފަ އެވެ.
މި މަތިވެރި ދުވަސްތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް ޓަކައި، ފަރުޟު ނަމާދުތަކަށް ފަރުވާތެރިވުމާއި، ރަވާތިބު ސުންނަތްތަކަށް ރައްކައުތެރިވުމާއި، ކީރީތި ޤުރްއާން ކިޔެވުމާއި، ޤުރްއާނާ މެދު ވިސްނައި ފިކުރުކުރުމާއި، ގިނަގިނައިން މާތް ﷲގެ ގަޒްރަތުގައި ދުއާދެންނެވުމާއި، ރޭ އަޅުކަންކުރުން ފަދަ ކަންކަމަށް ހާއްސަ ސަމާލުކަމެއްދީ ހެއުކަންކަމުގައި ޝާމިލުވެ އެ ކަންކަމުގައި ދެމިތިބުމަށް ހުތުބާގައި ވަނީ ނަސޭހަތް ދެއްވާފަ އެވެ.
މީގެ އިތުރުން މި ދުވަސްވަރު އުޟުހިޔާ ކަތިލުމުގެ މާތްކަމަށްވެސް ހުތުބާގައިވަނީ އަލި އަޅުވާލާފަ އެވެ.
އެހެންކަމުން ހައްޖު މަހުގެ މަތިވެރި ދުވަސްތަކުގައި ފާފަތަކަށް އަރައިގަތުމާއި، ނެތިމޮށުމާއި، ދެބައޮޑުވުމާއި، ދޮގުހެދުމާއި، އަރާރުންވުމާއި، މަލާމާތްކުރުމާއި، ފުރައްސާރަކުރުމާއި، ބާތިލު ވާހަކަދެއްކުމާއި، ފިތުނައުފައްދައި، ފަސާދަކުރުން ފަދަ އެންމެހައި ނުބައިކަންކަމުން ދުރުހެލިވެ ތިބޭ ބަޔަކަށް ވުމަށް ހުތުބާގައިވަނީ ގޮވާލާފަ އެވެ. އަދި މާތް ﷲ ލޯބިވެ ވޮޑިގެންނުވާ އެއްވެސް އަމަލަކަށް އަރައިނުގަނެ، ދުނިޔެއަށް އަންނަ އެންމެ މާތް ދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފަންވެސް ހުތުބާގައިވަނީ ގޮވާލާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;