ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތެއްކޮށް އަދަދު ނޫހުން އުފައްދައިފައިވާ ޑޮކިއުމެންޓްރީގެ މައްސަލާގައި ކްރިމިނަލްކޯޓުން ނެރެފައިވާ އަމުރާ ހިލާފިކަމަށާއި ކޯޓު ހުރުމަތް ކެނޑިކަމަށް ކަނޑައެޅުމަށް ފަހު އެ ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނަސީރު ޖަލަށް ލުމަށް ކްރިމިނަލްކޯޓުން އިއްޔެ ވަނީ ހުކުމްކޮށްފައެވެ.
މިކަމާއި ގުޅިގެން ސަރުކާރަށް ކިޔަމުން އަންނަ ފާޑުކިޔުންތަކަށް ރައްދުދެއްވާ އާޓްސް މިނިސްޓަރު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު މިއުޅެނީ ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިވެގެންނެއް ނޫންކަމަށާއި ނުވަތަ ނިގުޅައިގަނެގެން އަތުލައިގަނެގެންވެސް ނޫންކަމަށެވެ.
އޭގެ ބަދަލުގައި މިއަދު މިއުޅެނީ މި ހައްގުތައް އޭގެ އެއްވެސް ހައްދެއް އިމެއްނެތި ތަންމިނަށް ހުޅުވާލުމުން، އެ މިނިވަންކަމުގެ ނާޖާއިޒް ފައިދާ ނަގައިގެން ރައީސުލްޖުމްހޫރިއްޔާއަށް ގަޛްފު ކޮށްގެންކަމަށްވެސް ހީނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ މިޤައުމުގައި ސިޔާސީ މީހުންގެ އަބުރަށް އަރައިގަތުމާ މީހުންގެ ބޮލުގައި ދޮގު އިލްޒާމް އަޅުވައިގެން އެކަމުން ސިޔާސީ ނަފާ ހޯދުމަށްޓަކައި ޤާނޫނުއަސާސީން ލިބިދީފައިވާ މިނިވަންކަން ނާޖާއިޒު ގޮތުގައި ބޭނުން ކުރުންދަނީ ރޯވަމުންދާ އަލިފާން ގަނޑެއްފަދައިން ފެތުރެމުންކަމަށެވެ. އެހެންކަމުން ގާނޫތައް ތަންފީޒުކޮށް ފިޔަވަޅު އަޅާނެކަމަށްވެސް ހީނާ ވިދާޅުވިއެވެ.
ހީނާ މިހެންވިދާޅުވިއިރު މިދިޔަ ސަރުކާރުގައި އެ ސަރުކާރަށް އެންމެ ބޮޑެތި ފާޑުކިޔުންތައް އަމާޒުކުރި ނޫހުގެ އެޑިޓަރެއްގެ ގޮތުގައި ހުންނެވީ ހިނާއެވެ. އަދި އެ ނޫހުން އޭރު ދެއްކި ބައެއް ވާހަކަތަކީ ދޮގެއްކަން މި ސަރުކާރު ވެރިކަމަށް އައިސް ހާމަކުރި ހިސާބުތަކުންވަނީ އެނގިފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;