މިއަދު މަޖލީހުގައި ކުރިއަށް ދިޔައީ އިދިކޮޅު ޕާޓީތަކުން މާލޭގައި ބާއްވަމުން އަންނަ ސިލްސިލާ މުޒާހަރާތައް ގާނޫނާ ހިލާފު ކަމަށް ބުނެ، އެ ހަރަކާތްތައް ހުއްޓުވައި ފިޔަވަޅު އެޅުމަށް ގޮވާލާ ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއް ސައްތާރު މުހައްމަދު ހުށައެޅުއްވި ގަރާރަށްް ބަހުސް ކުރުމެވެ.
އެ ގަރާރަށް ބަހުސް ކުރައްވަމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ އިދިކޮޅު ޕީއެންއެފުން ކުރިޔަށް ގެންދާ މުޒާހަރާތައް ހުއްޓުވަން ސަރުކާރުން މަސައްކަތް ކުރަނީ ސޮފާއެއް ނެރެ މަގުމަތީގައި ވާހަކަތަކެއް ދައްކާތީކަމަށެވެ.
މީކާއިލް އެ ވަހާކަތައް ދައްކަން ފެށުމުން ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވަނީ ދެ ފަހަރެއްގެ މަތިން ނިޒާމީ ނުކުތާ ނަންގަވާ އެވާހަކަތައް ހުއއްޓުވަން މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް އޭނާ ފުރަތަމަ ނެގި ނިޒާމީ ނުކުތާ ބަލައި ނުގަތުމުން ދެ ވަނަ ފަހަރަށް ތެދުވެ އެ ވާހަކަތަކަށް ފުރުސަތު ނުދޭން ރިޔާސަތައް އަންގާކަމަށް ވިދާޅުވި އެވެ.
އެއާއި އެކު މަޖލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް ވަނީ ފަލާހު ނެއްނެވި ނިޒާމީ ނުކުތާ ބަލައިގަންނަކަން އިއުލާން ކުރައްވާ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް މަޖިލީހުގައި ނުދެއްކޭނެކަން ހާމަކޮށްފައެވެ.
މަޖިލީހުގެ ނައިބު ރައީސްގެ އެ ނިންމުމަށް ރައްދު ދެއްވަމުން މީކާއިލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަންވީ ގޮތެއް ކޯޓަކުން ކަނޑަނޭޅޭނެ ކަމަށާއި އެކަން ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ކަމަށެވެ.
ޑޮކިއުމެންޓަރީ މައްސަލާގައި ކްރިމިނަލްކޯޓުން އިއްޔެ ވަނީ އެންމެންގެ މައްޗަށް އަމުރެއް ނެރެފައެވެ. އެ އަމުރުގައި ވަނީ މިމައްސަލާގައި ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ދައުވާ ކުރެވިގައިވާ ހާދިސާއާ ގުޅޭ ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި، އޭގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ނުދެއްކުމަށެވެ.
އަދި ޝަރީއަތަށް ހުށަހެޅިފައިވާ ޑޮކިއުމަންޓްރީއާ ގުޅުވައި މައްސަލައިގެ ހަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަށްވީ މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުމަށް ވެސް އެންމެންގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މީގެއިތުރުން މި މައްސަލައިގެ ޝަރީއަތް އާންމުކޮށް ހުޅުވާލާ ސިއްރުކޮށްގެން ގެންދާތީ މައްސަލަގައި ހުށައާޅާގައިވާ ލިޔުންތަކާއި ޝަރީއަތުގެ ވާހަކަތައް ވެސް ނުފެތުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އަމުރުގައި ނުކުރަން އަންގާފައިވާކަމެއް ކުރުމަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއްކަމަށް ބެލިދާނެކަމަށް ވެސް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވެއެވެ. ކްރިމިނަލް ކޯޓުގެ ގާޒީ މުޒައްމިލު ނާސިރު މި އަމުރު ނެރުނީ ވަކި ގޮތަކަށް އަމަލު ކުރަން އަންގާ އަމުރެއް ނެރެދޭން ދައުލަތުން މިއަދު އެދުމާ ގުޅިގެންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;