ads
ރައީސް ޑރ. މުހައްމަދު މުއިއްޒު
ޑޮކިއުމެންޓަރީގެ މައްސަލާގައި ކޯޓު އަމުރަށް ހުރިހާ ރައްޔިތުން ތަބާވާން ޖެހޭނެ: ރައީސް
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތެއްކޮށް އަދަދު ނޫހުން އުފައްދައިފައިވާ ޑޮކިއުމެންޓްރީގެ މައްސަލާގައި ކްރިމިނަލްކޯޓުން ނެރެފައިވާ އަމުރަށް ހުރިހާ ރައްޔިތުން ތަބާވާންޖެހޭނެކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

ޑޮކިއުމެންޓަރީ  މައްސަލާގައި ކްރިމިނަލްކޯޓުން އިއްޔެ ވަނީ އެންމެންގެ މައްޗަށް އަމުރެއް ނެރެފައެވެ. އެ އަމުރުގައި ވަނީ މިމައްސަލާގައި ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ދައުވާ ކުރެވިގައިވާ ހާދިސާއާ ގުޅޭ ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި، އޭގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ނުދެއްކުމަށެވެ. އަދި ޝަރީއަތަށް ހުށަހެޅިފައިވާ ޑޮކިއުމަންޓްރީއާ ގުޅުވައި މައްސަލައިގެ ހަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަށްވީ މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުމަށްވެސް އެންމެންގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދަށުކޯޓްގެ އަމުރު ހުރިހާ ރައްޔިތުންގެ މައްޗަށް ނެރެފައިވުމުން އެކަމާއި ގުޅިގެން މިއަދު ނޫސްވެރިޔަކު ވަނީ ރައީސް މުއިއްޒާ ސުވާލުކޮށްފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ކޯޓުން ނެރިފައިވާ އަމުރަށް ތަބާވުމަކީ ހުރިހާ ރައްޔިތުންގެ މައްޗަށް ލާޒިމުކަމެއްކަމަށެވެ. 

" ކޯޓުން މިހާރު ތި އޮތީ ގެގް އޯޑަރެއް ނެރިފައި ދެއްތޯ. ކޯޓު އަމުރެއް ނެރިފައި. އެ އަމުރަށް ތަބާވުމަކީ ހުރިހާ ދިވެހި ރައްޔިތުންގެ މައްޗަށް ލާޒިމުކަމެއް." ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ މިގައުމަށްވުރެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތް މިންވަރަށް އޮތް ގައުމެއް އޮންނާނެކަަމަށް ގަބޫލުނުކުރައްވާކަމަށެވެ. އެހެންނަމަވެސް ރާއްޖޭގެ ގާނޫނު އަސާސީއާ ހިލާފު ނުވެވޭނެކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

" އެހެންނަމަވެސް ހަގީގަތަކީ މީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް. މި ގައުމުގެ ގާނޫނު އަސާސީ ވަރަށް ސާފު. އެހެންވީމާ މި ސަރުކާރުން އަބަދުވެސް ރޫލް އޮފް ލޯ ހިފަހައްޓާނެ. ގާނޫނު އަސާސީގެ ކަނޑައެޅިފައިވާ އިންތަކާއި މިންތަކުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރައްޔިތަކުވެސް މަސައްކަތް ކުރަން ޖެހޭނީ." ރައީސް މުއިއްޒު ވިދާޅުވިއެވެ.

ކްރިމިނަލްކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ މި މައްސަލައިގެ ޝަރީއަތް އާއްމުކޮށް ހުޅުވާލާ ސިއްރުކޮށްގެން ގެންދާތީ މައްސަލަގައި ހުށައާޅާގައިވާ ލިޔުންތަކާއި ޝަރީއަތުގެ ވާހަކަތައްވެސް ނުފެތުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. 

އަމުރުގައި ނުކުރަން އަންގާފައިވާކަމެއް ކުރުމަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއްކަމަށް ބެލިދާނެކަމަށްވެސް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވެއެވެ. ކްރިމިނަލް ކޯޓުގެ ގާޒީ މުޒައްމިލު ނާސިރު މި އަމުރު ނެރުނީ ވަކި ގޮތަކަށް އަމަލު ކުރަން އަންގާ އަމުރެއް ނެރެދޭން ދައުލަތުން މިއަދު އެދުމާ ގުޅިގެންނެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;