އެމަނިކުފާނު މިކަން ހާމަކުރައްވާފައިވަނީ ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ކަޅުތުއްކަލާކޮށީގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވީ ސިފައިންނާއި އެ މީހުންގެ އާއިލާތައް ދިރިއުޅެމުން އަންނަ ބަނޑޭރިކޮށި ސަރަހައްދު އެއްވެސް ސަރުކާރަކުން ތަރައްގީނުކޮށް އެންމެ ފުރަތަމަ އެތަން އިމާރާތްކުރި ގޮތަށް އޮންނަތާ އެތައް ޒަމާންތަކެއް ވެއްޖެ ކަމަށެވެ. ބަނޑޭރި ކޮއްޓަކީ ސިފައިންގޭގައި ދެމިތިބިހާ ހިނދަކު ވަކި ސިޔާސަތެއްގެ ދަށުން އެ މީހުންގެ އާއިލާތަކަށް ދޫކޮށްފައިވާ ތަނެއްނަމަވެސް އެތަނަށް އަޅާނުލާ އޮންނަތާ ގިނަ ދުވަސްތަކެއްވެފައިވުމުން އެތަނުގެ ބޭނުން ހިފާ ސިފައިންގެ އާއިލާތައް ވެސް މަދުވެފައިވާކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
އެހެންކަމުން އެ ސަރަހައްދުގައި ޒަމާނީ ހައުސިން ޕްރޮޖެކްޓެއް ހިންގުމަށް ސަރުކާރުން ނިންމާފައިވާކަން ރައީސް މުއިއްޒު ވަނީ އިއުލާންކުރައްވާފައެވެ. އަދި ކުރިއަށް އޮތް އަށް މަސް ދުވަހުގެ ތެރޭގައި އެތަނުގެ އަމަލީ މަސައްކަތް ފަށާނެކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ބޯހިޔާވަހިކަމަކީ ސިފައިންނަށް ކޮންމެހެން ލިބެންޖެހޭ ހައްގެއްކަމަށް ގަބޫލުކުރައްވާކަން ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ މިހާރު ސަރުކާރުން ހުޅުވާލާފައިވާ ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން ވެސް ސިފައިންނަށް 100 ފްލެޓު ކަނޑައެޅީ އެ މަގްސަދުގައިކަމަށެވެ. އެހެންނަމަވެސް، އެ އަދަދަކީ އެންމެ އެކަށީގެންވާ އަދަދު ނޫން ކަމަށާއި ކުރިއަށް އޮތްތަނުގައި އެ އަދަދު އިތުރުކުރައްވާނެ ކަމަށްވެސް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;