ޕީޕީއެމްގެ ސަރުކާރުގައި ކުރިއަށް ގެންދިޔަ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގައި އިސްކޮށް ތިއްބެވީ އޭނާ އާއި އޭރުގެ ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަދި މިހާރުގެ ރައީސް މުހައްމަދު މުއިއްޒުކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

Advertisement
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ މި ސަރުކާރަކީ ބުރިޖުއަޅާ ހުޅުމާލެ ދެވަވަނ ފިޔަވަހި ހިއްކާ ހިޔާ ޓަވަރުތައް އެޅި ޓީމުކަމަށެވެ. ސައީދު ވިދާޅުވީ އެ ހުރިހާ މަޝްރޫެެއް ލީޑްކުރީވެސް ރައީސް މުއިއްޒުކަމަށެވެ.
"އެކަން ވެސް ލީޑު ކުރީ މިއަދުގެ ރައީސް އާއި އަޅުގަނޑާ އަދި މިހާރުގެ [އަދި] އޭރުގެ ބައެއް ވަޒީރުން،" ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ މި ސަރުކާރުގައި މަދީ އޭރު އެ މަސައްކަތުގައި އުޚުނު މަދު މީހެއްކަމަށެވެ.
"އަޅުގަނޑުމެން ވެސް ތިބީ ކެބިނެޓުގައި. އަޅުގަނޑުމެންގެ ތެރެއިން މަދުވެގެން މިއުޅެނީ އެންމެ މީހެއް، ދެ މީހެއް ނޫންތޯ؟ ހަމަ އެއް ޓީމެއް ނޫންތޯ މިއޮތީ؟ ހަމަ އެއް ޕާޓީއެއް ނޫންތޯ މިއޮތީ؟ އަޅުގަނޑުމެންނަކީ ބްރިޖު އެޅި މީހުން. އެއާޕޯޓުތައް އެޅި މީހުން. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މުޅިން އާ ޒަމާނަކަށް ގެނައި މީހުން."ސައީދު ވިދާޅުވި އެވެ.
މަޝްރޫއުތައް ހިންގުމުގައި އިސްކޮށް އުޅުނު ވާހަކަ ދެއްކެވުމުން އެކަންކަމުގައި އޭރުގެ ރައީސް ޔާމީންގެ ނަން ނުގެންނަވާތީ އެ މަނިކުފާނުގެ ދައުރެއް އެކަންކަމުގައި ނެތްތޯ އަދި ކްރެޑިޓެއް ނެތްތޯ ނޫސްވެރިން ސުވާލުކުރުމުން ސައީދު ވިދާޅުވީ ޔާމީންއަށް ވަރަށް ބޮޑު ކްރެޑިޓެއް ހައްގު ކަމަށެވެ.
"ނޫން ނޫން ނޫން! ރައީސް ޔާމީނަށް ހަމަ ވަރަށް ބޮޑު ކްރެޑިޓު. އެ މަނިކުފާނަކީ ވަރަށް ވިސްނުންތެރި ބޭފުޅެއް. އެ މަނިކުފާނަކީ ވަރަށް ވިޝަނަރީ ބޭފުޅެއް،" އޭނާ ވިދާޅުވިއެވެ.
ސައީދު މިއަދު ވިދާޅުވީ ރައީސް ޔާމީން ދެކެ އެންމެ ލޯބިވާ ބޭފުޅަކީ އަދިވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުކަމަށެވެ.