"ވިސްނަބަލަ! މިއީ ހަމައެކަނި ކައިރާގެ ދިރިއުޅުމެއް ނޫން.. މިކަމުގެތެރޭގައި މައުސޫމް ކުޑަކުޑަ ދަރިޔަކު ޝާމިލްވޭ.. އެއީ ހަމައެކަނި ކައިރާގެ ދަރިއެއްކަން އިރުއިރުކޮޅުން އަހަންނަށް އެބަ ހަންދާން ކޮށްދޭ! އެކަމަކު އެދަރިފުޅުގެ ގިސްލުމާއި ކަރުނައިގެ ހިތްދަތިކަން ކައިރާގެ ހިތާއި ހަމަޔަށް ފޯރާކަމުގެ ލިސާނެއްވެސް އަހަންނަކަށް ނުފެނުނު.." އަހަރެންގެ ފަހު ޖުމުލަ ބޭނުންކުރީ ގަސްދުގައި ކައިރާ ދެރަކޮށްލުމަށެވެ. ކުރިމަތިވެގެން މި އުޅޭ ހާލަތާއިމެދު ވިސްނަން އޭނާއަށް މަޖުބޫރު ކުރީ އެވެ.
ބޭނުންވި މަގުސަދު ކާމިޔާބުވެސް ވި އެވެ. އަހަރެންގެ އަތުގެ ތެރެއިން ވީއްލިގެން ދިއުމަށް ގަދަހެދުން ހުއްޓިއްޖެ އެވެ. ވަރުބަލިކަމާއެކު އަހަރެންނާއި ގާތަށް ޖެހިލީ އަމިއްލަ އިހްތިޔާރުގައި އެވެ.
ކުއްލިޔަކަށް ގެނައި ހަރަކާތުގައި އަހަރެންގެ މޭގައި ކައިރާގެ ހަށިގަނޑު ބޮނޑިކޮށްލީމެވެ.
ދެއަތުގެ ހިމާޔަތަކުގައި ކައިރާ ގައިދުކޮށްލެވުނީ އަހަރެންގެ އަމިއްލަ މިލްކެއްގެ ގޮތުގައި އެވެ.
މިއަށްވުރެން ހިތްގައިމު އިހްސާސެއް މި ދުނިޔޭގައި އަހަރެންނަށް ކުރެވިފައެއް ނުވެ އެވެ. ހިތާއި ނަފުސުގެ އަމާންކަން މި މިންވަރަށް އިހްސާސް ކުރެވިފައެއްވެސް ނެތެވެ. މިއަށްވުރެން ހިތްގައިމު ޖަޒްބާތަކުން އަހަރެންގެ ދެ ކޯތާފަތުން ހޫނުކަން އިހްސާސްވެފައެއްވެސް ނުވެ އެވެ.
"އަހަރެންނާއި ހިއްސާކޮށްލަބަލަ.. ޕްލީޒް!" އާދޭހާއެކު އަހަރެން ބުނެލީމެވެ. އަހަރެންގެ މޭގައި ކައިރާގެ ބޯ ހަރަކާތް ކޮއްލި އެވެ. އެ އީ ނޫނެކޭ ބުނެ ކޮއްލި އިޝާރާތެކެވެ.
"އެންމެ ރަގަޅު.. ކައިރާގެ ތިޔަ ނިންމުން ބަދަލުކުރުމަށް މަޖުބޫރެއް ނުކުރާނަން.. އެކަމަކު އަހަރެންނާއި ފަހަދުއާއެކު މި އެޕާޓްމެންޓަށް ދިރިއުޅުން ބަދަލުކޮށްލަފާނަން..؟" އާދޭހާއެކު އަހަރެން ސުވާލުކުރީމެވެ.
"ކީއްވެ؟"
ހިމޭން ސުވާލެކެވެ. އެ ސުވާލުގެ ޖަވާބު އަހަންނަށް މި ވަގުތު ފަސޭހައެއް ނުވި އެވެ.
"ދުވަހަކުވެސް އެއްވެސް މީހަކަށް ތަކުލީފަކަށް ވުމަށް އަހަރެން ނޭދެން.. ބީނިޝް މި ދުނިޔެއަށް އުފަންކުރީ އަހަރެން.. އެ ދުވަހުން ފެށިގެން ބީނިޝް އަކީ އަހަރެންގެ ޒިންމާއެއް.. އެއީ ބޭބެގެވެސް، އަދި މާލިކްގެ ވެސް ޒިންމާއެއް ނޫން.. އަހަރުމެން ދެ މައިންގެ ހައްގުގައި ތިޔަ ބުނި ބަސްތަކާއި ތިޔަކޮށްދޭ ކަންކަމަށް، ހިތުގެ އަޑިން ޝުކުރުވެރިވަން.. އެކަމަކު އަހަރުމެން ދެ މައިންނަކީ ތިޔަ ދެމީހުންގެ ޒިންމާއެއްކަމުގައި ހެދުމުގެ އިޒުނައެއް ނުދެވޭނެ.." ކައިރާގެ ނިންމުން އޭނާ ތަކުރާރުކޮށްލި އެވެ.
އަމިއްލަ ނަފުސަށް ކައިރާގެ އޮންނަ މިނިވަންކަމާއި އޭނާގެ ނަފުސަށް އެ ކުރާ އިތުބާރަށް އަހަރެން އިހްތިރާމް ކުރަމެވެ.
"ބުނަންތަ..؟ ބީނިޝްއާއި ބީނިޝްގެ މަންމައަކީ އަހަރެންނަށް ދުވަހަކުވެސް ތަކުލީފަކަށް ނުވާނެ.. ތިޔަ ދެމައިންގެ ޒިންމާ އުފުލާނީ ހިތްހަމަޖެހުމާއެކު އުފަލުން.. ހެޔޮނުވާނެ، އަހަރެންގެ މި އާދޭސް ގަބޫލުކުރޭ!" އަހަރެންގެ ދެ އަތް ޖޯޑު ކޮށްފައި ކައިރާގެ ކުރިމަތީގައި ދަތްދޮޅި ތިރިކޮށްލީމެވެ. އޭނާގެ ނިންމުން ބަދަލުކުރޭތޯ ﷲތައާލާއަށް ދުއާވެސް ކުރީމެވެ.
"މިހާރު ބުނާނެ ތިހެން! އެކަމަކު ހަގީގަތުގައި މާލިކްގެ ޒިންމާގެ ދަށުގައި ދިރިއުޅެން ފެށީމައި، ނުވަތަ މާލިކްގެ އެހީގައި ދިރިއުޅޭތާ އެތަށް ދުވަހެއް ފަހުން ބުނާނެ ތިޔަ ދެމައިންގެ ބުރަ ތިމަންނާއަކަށް ދެން ނުއުފުލޭނެޔޭ..! އެހެންވީމަ އެ އަޑު އެހުމަށް ވުރެން، މިއަދު އަހަރެން މަނާ މިކުރާ ކަންކަމަށް މާލިކް އެއްބަސްވުން މާރަގަޅުވާނެ..!" ކައިރާގެ ނިންމުން ބަދަލުކުރާން އޭނާގެ ހިތަށްވެސް ނާރަ އެވެ. ގޮތް ދޫކުރުމަކީ ކައިރާގެ މިޒާޖުގައި ނެތް ސިފައަކީބާ އެވެ؟
"ނޫނޭ.. އަދި ތިޔަ ވިސްނަނީ ރަގަޅަކަށް ނޫން.. މި ހުށަހެޅުން މި ހުޅުވާލީ އަހަރެންގެ ހިތުގެ އަޑިން..
ނޫނެކޭ ނުބުނޭ! ޕްލީޒް! ބީނިޝްއަކީ އަހަރެންގެ އުފަން ދަރިއެއްފަދަ.. އެހެންވީމަ އެ ދަރިފުޅުގެ މަންމަވެސް އަހަންނަށް މުހިއްމުވާނެ.." ވަރަށް އަސަރާއެކު އަހަރެން ބުނީމެވެ.
ތެއްކަން އިހްސާސްވުމާއި ހަމައަށް، މި ދެ ލޮލުން ފެންކަޅިވެފައިވާ ކަމެއް އަހަރެން ނުދެނަހުރީމެވެ.
ދެން ވެރިވީ ހިމޭން ވަގުތުކޮޅެކެވެ.
ކައިރާގެ އަތުގައި އަހަރެން ފިރުމާލީމެވެ.
މަޑުމަޑުން އަހަރެންގެ މެއާއި ހަމައަށް ކައިރާ ގެނެވުނީ ކިހިނެއްކަމެއް ނޭގެ އެވެ.
ދެ އަތުގެ ބާރުގައި މި ހަށިގަނޑުގައި އޭނާ ބޮނޑިކޮށްލީމެވެ. ލިބުނު އަރާމުގައި ހަށިފުރައި ނޭވާއެއް ލެވުނީ އެތަށް އިރަކު އޮކްސިޖަންގެ ދަތިކަމުގައި ތެޅިފޮޅިފައިވާ އިންސާނަކަށް ފުރިހަމައަށް އޮކްސިޖަން ލިބުމުން ތަސައްލީ ލިބޭފަދައިންނެވެ.
އަހަރެންގެ ޓީޝާޓްގައި ފުރަގަހުން ކައިރާގެ ދެއަތުން ބާރަށް ހިފެހެއްޓި އެވެ.
އޭނާ ހަމަޖެހިލުމަށް ވަގުތުކޮޅެއް ދިނުމަށް، ބުރަކަށީގައި މަޑުމަޑުން ފިރުމާލީމެވެ.
އަހަރެންގެ މޭގައި ދަތްދޮޅި ވިއްދާލާފައި މޫނަށް ބަލައިލި އެވެ.
ދެމީހުންގެ އިސްކޮޅުގެ ތަފާތު ބޮޑުކަމުން، މި މަންޒަރު އަހަންނަށް ވަރަށް ލޯތްބެވެ.
ރަތްވެފައިވާ ދެ ލޮލާއި އެތަށް އިރަކު ރުއިމުގެ ސަބަބުން ދުޅަވެފައިވާ ނޭފަތާއި ފިޔާތޮށިކުލައިގެ ދެ ކޯތާފަތުގައި ނުހަނު މަޑުމަޑުން ފިރުމާލީމެވެ.
އުފަލާއި ހިތްހަމަޖެހުމެއްގެ އަސަރެއް ނެތެވެ. ތަނަވަސް ބޮޑު ދެލޯ ވިދަމުންދިޔައީ ބިރުވެރިކަމާއި ހާސްކަމާއި ނުތަނަވަސްކަމުންނެވެ.
ޔާ ﷲ އެވެ. ބީނިޝްއާއި ބީނިޝްގެ މަންމަގެ ހުރިހައި ރިހުމެއް މި އަޅާގެ މައްޗަށް ޒިންމާކުރުވާންދޭވެ! މި ދެމައިންނަށް އުފާވެރިކަމާއި އަމާންކަން މިންވަރުކުރައްވާންދޭވެ އެވެ!
އަހަރެންގެ ހިތާއި ހިތުން ދުއާ ދެންނެވީމެވެ.
"އަހަރެންގެ ހިތް އެދެނީ، މާލިކްއަށް އިތުބާރުކުރުމަށް!" ވައިރޯޅިއަށްވެސް ނީވޭ ވަރަށް، މަޑުމަޑުން ކައިރާ ބުނެލި އެވެ.
"އިން ޝާ ﷲ ތިޔަ އިތުބާރު ދުވަހަކުވެސް ގެއްލުނަ ނުދޭނަން.. އެ ޒިންމާ އަހަރެންގެ މައްޗަށް ދޫކޮށްލާ!" އަހަރެންވެސް މަޑުމަޑުން ބުނީމެވެ. ދެން އިވުނީ އަނެއްކާވެސް ކައިރާގެ ގިސްލުމުގެ އަޑެވެ.
ދެ އަތުން ބައްދާލައިގެން ހުރެ، އެއް އަތް އޭނާގެ ގައިން ނައްޓުވާލާފައި ކައިރާގެ މޫނުން ކަރުނަ ފޮހެލީމެވެ.
"ދޮރު ވައްޓާލާފައި އެތެރެއަށް ވަން ވަގުތު ދުވެފައި ގޮސް މާލިކްގެ ދެ އަތުގެ ތެރެއަށް ވަދެވުނީ، އެ ވަގުތު އަމާންކަން އިހްސާސްވީތީ.. އަހަރެންނާއި އަހަރެންގެ ދަރިފުޅު ރައްކާތެރިކޮށްދޭނެ މީހަކީ މާލިކް ކަމަށް ހިތް ބުނީތީ.. އެކަމަކު އަހަރެންގެ ހާލަތު، މި ހަގީގަތް ގަބޫލުކުރުމަށް އިޒުނައެއް ނުދޭ..! އަހަންނަށްވެސް އިނގޭ، ބޭބެއަށްވުރެން ބީނިޝް، މާލިކްއާއި މާ ބޮޑަށްވެސް ގާތް! މާލިކްދެކެ މާ ބޮޑަށް ބީނިޝް ލޯބިވެސް ވޭ.. މާލިކް އުޅޭ ވަގުތުތަކުގައި، އަހަރެންގެ ބޭނުމެއް ހަގީގަތުގައި ބީނިޝްއަކަށް ނޯވޭ މިހާރު.. އަހަރެންނަށްވުރެން ބީނިޝް މާބޮޑަށްވެސް މާލިކް ބޭނުންވޭ.. މާލިކް ނެތިއްޔާ ބީނިޝްގެ ހުރިހައިވެސް އުފަލަކީ އަހަރެން.. އެކަމަކު މާލިކްގެ ހާޒިރުގައި އެ ހުރިހައިކަމެއްގައި އޮންނަނީ އަނެއް ކޮޅު.. ހަގީގަތަކީ އެއީކަމަށް ވިޔަސް، އަހަރެންގެ ސަބަބުން މާލިކްގެ ދިރިއުޅުން، ބޮޑު ޒަލްޒަލާއެއްގެ ތެރެއަށް ވައްޓާލާކަށް ބޭނުމެއް ނޫން.. އެހެންވީމާ އަހަރެން ގަސްދުކުރަނީ، ކަންކަން ހަމަޔަކަށް އެޅެންދެން މި ތަނުން އަހަރެން ދާން..!" ވަރަށް އަޑު އަހައި ހިތުން ހުއްޓައި ކައިރާގެ ތަގްރީރު ނިންމާލީ ބޮޑު ބޮމެއް ގޮއްވައިލައިގެންނެވެ.
"ވަޓް؟" ސިއްސައިގެން ގޮސް ސުވާލު ކުރެވުނެވެ. (ނުނިމޭ)
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;