އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ގާނޫނުގައިވާ ގޮތުގެ މަތިން ރައީސް އޮފީސް ވެސް ހިމެނޭ ގޮތަށް ސަރުކާރުގެ ގިނަ އިދާރާތަކުން މައުލޫމާތު ފޯރުކޮށް ނުދޭ މައްސަލާގައި ނޫސްވެރިޔަކު ސުވާލުކުރުމުން ބަންޑާރަ ނައިބު އުޝާމް ވިދާޅުވީ އެ ގާނޫނު އެކުލަވާލީ ހާއްސަ މަގުސަދެއް ހާސިލްކުރުމަށް ކަމަށާއި ގާނޫނު "ހެޔޮ ގޮތުގައި ހިފާ" މީހުންނަށް ގާނޫނުގައިވާ ގޮތަށް މައުލޫމާތު ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. ނަމަވެސް ހެޔޮ ނޫން ގޮތަކަށް ވެސް ގާނޫނުގެ ބޭނުން ހިފާ ކަމަށް އުޝާމް ވިދާޅުވި އެވެ.
އުޝާމްގެ އެ ތުހުމަތުތަކަށް ރައްދު ދެއްވައި، އިންފޮމޭޝަން ކޮމިޝަނަރު އާހިދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އާރުޓީއައި ގާނޫނުގެ ބޭނުން ނަހަމަ ގޮތުގައި އެއްވެސް ފަރާތަކުން ހިފާކަމުގެ ހެއްކެއް ފެންނަން ނެތް ކަމަށެވެ.
އުޝާމް އެފަދައިން ވިދާޅުވިއިރު، އިދާރާތަކުން މައުލޫމާތު ނުދޭ މައްސަލަ ވަރަށް ބޮޑެވެ. ރައީސް އޮފީހުން ވެސް އާރްޓީއައިތަކަށް ޖަވާބު ނުދޭކަމުގެ ކަންބޮޑުވުން ވަރަށް ގިނައިން ފެންމަތިވެ އެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން (އައިކޮމް) އާންމުކޮށްފައިވާ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެ އޮފީހަށް ހުށަހެޅި 712 ޝަކުވާގެ ތެރެއިން 487 ޝަކުވާއަކީ މައުލޫމާތު ހޯދަން ހުށަހެޅުމުން އެއްވެސް ޖަވާބެއް ނުލިބިގެން ހުށަހަޅާފައިވާ ޝަކުވާތަކެވެ.
މީގެ ތެރެއިން އެންމެ ގިނަ މައްސަލަ ރައްދު ވަނީ ވެސް ރައީސް އޮފީހަށެވެ. ބައެއް މައްސަލަތަކުގައި އައިކޮމްއިން މައުލޫމާތު ދިނުމަށް އެންގުމުން ވެސް އެކަން ނުކޮށް ގިނަ ދުވަސްތަކެއް ވެފައިވާކަން ފާހަގަކުރެވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;