ads
މާލޭގެ ކަނޑުތޮށި މަރާމާތުކުރުމުގެ މަޝްރޫއުގެ ދަށުން މާލޭގެ އިރުމަތީ ފަރާތުން ރާޅުގަނޑު ސަރަހައްދަށް އަންނަ ބަދަލު ފެންނަ ކުރެހުމެއް - ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
ބިލިޔަނުންވާ ގެއްލުން ހުއްޓުވަން ތަސައްވަރެއް ކަނޑައެޅުން- އަވަސް ކުރަން ޖެހޭ ބަދަލެއް!
ގައުމެއްގެ ތަރައްގީއަކީ ވަކި އުސޫލެއް ނެތި، ދިމާވިހާ ގޮތަކަށް ކުރިއަށްގެންދަންޖެހޭ ކަމެއް ނޫނެވެ. ރާއްޖެ ފަދަ ކުޑަ އަދި ވަސީލަތްތައް މަދު ގައުމެއްގައި ތަރައްގީގެ ފުރިހަމަ ތަސައްވުރެއް އޮތުމަކީ ގައުމުގެ މުސްތަގުބަލަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. މުޅި ރާއްޖެ ހިއްސާވާ، ދުރު ރާސްތާގެ ގައުމީ ތަރައްގީގެ "ތަސައްވުރެއް" ނެތި ނިމުނު ދިގު މާޒީގައި ރާއްޖެ ތަރައްގީ ކުރަން ހޭދަ ކުރި ފައިސާއަކީ ފޫނެއް ފަޔަކަން ފެން ފުރުން ފަދަ ކަމަކަންވެ، ލިބެމުންދާ ގެއްލުން އިންތިހާއަށް ބޮޑުވާ ކަމެކެވެ.
Advertisement

ގައުމީ ތަރައްގީގެ ތަސައްވުރެއް ނެތުމުން ލިބޭ ގެއްލުންތައް އިންތިހާއަށް ބޮޑެވެ. އެއް ސަރުކާރުން ފަށާ މަޝްރޫއުތައް އަނެއް ސަރުކާރުން ހުއްޓާލުމާއި، ރައްޔިތުންނަށް އެންމެ ބޭނުންޖެހިފައިވާ ކަންކަމަށްވުރެ ބޮޑަށް ސިޔާސީ މަންފާއަށް އިސްކަންދިނުމަކީ ގައުމުގެ ކުރިއެރުމަށް އޮތް ބޮޑު ހުރަހެކެވެ. ގައުމީ ތަރައްގީގެ ޕްލޭނެއް ނެތް ނަމަ، ދައުލަތުގެ ބަޖެޓުން ކުރެވޭ ހޭދަތަކަކީ އެއިން ދާއިމީ ނަތީޖާއެއް ނުނިކުންނަ، ވަގުތީ އުފަލަކަށްޓަކައި ކުރެވޭ އިސްރާފަކަށް ވެގެންދެ އެވެ.

ގައުމީ ތަރައްގީގެ ޕްލޭނެއްގެ މުހިންމުކަން ސިޔާސީ ފަރާތްތަކަށް ސާފުވުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ގިނަ ފަހަރަށް ފެންނަނީ، ވެރިކަމަށް އަންނަ ކޮންމެ ޕާޓީއަކުން އެ ބައެއްގެ އަމިއްލަ އެޖެންޑާއެއް ތަންފީޒުކުރަން އުޅޭތަނެވެ. މީގެ ސަބަބުން، ހަރަދު ބޮޑު ބިޔަ މަޝްރޫއުތައް ސިޔާސީ ބޭނުމަށްޓަކައި ހިންގުމުގެ ނަތީޖާއަކީ، ގައުމުގެ އިގްތިސާދީ ގާބިލިއްޔަތަށް ނުކަތާވަރުގެ ބޮޑެތި ދަރަނިތަކުގެ ސަބަބުން ދިވެހިން ހަމަ އިސްކޮޅަށް ނުތެދުވޭވަރު ވުމެވެ. ވަކި ރަށެއްގައި ނުވަތަ އަތޮޅެއްގައި ސިޔާސީ ތާއީދު ހޯދުމަށްޓަކައި ހިންގޭ މަޝްރޫއުތަކަކީ، ގައުމީ ފެންވަރުގައި ބަލާއިރު އެންމެ މުހިންމު ކަންކަމަށް ނުވެދާނެ އެވެ. މީ މިއަދު ސިޔާސީން ވިސްނަން ވީ މުހިންމު ނުކުތާ ތަކެވެ.

your imageއުމްރާނީ ތަރައްގީގެ މަސައްކަތަކަތެއް ކުރިއަށް ދަނީ - ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ

ތަސައްވުރެއް ނެތި އަތޮޅުތަކުގައި ހިންގޭ މިފަދަ މަޝްރޫއުތަކުގެ ސަބަބުން ދައުލަތުގެ މަދު ވަސީލަތްތައް އިސްރާފުވެގެންދެ އެވެ. މިސާލަކަށް، ބޭނުންކުރާނެ މީހުން ނެތް ތަނެއްގައި އެއާޕޯޓެއް އެޅުމަކީ ނުވަތަ އިގްތިސާދީ ގޮތުން ނަފާ ނުލިބޭނެ ބަނދަރެއް ހެދުމަކީ، އެ ފައިސާއިން ރައްޔިތުންނަށް މާ ބޭނުންތެރި އެހެން ކަމެއް ކުރުމަށް އޮތް ފުރުސަތު ގެއްލިގެންދާ ކަމެކެވެ. މިފަދަ ކަންކަމުގެ ސަބަބުން ގައުމު ދަރަނިވެރިވެ، ކުރާ ހޭދައާ އެއްވަރުގެ ތަރައްގީއެއް ނުލިބި، އަންނަން އޮތް ޖީލުތައް ބޮޑު ބުރައެއްގެ ދަށުވެ އެވެ.

ގައުމު ސަލާމަތް ކުރަން އޮތް މަގަކީ، ގައުމީ ތަސައްވުރެއް ނެތި ކުއްލި ކުއްލިއަށް ހިންގާ މަޝްރޫއުތައް ހުއްޓާލުމެވެ. އަދި ދަރަނިވެރި ކުރުވުމަށްފަހު އެކަމުގެ ޒިންމާ ނުއުފުލާ ވެރިންގެ ކިބައިން ގައުމު ސަލާމަތް ކުރަންޖެހެ އެވެ. ތަރައްގީގެ ކޮންމެ މަޝްރޫއަކީ އެއިން އިގްތިސާދީ އަދި އިޖުތިމާއީ ފައިދާ ކުރާނެ، ދިގު މުއްދަތުގެ ޕްލޭނެއްގެ ދަށުން ހިންގޭ ކަމަކަށް ވާންޖެހެ އެވެ.

ތަރައްގީގެ ކަންކަން ދިރާސާ ކުރައްވާ ބޭފުޅަކު ވިދާޅުވީ ގައުމީ ތަރައްގީގެ ތަސައްވަރަކާއި ޕްލޭނަކާ ނުލާ ހޭދަ ކުރާ ކޮންމެ ފައިސާ ފޮއްޗަކީ ވެސް ގައުމަށް ދެވޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. ސިޔާސީ މަންފާއަށްޓަކައި ދުރުރާސްތާގެ ތަސައްވަރަކާއި ޕްލޭނެއް ނުހަދާ ތަރައްގީ ކުރާ ކުރުމަކީ ގައުމުގެ މަންފާއަށް ވުރެ ބޮޑު އެ ވަގުތަކު ގައުމު ހިންގަން ހަވާލުވެ ތިބޭ ބައެއްގެ މަންފާއަށް ކުރާ ހޭދައެއް ކަމުގައި މިއަދު މިވަނީ ވެފަ އެވެ.

މިދިޔަ 17 ވަރަކަށް އަހަރު ތެރޭގައި ބަޖެޓުގައި ޖަހައިގެން 700 ބިލިއަން ރުފިޔާ ހޭދަ ކުރި އިރު އެ ހޭދައާ އެއްވަރުގެ ގައުމީ ތަރައްގީއެއް ނުލިބުމުގެ އެންމެ ބޮޑު މައްސަލައަކީ ގައުމީ ތަސައްވަރަކާ ނުލާ އަދި ދުރުރާސްތާގެ ގައުމީ ތަރައްގީގެ ޕްލޭނަކަށް ނުބަލާ ހަރަދު ކުރުމެވެ. ދަރަނީގެ ބޮޑު ގެއްލުމާ ދިވެހިން ހަވާލުވާން ޖެހުމުގެ ސިއްރަކީ ވެސް ފަސް އަހަރުން ފަސް އަހަރުން ގައުމުގެ ތަރައްގީ ބަދަލުވެގެން ދިޔުމެވެ.

"އެއްބަޔަކު އައިސް މާލެ ސަރަހައްދަށް ހޭދަ ކުރަނީ އިންތިހާއަށް. އަނެއް ބަޔަކު އައިސް އަތޮޅުތަކަށް އެހާ ބޮޑު ހޭދައެއް ކުރަނީ. އެ ހޭދަ ކުރާއިރު ތަރައްގީއަށް ފަހިވާ އުސޫލަކުން ނޫން ކަންކަން ކުރަނީ އަކީ ވެސް ތިމާއަށް ސަޕޯޓް ލިބޭނެ ގޮތަކަށް ބަލައިގެން ދައުލަތުގެ ބަޖެޓާއި ވަސީލަތް ހޭދަ މިކުރަނީ،" ޕްލޭނިންގެ ދާއިރާއިން މަތީ ތައުލީމް ހާސިލު ކުރައްވާފައިވާ އަދި އަމަލީ މަސައްކަތުގައި 25 އަހަރު ހޭދަ ކުރައްވާފައިވާ ތަޖުރިބާކާރަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ރާއްޖެއަށް ލިބޭ އާމްދަނިއަށް ބަލާއިރު ރޭވުންތެރިކަމެއްގެ ދަށުން ހަގީގީ ތަސައްވަރަކަށް ގައުމު ގެންދާ ނަމަ މާލެއަށް ވުރެ ފަސޭހައިން ރަނގަޅު ހިދުމަތްތަކާއި ވަސީލަތް ލިބެން ހުރި އަދި މަސައްކަތުގެ ފުރުސަތު އުފަންވެފައިވާ ސަރަހައްދެއް ނުވަތަ ސަރަހައްދުތަކެއް ގާއިމު ކުރެވުނީސް ކަމަށެވެ.

އިޖުތިމާއީ ހިދުމަތުގައި ހަރަކާތްތެރިވާ މުހައްމަދު ނަޒީފު ވިދާޅުވީ ރާއްޖެ ތަރައްގީ ކުރުމުގެ މަސައްކަތަށްޓަކައި  ތަރައްގީއަށް ފަހިވާގޮތަށް އަތޮޅުތައް އަލުން ތަރުތީބު ކުރަން ޖެހޭ ކަމަށެވެ. އެ ގޮތަށް އެކަން ކުރާ ނަމަ ގައުމަށް ލިބޭ ތަރައްގީ އަވަސްވެ ގިނަ ބަޔަކަށް މަންފާވެ މާލެ ސަރަހައްދުގައި ދިރިއުޅުމުގެ ނަމުގައި ގަނަތެޅެމުންދާ އެތައް ހާސް ރައްޔިތުންނަކަށް ހަމަޖެހޭ ދިރިއުޅެއް ލިބުމުގެ ފުރުސަތު ވަރަށް އަވަހަށް ލިބިގެންދާނެ ކަމަށެވެ.

ގައުމަށް ލިބޭ މި ބޮޑު ގެއްލުން ހުއްޓުވަން ބޭނުން ނަމަ، ގައުމީ ތަރައްގީގެ ދުރުރާސްތާގެ ތަސައްވަރާއި ޕްލޭނު އެކުލަވާލަން ޖެހޭނީ ހުރިހާ ސިޔަސީ ވިސްނުމަކަށް ޖާގަ ދިނުމަށް ފަހު އެންމެންގެ ބައިވެރިވުން އޮވެގެންނެވެ. އެހެން ނޫން ނަމަ، އެ މަސައްކަތުގެ ފޮނިމީރިކަން ނުލިބި އިޔާދަ ނުކުރެވޭވަރުގެ ގެއްލުމާ އަދި ވެސް ކުރިމަތިވަމުންދާނެ އެވެ.

your imageތަރައްގީގެ މަސައްކަތެއް ކުރިއަށް ގެން ދިއުމަށް ގޮނޑުދޮށް ހިއްކަނީ - ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ

މިއަދު ރާއްޖޭގެ ސަރަހައްދީ ތަރައްގީއަށް ވެސް އެންމެ މުހިންމީ ހަރުދަނާ ގައުމީ ތަރައްގީގެ ތަސައްވުރެއް އެކުލަވާލައި، ގާނޫނީ ބާރުވެރިކަމާއެކު އެ ޕްލޭން ތަންފީޒުކުރުމެވެ. އޭރުން ދައުލަތުގެ ވަސީލަތްތައް އިސްރާފުވުން ކުޑަވެ، ހަގީގީ މާނައިގައި ގައުމަށް ކުރިއެރުން ލިބި، ދަރަންނީގެ މާލީ ބުރައިން ރައްޔިތުން ސަލާމަތްވާނެ އެވެ. މިއީ މިއަދު އަޅުގަނޑުމެން ކޮންމެހެން ގެންނަންޖެހިފައިވާ ބަދަލެކެވެ.

މި ބަދަލަށް ގޮވާލާ ގައުމުގެ ތަރައްގީގެ މިސްރާބު އެއް އަމާޒަކަށް ގެންދިއުމަށް "އެދޭ ރާއްޖެ" ހަރަކާތުން މިފަހުން ވަނީ ގައުމީ ޑައިލޮގްއަކަށް ގޮވާލާފަ އެވެ.

ގައުމީ ތަރައްގީގެ ތަސައްވަރަކާއި ގައުމީ ތަރައްގީގެ ދުރު ރާސްތާގެ ޕްލޭނެއް އެކުލަވާލައިގެން ނޫން ގޮތަކަށް ރާއްޖެ ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދަން ގޮވާލާފަ އެވެ. ގައުމީ ތަސައްވަރަކާއި ދުރު ރާސްތާގެ ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވާލުމަށް "އެދޭ ރާއްޖެ" ހަރަކާތުން ހުށަހަޅާފައިވަނީ ތިރީގައިވާ ހުށަހެޅުމެވެ.

ގައުމީ ތަސައްވުރު

މައްސަލަ: 

ދިވެހިރާއްޖޭގެ ތަރައްގީގެ މިސްރާބު، ކޮންމެ ފަސް އަހަރަކުން ސަރުކާރާއިއެކު ބަދަލުވަމުންދެއެވެ. ގައުމީ ތަރައްގީގެ ތަސައްވުރެއް ނެތި، ދިގުރާސްތާގެ ޕްލޭނެއްނެތި، ހަރަދު ބޮޑު ބިޔަ މަޝްރޫއުތައް ސިޔާސީ ބޭނުމަށް ސަރުކާރުތަކުން ތަންފީޒު ކުރެއެވެ. އަދި އަތޮޅުތަކުގައި ސިޔާސީ ބޭނުމަށް ބައެއް މަޝްރޫއުތައް ސަރުކާރުތަކުން ދަނީ ހިންގަމުންނެވެ. މިކަމުގެ ސަބަބުން ދައުލަތުގެ ވަސީލަތްތައް އިސްރާފުވެ، ދައުލަތުން ކުރާ ހޭދައިން ގައުމަށް ލިބެންޖެހޭ ކުރިއެރުން ނުލިބެއެވެ.

އެދޭ ރާއްޖޭގެ ހުށަހެޅުން:

ތަންދޮރުދަންނަ މީހުންނާއި ތަޖުރިބާކާރުންނާއި އިލުމުގެ އަހުލުވެރިންނާއި ކައުންސިލްތަކާ، މަދަނީ މުޖުތަމައު އާއި، ރައްޔިތުންގެ މައުނަވީ ބައިވެރިވުމާއެކު ފަރުމާކޮށް ގައުމީ ތަރައްގީގެ ތަސައްވުރާ ޕްލޭންއެއް އެކުލަވާލާ، ގާނޫނީ ބާރުދިނުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުން.

މިގޮތަށް އެކުލަވާލާ ޕްލޭންއަކަށް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ ފެންނަނުފެންނަ ވޯޓަކުން ރައްޔިތުންގެ ރުހުން ހޯދައިގެން.

ނަތީޖާ: 

މުޅި ދިވެހިރާއްޖެ ހިއްސާވާ ތަރައްގީގެ ތަސައްވުރެއް އެކުލަވާލެވި، ކޮންމެ ފިކުރެއްގެ ސަރުކާރެއް އޮތް ކަމުގައިވިޔަސް، ތަރައްގީގެ ކަންކަން އެއްކީލިވެ، އެއް މިސްރާބަކަށް ދާން މަގުފަހިވާނެއެވެ. ހަމަ އެހެންމެ، ސިޔާސީ ބޭނުމަށް ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ހަނި ކުރެވިގެންދާނެއެވެ.

މި ކަންކަމަކީ އިލްމީ އަދި ފަންނީ ގައުމީ ބަހުސްތަކުން ހައްލު ހޯދޭނެ ކަންކަމަށްވާތީވެ މިހަރަކާތައް ދިވެހި އެންމެހާ ރައްޔިތުންނަށާއި، ސަރުކާރަށާއި، ސިޔާސީ ޕާޓީތަކަށާއި، ލޯކަލް ކައުންސިލްތަކަށާއި، މީޑިއާ އާއި، މަދަނީ ޖަމިއްޔާތައް ހިމެނޭހެން ރާއްޖޭގެ ހުރިހާ ޒުވާނުންގެ ހިޔާލާއި މަޝްވަރާއަށް އެދޭ ރާއްޖެ ޓީމުން ގޮވާލަ އެވެ.

އެފަދަ ދުރުރާސްތާގެ ގައުމީ ތަސައްވަރަކާއި ގައުމީ ތަރައްގީގެ ޕްލޭނެއް ނެތި، ރާއްޖެ ތަރައްގީ ކުރުމުގެ ނަމުގައި ހިންގާ އެންމެހާ މަސައްކަތްތަކަށް ކުރާ ހޭދައަކީ ދިވެހިންނަށް ދެވޭ ގެއްލުމަކަށް ނުހަދާ ތަރައްގީގެ މަސައްކަތް ކުރެވޭނެ ގޮތެއް ކަނޑައެޅުމަށް ތެދުވާން ނުވޭތޯ އެވެ. މި ފަދަ ބޮޑު ގެއްލުންތައް ދެމުންދާއިރު ކަހާތަން ހިރުވާ ވެސް ނުލާކަމަށް ހަދައިގެން ދިވެހިން ތިބެން ޖެހިފައިވާ ސަބަބު ނައްތާލާހާ ހިތްވަރު ނެތް ބަޔަކަށް ދިވެހިންވެ ނިމެނީތޯ އެވެ.

  • އެދޭ ރާއްޖެ ކަރުދާހަށް ހިޔާލު ފޮނުއްވުމަށް: [email protected]
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;