ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދެ ބޭފުޅުން ދެއްވި ގުޅިފައިވާ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވީ، ވަރަށް އުފެއްދުންތެރި މަޝްވަރާތަކެއް ކުރެއްވި ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ދެ ގައުމުގެ ދެމެދުގައި މުހިއްމު ދާއިރާތަކުން ވެސް އެއްބަސްވުން ހެދި އެވެ. އޭގެ ތެރޭގައި ހިމެނެނީ:
ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއް
އަރުޝީފު ބެލެހެއްޓުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއް
ޓީޗަރުންނާއި ސްކޫލުތަކުގެ ލީޑާޝިޕް ތަމްރީނުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއް
ކުޅިވަރާއި ޒުވާނުންނުން ތަރައްގީކުރުމަށް ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއް
މަތީ ތައުލީމާއި ވޮކޭޝަނަލް ތައުލީމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއް
ޑިފެންސް އެޑިއުކޭޝަނާއި ތަމްރީން އަދި ރިސާޗު ކޯޕަރޭޝަންގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއް
ޔުނިވާސިޓީ އޮފް ކޮލަމްބޯ އާއި ރާއްޖޭގެ ކަމާބެހޭ އިދާރާތަކާ ދެމެދު ތައުލީމީ ގުޅުން ބަދަހިކުރުމުގެ އެކަޑަމިކް ކޯޕަޜޭޝަންގެ ދާއިރާއިން އެއްބަސްވުމެއް
ރައީސް މުއިއްޒު ވިދާޅުވީ އިންވެސްޓަރުންނާ ގާތް މާހައުލެއް ގާއިމުކުރުމާއި ވިޔަފާރީގެ އާ ފުރުސަތުތަކެއް ފަހިކުރުމަށް ވެސް ދެ ބޭފުޅުންގެ މެދުގައި މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި މާދަމާ ލަންކާގައި ބާއްވާ ބިޒްނަސް ފޯރަމަކީ ރާއްޖެ-ލަންކާ ގުޅުވައިދޭނެ މަގެއް ކަމަށާއި އެއީ ރާއްޖޭގައި ހުރި ފަހި ފުރުސަތުތަކާ ގުޅޭ މައުލޫމާތުތައް ލިބޭނެ ފޯރަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ސްރީލަންކާއަށް ކުރައްވާ މި ދަތުރުފުޅަކީ، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް، ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުންނާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ. މި ދަތުރުފުޅުގައި ލަންކާގައި ދިރިއުޅޭ ދިވެހިންނާ ރައީސްގެ ދެކަނަބަލުން މާދަމާ ބައްދަލުކުރައްވާނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;