"ޗެނަލް 13"އިން އަންނަނީ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިސްތިއުފާއަށް ގޮވާލައި، ޕީއެންއެފުން ސަރުކާރާ ދެކޮޅަށް ކުރަމުންދާ އިހުތިޖާޖުތައް ލައިވްކޮށް ދައްކަމުންނެވެ.
މިކަމާ ގުޅިގެން ބްރޮޑްކާސްޓިން ކޮމިޝަނުން "ޗެނަލް 13"ގެ ސީއީއޯ އިސްމާއިލް ސަފްވާނަށް ފޮނުވާފައިވާ ސިޓީގައި ވަނީ ސިޔާސީ ޕާޓިތަކުން ބާއްވާ މުޒާހަރާތަކުގައިއާއި އެއްވުންތައް ލައިވްކުރުމުގައި އަމަލުކުރަންޖެހޭނީ ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގެ ދަށުން ބަޔާންކުރާ ހަމަތަކަށް ފުރިހަމައަށް ބޯލަނބައި ޒިންމާދާރުކަމާއެކުގައި ކަމަަށެވެ.
އަދި ބުނީ ޕީއެންއެފްގެ މުޒާހަރާތައް ލައިވް ކުރަމުންދާއިރު އާންމު އިޖުތިމާއީ މިންގަނޑާއި މީޑިއާގެ ސުލޫކީ މިންގަނޑާ ހިލާފު ވާހަކަތަކާއި މަންޒަރުތައް ބްރޮޑްކާސްޓް ކުރަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ.
އެ މައްސަލަ މީޑިއާ ކޮމިޝަންގެ ސަމާލުކަމަށް އައުމާ އެކު، ޕީއެންއެފްގެ މުޒާހަރާ ލައިވްކުރުމުގައި އެއް މިނެޓު ލަސްކޮށް ލައިވް ބްރޮޑްކާސްޓްކުރުމަށް މި މަހުގެ 20 ވަނަ ދުވަހު ސިޓީއަކުން ޗެނަލް 13 އަށް އެންގި ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ. އޭގެ ފަހުން ވެސް ދެ ފަހަރެއްގެ މަތިން ފޯނުން ގުޅައިގެން ވެސް އެތަނުގެ ވެރިންގެ ސަމާލުކަމަށް އެކަން ގެނައި ކަމަށް އެ ސިޓީގައިވެ އެވެ.
ނަމަވެސް، ތަކުރާރުކޮށް ކޮމިޝަންގެ އެންގުމާ ހިލާފަށް "ޑިލޭ"އަކާ ނުލައި ލައިވް ބްރޮޑްކާސްޓުކުރާތީ، ގާނޫނާއި ގަވާއިދުތަކުގައިވާ ގޮތުގެ މަތިން އެ މައްސަލައާ މެދުގައި ވަކި ގޮތެއް ނިންމަންދެން ޕީއެންއެފްގެ މުޒާހަރާ ލައިވްކުރުން މެދުކަނޑާލަން އެ ސިޓީގައި ވަނީ ޗެނަލް 13 ހިންގާ މިޑީއާ ރިންގް ޕްރައިވެޓް ލިމިޑެޓަށް އަންގައިފަ އެވެ.
އެމްޑީޕީ އާއި ޕީއެންއެފް އިން ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަން ފެށީ ލޯކަލް ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުން ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީއަށްފަހު އެވެ.
އެމްޑީޕީ އާއި ޕީއެންއެފް އިން ބުނަނީ ރައީސް މުހައްމަދު މުއިއްޒު އިސްތިއުފާ ދެއްވައި، އިންތިގާލީ ވެރިކަމެއް ރާއްޖޭގައި ގާއިމް ކުރަންޖެހޭ ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;