ދުވަހަކުވެސް އިންސާނެއްގެ ކިބައިން ފެނިފައި ނުވާ ޖަޒްބާތާއި ވޭން، ކައިރާގެ ލޮލާއި އޭނާގެ މޫނުން އަހަރެން ދުށީމެވެ. ކައިރާގެ ނިކަމެތިކަން އެ ދެލޮލުން އަހަރެންގެ ކުރިމަތީގައި އެ ހާމަކުރި ސަބަބެއް ނުވިސްނުނެވެ. އުފުލި ވޭނާއި ހިތުގެ ޝަކުވާ ނުވަތަ އެނާގެ ހާލަތު މިއަދު ވަރަށް ސާފެވެ. ލިބިފައިވާ މައުލޫމާތަށް ބުރަވާނަމަ، ފެނިގެން އެ ދިޔައީ އޭނާގެ މިޒާޖާއި އަރައިރުންވާ ހާލަތެކެވެ.
ކޮންމެއަކަސް، އިހްސާސްވީ ގާތްކަމެވެ.
ހިތުގެ ވިންދު ތަފާތުވެއްޖެ އެވެ. ސަބަބެއް ނޭގެ އެވެ. މާޔޫސްކަމާއި ބަލިކަށިކަން މި ނޫނީ ކައިރާގެ ލޮލުން އަހަރެން ނުދެކެމެވެ. އަހަރެންގެ ކުރިމަތީގައި ކައިރާގެ 'ހަގީގަތް' ހާމަކުރުމަށް އެނާއަށް ހިތްވަރު ލިބުނު ގޮތެއް ނުވިސްނުނެވެ.
"މަނ.. މަން.. މާ" ބީނިޝްގެ ގިސްލުން އަދިވެސް ނުހުއްޓެ އެވެ.
"ބީނިޝް" ލޯތްބާއެކު އެ ދަރިފުޅަށް މަޑުމަޑުން އަހަރެން ގޮވައިލީމެވެ.
އަހަރެންގެ އަޑަށް ބީނިޝް ތެޅިގަތެވެ. ކައިރާގެ ޓީޝާޓުގެ ތެރޭގައި ރައްކާކޮށްލާފައި އޮތް އޭނާގެ މޫނު ހާމަކޮށްލި އެވެ. އެ ދެ ލޮލުގައި ވަނީ ވޭނީ ރިހުމާއި ބިރުވެރިކަމެވެ. އަހަރެން ފެނުމުން ބީނިޝްއަށް ލިބުނީ ހައިރާންކަމެވެ. އެތަށް ޝަކުވާއެއް އެ ދެ ލޮލުން އަހަރެން ދުށީމެވެ.
ހިތުގައި ކިތަންމެ ރިހުނަސް، ލިބެމުންދިޔަ ވޭންތަށް ތަހަންމަލްކުރާނެ ހިތްވަރެއް ނެތަސް، އަހަރެންގެ ހިނިތުންވުން ބީނިޝްއަށް ހަދިޔާކުރީމެވެ. ހަގީގަތުގައިވެސް ބީނިޝްއަށް ފެންނަމުންދިޔައީ އަހަރެންކަން ޔަގިންކުރުމަށް ތިން ހަތަރު ފަހަރު އެސްފިޔަ ޖަހައިލި އެވެ.
ލިބުނު ހައިރާންކަން ގަބޫލުކުރުމަށް ބީނިޝް ވަގުތު ބޭނުންވި އެވެ. ކުއްލިޔަކަށް ކައިރާގެ ޝޯލުން ދޫކޮށްލާފައި ތެދުވެ ދެ އަތް ހުޅުވައިލި އެވެ. ހަމަ އެ ސިކުންތުގައި ދެ އަތް ތިރިކޮށްލާފައި އިސްޖަހައިލި އެވެ. ލޮލުގެ ހިމަކޮޅުން ކައިރާއަށް ބަލައިލީ، އިޒުނައަށް އެދުމަށްކަން ޔަގީނެވެ. މަންމަގެ ހުއްދަ ލިބުމާއެކު ކަރުނައިގެ ތެރެއިން ހިނިތުންވަމުން އަނެއްކާވެސް ދެ އަތް ހުޅުވާލި އެވެ.
ހިތަށް އެރި އެވެ. މާ ޝާ ﷲ އެވެ. މިއަށްވުރެން އަދަބުވެރި ދަރިއަކު މި އުޑުދަށުގައި ލެއްވިބާ އެވެ!
އަވަސް އަވަހަށް ބީނިޝް އުރާލީމެވެ. އަހަރެންގެ ކަނދުރާގައި ދެއަތް އޮޅާލާފައި ކުޑަކުޑަ ދަރިފުޅު ރޯންފެށީ ހިތުގައި ސަލާމަތުން އިނިއްޔާ އިން، އެތިކޮޅެއް ކުދިކުދިވެ ވީރާނާވާހައި ރިހުމާއެކު އެވެ.
"ޝްޝްޝްޝޝޝ.. ނޯ މޯ ކްރައިންގ" އިތުރަށް ނުރޯން، ހިތްވަރު ދިނީމެވެ. އޯގާތެރިކަމާއެކު ބުރަކަށީގައި ފިރުމާލީމެވެ. ކުރިއަށްވުރެންވެސް ބާރަށް އަހަރެންގެ ކަނދުރާގައި ބީނިޝް ބައްދާލި އެވެ.
"ބަ-ބައް-ޕާ- ބައް-ޕާ" ރުއިމުގެ ތެރެއިން އަހަރެންގެ ކަނދުރާގައި ބާރަށް ބައްދައިލަމުން މަޑުމަޑުން ބީނިޝް ބުނެލި އެވެ. ބުނެދޭން އެ އުޅެނީ ކޮންވާހަކައެއްކަން ދެނެގަންނާން އަހަންނަކަށް ނޭގުނެވެ.
ކައިރާގެ ދެ ލޯ ބޮޑުވެގެން ދިޔަ މަންޒަރު ދުށީމެވެ. ފަހަދުގެ ހާލު މާ ދެރަ އެވެ. ބޮޑުވި ދެ ލޮލާއެކު ހުޅުވުނު އަނގަ ލައްޕާލަންވެސް އޭނާ ހަނދާންނެތެވެ.
އަހަރެން ވިސްނީމެވެ. ބީނިޝް އެ އުޅެނީ އެއްޗެއް ބުނެދޭންބާ އެވެ؟ ދެމައިންގެ އެ ހާލަތުގެ ޒިންމާވާ ފަރާތަކީ ބީނިޝްގެ ބައްޕަކަން އަހަންނަށް ބުނެދޭން އެ ދަރިފުޅު ބޭނުންވީ ބާ އެވެ؟ ނުވަތަ ބައްޕަގެ މަގާމާއި އެ ގަދަރު އަހަރެންނަށް، ބީނިޝް ދިނީބާ އެވެ؟ ކޮންމެއަކަސް، މިއީ އަމިއްލައަށް ގޮތް ނިންމާވަރަށްވުރެން ސީރިއަސް ވަގުތެކެވެ. ކެއްތެރިވުމަށް އަހަރެން ނިންމީމެވެ.
"ޕްރިންސެސް" ބީނިޝްގެ ބޮލާއި ބުރަކަށީގައި އަހަރެން ފިރުމީމެވެ. އިންސާނުންގެ މައްޗަށް އެދަރިފުޅުގެ އިތުބާރު ގެއްލޭކަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަންނަށް، މިއަށްވުރެން މުހިއްމު އިންސާނަކު މިވަގުތު އުޑުދަށުގައި ނުވެ އެވެ.
"ޕްރިންސެސް، ޓޯކް ޓު މީ ބޭބީ!" ލޯތްބާއެކު މަޑުމަޑުން އަހަރެން ބުނީމެވެ. ބީނިޝްގެ އަޑު އިވުމަށް އެދި އަހަރެންގެ ކަންފަތް އެދޭމިންވަރެއް ދެންތިބި ދެމީހުންނަކަށް ނުވިސްނޭނެ އެވެ.
ކަނދުރާގައި އޮޅާލާފައި އޮތް އަތް ދޫވާން ފެށި އެވެ. މަޑުމަޑުން މޫނު ދުރުކޮށްލާފައި ތެދުވެއްޖެ އެވެ.
"ބައް-ޕާ- ޔޫ ނޯ ލީވް- މަން-މާ އެންޑް ބީނިޝް..؟" އަހަރެންގެ ލޮލަށް ބަލައިލާފައި ބީނިޝް ސުވާލުކުރި އެވެ.
ދެފައި ދަށުން ބިންގަނޑު ދެމިގެންހެން ހީވުމުން ދެ ލޯ ބޮޑުކޮށްލެވުނެވެ. އުފައްދާނެ އިތުރު ސުވާލެއް ނެތެވެ. ވަށައިގެން ބަލައިލެވުނެވެ. ކައިރާއާއި ފަހަދުގެ އަނގަ ހުޅުވި، ދެ ލޯ ބޮޑުވެ ހަރަކާތް ހުއްޓިފަ އެވެ. އަހަރެންގެ ހާލެއް އަހަންނަކަށް ނޭގެ އެވެ.
ކުރިންވެސް މިފަހަރުވެސް 'ބައްޕާ'އޭ ބުނެ، ބީނިޝް އެ މުއާމަލާތު ކުރަނީ އަހަންނާ އެވެ. އުފަން ބައްޕަގެ ވާހަކައެއް މިތާކު ނެތެވެ.
ބީނިޝްގެ ބައްޕައަކީ އަހަރެން ކަމުގައި އެ ދަރިފުޅު ނިންމައިފި އެވެ. ހިތުގެ ތެޅުން ބުނެދޭން ނޭގުނު ވަގުތެކެވެ. ހިތް ނަށަނީ ކަމެއް އުފަލުން ފުމެނީކަމެއް ނޭގެ އެވެ. ހިމޭނަކުން ނޯވެ އެވެ. މި ހިތުގެ ތެޅުން އެހެން މީހުންނަށް އިއްވާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް މިއީ ސިއްރުވާނެ އިހްސާސެއް ނޫންކަން ޔަގީނެވެ. ބައްޕައަކަށް ވުމުގެ މި އިހްސާސަކީ މިވަރުގެ ހާއްސަ ކަމަކަށް ވެގެން ހިގައިދާނެކަމަށް ހުވަފެނަކުންވެސް ނުދެކެމެވެ.
އަހަރެންގެ ދެ ކޯތާފަތުން ހޫނުކަން އިހްސާސްވެއްޖެ އެވެ. ލަދުން ދެ ކޯތާފަތް ރަތްވީ ހެއްޔެވެ؟
އެ ބުނެލުމުން މިކުރެވޭ އިހްސާސް އަހަންނަށް ވަރަށް ކަމުގޮއްސި އެވެ. ލިބުނު އުފަލާއި ކުރެވުނު އިހްސާސް ގަލަމުން ނުވަތަ ދުލަކުން ބަޔާން ކުރާނީ ކިހިނަކުން ހެއްޔެވެ؟
އަހަރެންގެ އިޝާރާތެއް ނެތުމުން މޫނުގެ ދެފަރާތުގައި ހިފަހައްޓައިލި އެވެ. ދެމީހުންގެ ހަތަރުކަޅި ހަމަކުރުމަށް މަޖުބޫރު ކޮއްފި އެވެ.
"ސޭ..، ޔޫ ނޯ ލީވް އަސް ބައްޕާ.. ޕްލީޒް!" ދެ ލޮލުން ކަރުނަ ވިދާލައިފި އެވެ.
އަހަރެންގެ ޝޮކް އެ ދަރިފުޅަށް ނުވިސްނޭނެ އެވެ. ހަރަކާތެއް ނުކުރެވުނީތީ، ހިތާމަކުރަމެވެ. އަހަރެންގެ ސިކުނޑީގައި ދައުރުވަމުންދިޔަ އޮއެވަރެއް އެހެން އިންސާނަކަށް މިވަގުތު އަންދާޒާވެސް ނުކުރެވޭނެ އެވެ.
"ޝްޝްޝް.. ނުދާނަން.. ނުދާނަން... ދުވަހަކުވެސް ނުދާނަން.." އަހަރެން ބުނީމެވެ.
"ޔޫ ލެފްޓް ބިފޯ" ރަގަޅު ވަގުތުގައި ބީނިޝް ޝަކުވާ ކޮށްލި އެވެ.
"އައެމް ސޮރީ، ކަޕްކޭކް! ވަރަށް ދުރު ގައުމަކަށް ދާންޖެހުނީ.. ފުރުމުގެ ކުރީން ބައްދަލުކުރަން ގެއަށް އަންނާނެ ވަގުތެއްވެސް ނުލިބުނު.. ނުވެސް ގުޅައި، ފުރަންޖެހުނީތީ ވަރަށް ބޮޑަށް ސޮރީ!" ހިތުގެ އަޑިން އަހަރެން މައާފަށް އެދުނީމެވެ.
"ޔޫ ނޯ ކޯލް" އަނެއްކާވެސް ޝަކުވާއެކެވެ. ނަމަވެސް ހަގީގަތެވެ. އަހަރެން ޖެހޭނީ ކުރިމަތިލާށެވެ.
"ސޮރީ ޕްރިންސެސް.. ދެން ނުދާނަން.. އިން ޝާ ﷲ ދުވަހަކުވެސް ނުދާނަން" އަހަރެން ބުނީމެވެ.
"ޕްރޮމިސް؟" ބީނިޝް ސުވާލުކުރި އެވެ.
އަހަރެން ގާތަށް ހިނި އައި އެވެ. 'ރ'ގެ އަޑު ބީނިޝް ފާޅުކުރި އަޑެއް މީގެ ކުރިން ނާހަމެވެ. މަސްދުވަސްތެރޭގައި އަހަރެންގެ ދަރިފުޅަށް އައި ކުރިއެރުމަށް އަލްހަމްދު ލިއްލާހި އެވެ.
"ޕްރޮމިސް، ޕްރިންސެސް!" ބީނިޝްގެ ބޮލުގައި އަހަރެން ބޮސްދިނީމެވެ.
"އައި ލަވް ޔޫ" ވައި އަޑުން ބީނިޝް ބުނެލި އެވެ. ނަމަވެސް އަސަރާއެކު އެވެ.
"އައި ލަވް ޔޫ ޓޫ- އައި ލަވް ޔޫ ސޯ މަޗް ޕްރިންސެސް! އައި ލަވް ޔޫ" ދެ ލޮލުން ކިތަންމެ ހޫނު ކަރުނައެއް ވިދިޔަސް، ބީނިޝް ހިނިތުންވި އެވެ.
އެ ހިނިތުންވުމުގައި އަހަރެންގެ ދުނިޔެ އާބާދުކުރުމަށް ނިންމީމެވެ. ލޯތްބާއެކު ބީނިޝްގެ ނިއްކުރީގައި އަހަރެންގެ ތުންފަތް ޖައްސައި ބާރުކޮށްލީމެވެ. އަދި އެއް އަރިޔަކަށް އަހަރެންގެ އަތުގެ ތެރޭގައި ބާއްވާލީމެވެ. ލޮލުގެ އެސްފިޔަ އެންމެ ހިދުކޮޅަކަށްވެސް ބީނިޝް ތަޅުވާ ނުލަ އެވެ. ބަލަމުން ދިޔައީ އަހަރެން މޫނަށެވެ. ނުވަތަ ލޮލަށެވެ. އެ ދެ ލޮލުގެ އެސްފިޔަ ޖަހައިލައިފިނަމަ އަހަރެން ގެއްލިދާނެކަމުގެ ބިރު އެބައޮތްކަން އެ ދަރިފުޅަށް ބުނެދޭން ނޭގެނީ އެވެ. އެކަން އަހަރެން ޔަގީންކުރީމެވެ.
ކައިރާއާއި ގާތަށް ޖެހިލީމެވެ. މަޑުމަޑުން ކައިރާގެ އަތް އުފުލާލާފައި ގެނެސް، ބީނިޝްގެ އަތް މަތީގައި ބާއްވާލީމެވެ.
އަހަރެންވެސް އަދި ބީނިޝްގެ މަންމަވެސް އޭނާއާއިއެކު އެބަހުރިންކަން އެ ދަރިފުޅަށް އިހްސާސްކޮށްދިނުމަށެވެ. ލޯތްބާއި އޯގާތެރިކަމާއެކު، ބީނިޝްގެ މޫނުގައި މަޑުމަޑުން ފިރުމުން އެންމެ ހިނދުކޮޅަކަށްވެސް ހުއްޓާނުލަމެވެ.
ވަމުންދާ ގޮތް އިހްސާސްކުރެވެން ކުޑަ ވަގުތުކޮޅެއް ބީނިޝް ބޭނުންވި އެވެ. މާގިނައިރެއްނުވެ، އެސްފިޔަތަކުގެ ވަރުބަލިކަން ފެންނާން ފަށައިފި އެވެ. މަޑުމަޑުން ތިރިވަމުންގޮސް، ދެ ލޮލުގެ އެސްފިޔަތަށް ލެއްޕި، އަރާމް ނިދީގެ ތެރޭގައި ދަރިފުޅު ހިމޭންވެއްޖެ އެވެ.(ނުނިމޭ)
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;