ads
އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރާއްޖޭގެ ސިޔާސީ ޕާޓީތަކާއެކު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: އެމެރިކާ އެމްބަސީ
ސިޔާސީ ޕާޓީ ހިންގުން މިނިވަން ކުރުން، ކޮންމެހެން ބޭނުން ބަދަލެއް!
ހަމަހަމަ ފުރުސަތުދޭން ޕާޓީ ހިންގާމީހާ ޕްރައިމަރީތަކުގައި ވާދަ ނުކުރެވޭގޮތް ހެދުން މުހިންމު
ކޮންމެ ގައުމެއްގައިވެސް ހެޔޮ ހިނގުމުގެ ނިޒާމެއް ގާއިމު ކުރުމަށްޓަކައި ސިޔާސީ ޕާޓީތަކަކީ ނުހަނު މުހިންމު ދައުރެއް އަދާކުރާ މުއައްސަސާއެކެވެ. ސިޔާސީ ޕާޓީއަކީ ހަމައެކަނި އިންތިހާބުތަކުގައި ވާދަކުރުމަށް އޮންނަ ވަސީލަތެއް ނޫނެވެ. އެއީ ރައްޔިތުންގެ ފިކުރާއި، ބޭނުންތަކާއި، އަދި ގައުމީ ތަސައްވުރު އެއްގަލަކަށް އަރުވައި، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ އެންމެ ވަރުގަދަ ނިޒާމެވެ. ނަމަވެސް، މި ނިޒާމު ފުރިހަމަ ގޮތުގައި މަސައްކަތް ކުރާނީ، ސިޔާސީ ޕާޓީތައް ހިންގުމުގައި ހާމަކަން ބޮޑު، މިނިވަން އަދި ޑިމޮކްރެޓިކް އުސޫލުތަކެއް ހިފެހެއްޓި، ޕާޓީގެ މަގުސަދު ހާސިލު ކުރެވޭވަރުގެ މިނިވަންކަމާ އެކު ޕާޓީގެ ހިންގުން ދެމެހެއްޓިގެންނެވެ.
Advertisement

ސިޔާސީ ޕާޓީއެއްގެ އެންމެ މުހިންމު އެއް ތަނބަކީ އެ ޕާޓީއެއްގެ ލީޑަޝިޕެވެ. ޕާޓީގެ އިސްމަގާމުތަކަށް މީހުން އައްޔަން ކުރުމުގައި، އާންމު މެންބަރުންގެ ސީދާ ވޯޓުން ވެރިން ހޮވުމަކީ ޕާޓީގެ މަގުބޫލުކަން އިތުރުވެ، އިތުބާރު ދެމެހެއްޓޭނެ ކަމެކެވެ. މިކަމުގެ ސަބަބުން، ޕާޓީގެ ލީޑަޝިޕަކީ ވަކި ބައެއްގެ މުށުތެރޭގައި ނުވަތަ ވަކި ފެކްޝަނަކުން ބުނާހާ ކަމެއް ކުރަން އޮންނަ ތަނަކަށް ވުމުގެ ބަދަލުގައި، މުޅި ޕާޓީގެ މެންބަރުން ތަމްސީލުކުރާ ބަޔަކަށް ވެގެންދެ އެވެ. 

ހަމައެއާއެކު، ލީޑަޝިޕުގައި ތިބޭ ފަރާތްތަކަކީ މެންބަރުންނަށް ޖަވާބުދާރީވާންޖެހޭ ބަޔަކަށް ހެދުމަކީ ސިޔާސީ ތޮބީއަތުން ފެންނަ މަންޒަރަށް ބަލާއިއިރު ކުރުން ލާޒިމު ކަމެކެވެ. ޕާޓީގެ ނިންމުންތަކާއި ކުރާ މަސައްކަތްތަކާ މެދު ސުވާލު ކުރުމުގެ ފުރުސަތު އެ ޕާޓީއެއްގެ އާންމު މެންބަރުންނަށް އޮންނަންޖެހެ އެވެ.

މީގެ އިތުރުން، ޕާޓީގެ ވެރިންނާ މެދު މެންބަރުން ހިތްހަމަނުޖެހޭ ހާލަތްތަކުގައި، އެ މީހުންގެ އިތުބާރު އޮތްތޯ ބެލުމަށް "ފެންނަ ނުފެންނަ ވޯޓެއް" ނެގޭނެ ނިޒާމެއް އޮތުމަކީ ވެސް މުހިންމު ކަމެކެވެ. މިކަމުގެ ސަބަބުން ލީޑަޝިޕުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވި، އަބަދުވެސް މެންބަރުންގެ ލާބަޔަށް މަސައްކަތް ކުރުމަށް ބާރުއެޅޭނެ އެވެ. އަދި ޕާޓީގެ އިދާރީ ހިންގުމުގެ ކަންކަން، ފައިސާގެ މުއާމަލާތްތަކާއި ނިންމުންތައް ނިންމާ ގޮތް އާންމު މެންބަރުންނަށް ސާފުކޮށް އެނގެން އޮތުމަކީ ޕާޓީގެ ދެފުށް ފެންނަ މިންވަރު ހާމަކޮށްދޭ އަދި ރައްޔިތުންގެ ތާއީދު ސިޔާސީ ޕާޓީތަކަށް ލިބޭނެ ކަމެކެވެ.

ޒަމާނީ ސިޔާސީ ނިޒާމުތަކުގައި މިހާރުން މިހާރަށް އުފަން ކުރަންޖެހޭ މުހިންމު އަނެއް ކަމަކީ، ޕާޓީގެ ޗެއާޕާސަން(އިދާރީ ވެރިޔާ) ނުވަތަ ރައީސް އަކީ އޭނާގެ ހިންގުމުގެ ދައުރުގައި "އަންނަ" އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓަށް ނުވުމެވެ. ޕާޓީގެ ވެރިޔާގެ މަސްއޫލިއްޔަތަކަށް ވާންޖެހޭނީ ޕާޓީ ވަރުގަދަކޮށް، އިންތިހާބުތަކުން މޮޅުވާނެ ހުރިހާ ސިޔާސަތުތައް ކުރިއަށް ނެރުމެވެ. 

މިގޮތަށް އަމަލުކުރުމުން، ވެރިކަމުގެ ދަހިވެތިކަމުގައި މިހާރު ސިޔާސީ ޕާޓީތަކުގެ ތެރެއިން މިފެންނަ ޕާޓީގެ އަސާސްތައް ގުރުބާންކުރުން ހުއްޓުވޭނެ އެވެ. އަދި ޕާޓީގެ އެތެރޭގެ އިންތިހާބުތައް ކާމިޔާބު ކުރުމަށްޓަކައި ޕާޓީގެ ވަސީލަތް ވަކި މީހަކު ހޮވުމަށް ނުވަތަ ޕްރޮމޯޓް ކުރުމަށް ބޭނުން ކުރާ ކަމަށް ބުނެ ދައްކާ ވާހަކަތަކަށް ނިމުން އައުމުގެ ފުރުސަތު ބޮޑުވެގެންދާނެ އެވެ.

ޕާޓީގެ އެތެރޭގެ އިންތިހާބުތައް ކާމިޔާބު ކުރުމަށްޓަކައި ޕާޓީގެ ވަސީލަތް ވަކި މީހަކު ހޮވުމަށް ނުވަތަ ޕްރޮމޯޓް ކުރުމަށް ބޭނުން ކުރުމުގެ އާދަކާދައެއް ޕާޓީތަކުގެ ތެރޭގައި އޮންނަ ވާހަކައަކީ ވަރަށް ބާރަށް ދައްކާ ވާހަކަ އެކެވެ. އެކަމުގެ ސަބަބުން ކޮންމެ ފެކްޝަނަކުން ވެސް ބަލަނީ ޕާޓީ ހިންގުން އެ ބަޔަކު ބޭނުންވާ ފެކްޝަނަކަށް ފުރޮޅާލެވޭތޯ އެވެ.

ޕާޓީގެ އެންމެހާ ވަސީލަތް ބޭނުންކޮށްގެން އެތެރޭގެ އިންތިހާބުތައް ކާމިޔާބު ކުރަން ސިޔާސީ އިސް މީހާ ނުވަތަ މީހުން އުޅޭ އިރު، ވާދަވެރި ކެންޑިޑޭޓަށް ޕާޓީގެ ވަސީލަތް ބޭނުން ކުރަން ނުލިބޭ ވާހަކަ އާއި އޭނާ ހުށަހަޅާ ހުށަހެޅުންތައް ޕާޓީގެ އެޑްމިނިސްޓްރޭޝަނަށް ނުލިބޭކަމަށް ބުނެ ދައްކާ ވާހަކަ އަކީ ވެސް ހަމަ އާންމު ވާހަކަތަކެކެވެ.

މި ވާހަކަތައް އެގޮތައް ދައްކަނީ ހަގީގަތްތަކެއް އޮވެގެން ކަމަށް ގަބޫލު ކުރާ މީހުންގެ ނިސްބަތް އިތުރުވެ، ޕާޓީ އުފެއްދި ހަގީގީ މަގުސަދު ކަމަށްވާ އަދުލު އިންސާފު އަކީ ބުނެލާ ބުނެލުމަކަށްވެގެންދާ މަންޒަރުތައް މިހާރު ވެސް ފެންނަކަމަށް ބުނެ ރަށުތެރޭގައި ވާހަކަ ދައްކާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

ސިޔާސީ ކަންކަން ދިރާސާ ކުރާ ބޭފުޅަކު ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހު އޮތްގޮތުންނާއި ޕާޓީތައް ހިންގާގޮތަށް ބަލާއިރު ޕާޓީ ހިންގުމުގައި އިންސާފުވެރިވާން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި އެންމެ ފުރަތަމަ ގާއިމް ކުރަން ޖެހޭނީ ޕާޓީތަކުގެ ތެރޭގައި ކަންކަން ހިނގަނީ އިންސާފުވެރިކޮށްތޯ އާއި ހަމަ އާއި އުސޫލުން ކަންކަން ކުރަން ކަމަށެވެ.

"ނަމަވެސް މިވާގޮތަކީ ޕާޓީ ތެރޭގައި އެއްވެސް އިންސާފުވެރިކަމެއް ނެތޭ ބުނުމަކީ ވެސް ދޮގަކަށް ނުވާވަރަށް ޕާޓީތެރޭގައި ކަންކަން މި ހުންނަނީ އެއް ފަރާތަށް ބުރަވެފައި. މިސާލަކަން އެތެރޭގެ އިންތިހާބެއްގައި ޕާޓީ ހިންގުމާ ހަވާލުވެ ހުންނަ މީހާ ވާދަކޮށްފާނެ. އެ ހާލަތުގައި ޕާޓީގެ ހުރިހާ ވަސީލަތެއް ކަހަލަ ގޮތަކަށް މި ބޭނުން ކުރަނީ ޕާޓީ ހިންގަން ހުރެގެން ޕްރައިމަރީގައި ވާދަ ކުރާ މީހާ. އަނެއް މީހާ މި ހުންނަނީ ބާކީވެފައި. އެ ގޮތަށް ކަންކަން ހިނގަމުން ދަނީ. އެއީ ހަމަހަމަ ފުރުސަތު އޮވެގެން ހިންގާ ހިންގުމެއް ނޫން،" ނަން ހާމަނުކުރަން އެދި ވާހަކަ ދެއްކި ދިރާސާވެރިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ އުސޫލުން ރާއްޖޭގެ ޕާޓީތަކުގައި ކަންކަން ހިނގާ ކަމަށާއި އެ ގޮތަށް އެކަންކަން ހިނގަމުންދާ ހާ ދުވަހަކު ގައުމުގައި ވެސް އިންސާފުވެރިކަމާއެކު ކަންކަން ނުހިނގާނެ ކަމަށެވެ.

"ފުރަތަމަ މި ފަށަނީ ނާއިންސާފުކޮށް. ރިޔާސީ ޓިކެޓް ވެސް މި ހޯދަނީ ހަމަހަމަ ފުރުސަތު  ނެތް އުސޫލެއްގެ ދަށުން ހިންގާ ހިންގުމެއްގެ ތެރެއިން. އެހެން އެކަން ހިނގާ އިރު އެތެރޭގެ ޕްރައިމަރީ އިންސާފުން ބޭރުން ބާއްވައިގެން ކާމިޔާބު ކުރާ މީހާ ކިހިނެއް ދެން އިންސާފުގެ މަގުން އެހެން ކަމެއް ކުރާނީ. އެ ގިނަ ފަހަރަށް ގޯސް ހަދައިގެން އަންނަ މީހާއަށް ހެދެނީ ވެސް ގޯސް. އެހެން ވީމާ ރާއްޖެއަށް ވެސް އޮތް އެންމެ ރަނގަޅު ގޮތަކީ ހަމަހަމަ ފުރުސަތު އޮތް ޕާޓީގެެތެރޭގައި އޮތްކަން ކަށަވަރު ކުރުމަށްޓަކައި ޕާޓީ ހިންގަން ހަވާޅުވެ ހުންނަ މީހާއަށް އެ މަގާމުގައި ހުރެގެން އެތެރޭގެ އިންތިހާބެއްގައި ވާދަ ނުކުރެވޭގޮތަށް ހަދަންވީ. އަދި އެ މަގާމުން  ވަކި ވިޔަސް ވަކި މުއްދަތެއްގެ ފަހުން ނޫނީ އެތެރޭގެ އިންތިހާބެއްގައި ވާދަ ނުކުރެވޭގޮތް ހަދަންވީ އޭރުން ރަނގަޅު ދިމާލަން ކަންކަން ބަދަަލުވާނީ. މި ބަދަލު ގެންނަވަރުގެ ހިތްވަރު މިހާރު ޕާޓީތަކުގައި އަސްލު ހުންނަން ޖެހޭނެ،" އޭނާގެ ހައްލު ހުށަހަޅުއްވަމުން ވިދާޅުވި އެވެ.

ރާއްޖޭގެ ގާނޫނު އަސާސީގައި ސިޔާސީ ޕާޓީތަކަށް ދީފައި ވަނީ މަދަނީ "ޖަމިއްޔާއެއްގެ" ހައިސިއްޔަތު ކަމަށް ގިނަ ރައްޔިތުން މިއަދު ގަބޫލުކުރާއިރު އަދި ވަކިން ހާއްސަކޮށް ސިޔާސީ ޕާޓީތަކުގެ އެންމެ ބޮޑު ބައިވެރިވުން "ފެންނަ" ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގާނޫނީ "ހުވާ" ގެ އެއްވެސް ތަނެއްގައި ވެސް "ސިޔާސީ ޕާޓީ" މި އިބާރާތް ބޭނުންކޮށްފައި ނެތް ނަމަވެސް ރާއްޖޭގައި ސިޔާސީ ޕާޓީތަކުގެ ގާނޫނު މިހާރު އޮންނަ ގޮތުން ކޮންމެ އަހަރަކަށް ވެސް ލަފާކޮށް މަޖިލީހުން ފާސްކުރާ ބަޖެޓުގެ 0.1 ޕަސެންޓު ހާއްސަ ކުރަންޖެހެނީ ސިޔާސީ ޕާޓީތަކަށެވެ.

އެ ފައިސާ މިހާރު ބަހަނީ 10،000 މެންބަރުން ހަމަވާ ސިޔާސީ ޕާޓީތަކަށް އެކަންޏެވެ. މިއީވެސް ސިޔާސީ ޕާޓީތައް މިހާރަށް ވުރެ ހަރުދަނާކޮށް "ދައުލަތާއި ސަރުކާރަށް" ބަރޯސާވުން ކުޑަ ކުރުމަށް ބަދަލުގެންނަން ޖެހޭ ކަމެކެވެ. އެގޮތުން ޕާޓީތަކަށް ދައުލަތުން ފައިސާ ދިނުން މުޅިން ހުއްޓާލުމަކީ ވެސް ފުންކޮށް ވިސްނުމަށް ފަހު ކުރެވިދާނެ ކަމެކެވެ. އަމިއްލަ ފައިމައްޗަށް ތެދުވެ، މެންބަރުންގެ އެހީތެރިކަމާއެކު ހިނގާ ޕާޓީތަކަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ، އިހުލާސްތެރި ޕާޓީތަކަކަށް ވާނެ ނޫންތޯ އެވެ.

އަޅުގަނޑު ވެސް އެއްބަހެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 34 ވަނަ މާއްދާގައި އިން ވިޔަފާރިކުރުމުގެ "ހުއްދަ ޕާޓީތަކަށް" ލިބޭއިރުވެސް ސިޔާސީ ޕާޓީއަކުން ވިޔަފާރީގެ ކަންކަމުގެ ތެރެއަށް ވަނުމަކީ އޭގެ މަގުސަދު އޮޅިދާނެ ކަމެކެވެ. ހާއްސަކޮށް ކުންފުނި ހަދައިގެން ކޯޕަރޭޓް އުސޫލުން ސިޔާސީ ޕާޓީތަކުން ވިޔަފާރި ހަރަކާތް ހިންގިގެން ނުވާނެ ކަމަށް ދެކޭ މީހުން ވެސް ގިނަ އެވެ. ނަމަވެސް ދައުލަތުން ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުން ހުއްޓާލަން ގާނޫނުތަކަށް ބަދަލުގެނެވޭ ހާލަތެއްގައި ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ޕާޓީއަށް ފައިސާ ހޯދޭނެ ފުރުސަތުތަކާއި އެ ފުރުސަތުތައް ނަހަމަ ގޮތުގައި ބޭނުން ނުކުރެވޭ ގޮތަށް ހިފެހެއްޓުންތަކެއް އޮންނަ އުސޫލެއް އެބަ ބޭނުމެވެ.

ތަހުޒީބު ގައުމުތަކުގައި ސިޔާސީ ޕާޓީތައް ހިނގަނީ ވަކި ފަރުދެއްގެ މައްޗަށް ބިނާވެގެނެއް ނޫނެވެ. އެ ގައުމުތަކުގައި ޕާޓީގެ އެންމެ މަތީ ބާރަކީ އާންމު މެންބަރުންނެވެ. ކޮންމެ ނިންމުމެއް ނިންމަނީ މެންބަރުންގެ މަޝްވަރާއާއި ވޯޓުންނެވެ. އެއީ ރައްޔިތުން ތާއީދުކުރާ ވަކި ފިކުރެއް ނުވަތަ އުސޫލުތަކެއް ދެމެހެއްޓުމަށް އޮންނަ ގާނޫނީ މުއައްސަސާތަކެކެވެ. 

އިސްލާމީ އުސޫލުތަކުގައިވާ "ޝޫރާ" ނުވަތަ މަޝްވަރާގެ ރޫހާ އެއްގޮތަށް، އެންމެންގެ ބައިވެރިވުން އޮންނަ ގޮތަށް ސިޔާސީ ޕާޓީތައް ބައްޓަން ކުރުމަކީ ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހަށް މިއަދު ނުހަނު ބޭނުންތެރި ބަދަލެއް ކަމަށް ރައްޔިތުން ބުނަށް ފަށައިފި ކަމަށް ހޮޅުއަށިތަކުން އިވޭ އަޑުތަކުން ވަރަށް ސާފެވެ.

your imageސިޔާސީ ޕާޓީތަކުން މާލޭގައި ދިދަފަތި ދަމާފައި - ފޮޓޯ: ދައުރު

ރަށުތެރޭގައި އެވާހަކަތައް އެގޮތަށް ދައްކާއިރު އެތެރޭގެ އިންތިހާބުތައް ވަކި މީހަކަށް ކާމިޔާބުކޮށް ދިނުމަށްޓަކައި ޕާޓީގެ އެންމެހާ ވަސީލަތްތައް ބޭނުން ކުރުމަށް އޮންނަ ފުރުސަތު އަދި ޕާޓީ ހިންގާ މީހާ އެ މަގާމުގައި ހުރެ އެތެރޭގެ އިންތިހާބުތަކުގައި ވާދަ ކުރެވޭގޮތަށް އޮތުމަކީ އިންސާފުން ކަންކަން ހިންގުމަށް އޮތް މަގެއް ނޫން ކަމަށް ގަބޫލުކޮށް އެކަންކަން ބަދަލު ކުރަން އަދި ވެސް ނުވޭތޯ މިއީ މިހާރު ކުރަން ޖެހޭ ބޮޑު ސުވާލެއް ނޫންތޯ އެވެ.

ކަންމިހެން ހުރުމުން "އެދޭ ރާއްޖެ" ހަރަކާތުން މިހާރު ވަނީ ރައްޔިތުންގެ މަސްލަހަތަކީ އެންމެ އިސް މަސްލަހަތު ކަމަށް ދެކިގެން ރާއްޖޭގެ ހިންގުމުގެ ނިޒާމުގެ ތެރެއިން، ސިޔާސީ ޕާޓީތައް ވެސް އިސްލާހީ މަގަށް އެޅުވުމަށްޓަކައި ރައްޔިތުންނާ، މަދަނީ މުޖުތަމައުއާއި، ކައުންސިލްތަކާއި މީޑިއާއާއި، ޕާޓީތަކާއި، ޒުވާނުން ހިމެނޭހެން ދައުލަތުގެ ހިންގުންތެރީންގެ މެދުގައި ބަހުސް އުފައްދައި، "ސިޔާސީ ޕާޓީތައް ރިފޯމް ކުރަން" އިސްލާހީ ހަރަކާތަކަށް ގޮވާލާފަ އެވެ. "ސިޔާސީ ޕާޓީތަކުގެ ރިފޯމަށް" ގާނޫނު އަސާސީގައި ހިމެނުމަށް ގޮވާލާ ކަންކަމުގެ ތެރޭގައި:

ހުށައެޅުން

  • ޕާޓީތަކަށް ފައިސާ ލިބޭނެ ހަރުދަނާ ގޮތްތަކެއް ހޯދުމާއެކު އެތެރޭގެ އިންތިހާބުގައި ހަމަހަމަ ފުރުސަތު ލިބިފައިވާކަން ކަށަވަރު ކުރުމަށްޓަކައި، ޕާޓީ ހިންގަން ހުންނަ މީހާ ގައުމީ އިންތިހާބެއްގެ ޓިކެޓް ހޯދުމަށްޓަކައި ބާއްވާ ޕްރައިމަރީތަކުގައި ވާދަނުކުރެވޭގޮތަށް ކަނޑައެޅުމަށާއި، ލީޑަޝިޕާ މެދު ފެންނަ ނުފެންނަ ވޯޓް ނެގުމުގެ ފުރުސަތު ހޯދުމަށާއި ލީޑަޝިޕުގައި ތިބޭ މީހުން ޖަވާބުދާރީވާން ލާޒިމް ކުރުމަށް

ނަތީޖާ

  • ސިޔާސީ ޕާޓީ ހަރަކާތް ހިންގުން ހަރުދަނާ ވެފައިވާ މިންވަރަށް ބަލާއިރު ޕާޓީތަކުން ފައިސާ ހަރަދު ކުރަނީ ޕާޓީ އާއި މެމްބަރުންގެ މަސްހަލަތު ހިމާޔަތް ކުރެވޭނެ ހަމަ އާއި އުސޫލުންތޯ ކަށަވަރުވެ، ޕާޓީ ހިންގުމުގެ ޒިންމާ އާ ހަވާލުވެ ތިބޭ މީހުންނަށް އިންތިހާބުތަކުގައި ވާދަ ނުކުރެވުމާއި ޕާޓީގެ އެންމެ އިސް މަސްލަހަތަކީ އާންމު މެމްބަރުންގެ މަސްލަހަތުކަމަށް ވުމުން ޕާޓީ ހިންގާ މީހުން ޒިންމާދާރު ކުރެވި ޖަވާބުދާރީ ކުރުމަށް ފަސޭހަވެ ޕާޓީގެ އެންމެ މަތީ ބާރަކީ އާންމު މެމްބަރުންކަން ކަށަވަރު ކުރެވި، ނަޒާހަތްތެރިކަން ލިބިފައިވާ މީހުންނަށް ސިޔާސީ ޕާޓީތަކުން ޖާގަ ލިބުން

ސިޔާސީ ޕާޓީތަކަކީ ރައްޔިތުންގެ މިނިވަންކަމާއި ހައްގުތައް ރައްކާތެރިކޮށްދޭ، ގައުމީ ފިކުރު އިސްކުރާ ތަންތަނަށް ހަދަންޖެހެ އެވެ. ޕާޓީގެ އެންމެ މަތީ ބާރަކީ އާންމު މެންބަރުންކަން ކަށަވަރުކޮށް، ލީޑަޝިޕް ޖަވާބުދާރީ ކުރުވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަކީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރުމަށްޓަކައި މިއަދު އަޅަންޖެހިފައިވާ އެންމެ މުހިންމު ފިޔަވަޅެވެ. މިއީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޖަވާބުދާރީވުމަށާއި، ގައުމީ މައްސަލަތަކުގައި ސިޔާސީ ޕާޓީގެ ދުރުވިސްނުން ހާމަކުރުމަށްޓަކައި މުހިންމު ކަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;