އޭނަ މިއަދު ހުށަހެޅުއްވި ބިލުގައި ވަނީ އަތޮޅު ކައުންސިލްތައް މި ސަރުކާރުން އުވައިލީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި 2010 ގައި އަމަލުކުރަން ފެށި ގާނޫނުގައިވާ ގޮތަށް ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރަމުން ދަނިކޮށް ކަމަށެވެ. އެހެންވެ އެ މަސައްކަތް ކުރަމުން ދަނިކޮށް، އެ ނިޒާމުގައި ހިމެނޭ މުހިންމު ބައެއް ކަމަށްވާ އަތޮޅު ކައުންސިލްތައް އުވާލުމުގެ ސަބަބުން ގާނޫނުއަސާސީ ތަސައްވުރުކުރި ނިޒާމަށް އުނިކަން ލިބިފައިވާ ކަމަށް ބުނެފައިވެ އެވެ.
މަޖިލީހުން އަތޮޅު ކައުންސިލްތައް އުވާލީ، ގާނޫނުއަސާސީގެ 231 ވަނަ މާއްދާއިން އަތޮޅު ކައުންސިލްތަކުގެ ބައި އުނިކޮށްގެން ކަމަށްވާއިރު، ކުޑޫގެ ބިލުގައި ވަނީ، އެ ބައި 231 ވަނަ މާއްދާގައި އަލުން ހިމެނުމަށް ހުށަހަޅުއްވައިފަ އެވެ.
އަތޮޅު ކައުންސިލްތައް އުވާލުމާ ދެކޮޅަށް އިދިކޮޅު އެމްޑީޕީން މީގެ ކުރިން ހިޔާލު ފާޅުކޮށް، އެ ބަދަލުގެ ބޭނުމަކީ ސަރުކާރުން ބޭނުންވާ ބަޔަކު އަތޮޅުތަކުގެ ވެރިންނަށް ހަދައިގެން، އަތޮޅުތައް ހިންގުން ކަމަށް ބުނެފަ އެވެ. ނަމަވެސް ރައީސް ވަނީ، އަތޮޅު ކައުންސިލްތައް އުވާލައިގެން ސަލާމަތްވާ ފައިސާ ރަށު ކައުންސިލްތަކަށް ބަހާނެ ކަމަށާއި، އެއާއެކު ރަށު ކައުންސިލްތަކުގެ ބަޖެޓު ބޮޑުވާނެ ކަމަށް ވިދާޅުވެފަ އެވެ.
އަތޮޅު ކައުންސިލްތައް އުވާލަން ގާނޫނުއަސާސީއަށް ގެނައި އިސްލާހު، ކުރިން އޮތް ގޮތަށް ބަދަލުކުރަން އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެށިއިރު، "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގާނޫނު އަސާސީ އިސްލާހްކޮށް އަތޮޅުތަކުގެ ހިންގުން މިހާރަށްވުރެ ވަރުގަދަކޮށް އަތޮޅުގެ ވަސީލަތް ރައްޔިތުންނަށް ލިބޭނެ ގޮތް ހެދުމަށް ގާނޫނޫ އަސާސީ ބަދަލުކުރުމަށް ހުށައެޅުން ތަކެއް ހިމަނާ ކަރުދާހެއް ސިޔާސީންނާއި ރައްޔިތުންގެ ހިޔާލަށް ދޫކޮށްލައިފަ އެވެ. އެގޮތުން އެދޭ ރާއްޖެ ކަރުދާހުގައި ބުނާ އަތޮޅު ހިންގުމަކީ...
މައްސަލަ:
ދިވެހިރާއްޖޭގެ ހުރިހާ ވަސީލަތެއްހެން، ދައުލަތުގެ ބަޖެޓާ ގުދުރަތީ ވަސީލަތްތައް ކޮންޓްރޯލް ކުރަމުންދަނީ މައި ސަރުކާރުންނެވެ. އަދި އޭރެއްގެ ސަރުކާރު ހިންގުމާ ހަވާލުވާ ފަރާތްތަކުން މި ވަސީލަތްތައް ނަހަމަ ގޮތުގައި އަމިއްލަ ނުވަތަ އެފަރާތްތަކުގެ ސިޔާސީ މަންފާއަށް ބޭނުންކުރާ ކަމުގެ ޝަކުވާ ކުރެވެއެވެ. މިގޮތަށް ދައުލަތުގެ މާލީ އަދި ގުދުރަތީ ވަސީލަތްތައް މަރުކަޒީ ބާރުގެ ދަށުގައި އޮތުމަކީ މުޅި ރާއްޖޭގެ ތަރައްގީއަށް ހުރަސް އެޅި، ތަރައްގީ މަރުކަޒުވެ، މާލެ ސަރަހައްދު ތޮއްޖެހި، ރައްޔިތުންގެ މެދުގަ ފަރަގު ބޮޑުވަމުންދާން މެދުވެރިވާ ސަބަބެކެވެ.
'އެދޭ ރާއްޖެ' ހުށަހެޅުން:
އަތޮޅު ހިންގުމަކީ ގާނޫނު އަސާސީން ބާރު ލިބިގެން ގައުމީ ތަސައްވަރު ހާސިލުކޮށް ދިގު ރާސްތާގެ ގައުމީ ތަރައްގީގެ ޕްލޭނަށް ވާސިލުވުމަށްޓަކައި އަތޮޅު ތަރައްގީކޮށް ހިންގުމަށް އަތޮޅުތަކުގައި ގާއިމު ކުރާ ހިންގުމުގެ ނިޒާމެއްގެ ގޮތުގައި ކަނޑައަޅައި، ވީހާވެސް ހަމަހަމަކޮށް ދައުލަތުގެ ހިދުމަތްތަކާ ތަރައްގީ ވާސިލުކޮށް، ތަރައްގީގެ ދުވެލި އަވަސްކޮށް، ވީހާވެސް ގިނަ ރައްޔިތުން ތަރައްގީގެ ކަންކަމުގައި ބައިވެރި ކުރުވުމަށް ތިރީގައިވާ ކަންކަން ހުށަހަޅަމެވެ.
ނަތީޖާ:
ހަރުދަނާ ލާމަރުކަޒީ ނިޒާމެއް އެކުލަވާލައި، އެކަށޭނަ ވަސީލަތް ގާނޫނުއަސާސީ މެދުވެރިކޮށް ދީފިނަމަ ތަރައްގީގެ ކަންކަމުގައި ގިނަ ރައްޔިތުންގެ ބައިވެރިވުން ކަށަވަރު ކުރެވި، ގައުމީ ތަރައްގީގެ ކަންކަމަކީ އޭރަކު އޮންނަ ސަރުކާރަކުން ކުއްލި ކުއްލިއަށް ހިންގާ މަޝްރޫއުތަކަކަށް ވުމުގެ ބަދަލުގައި ދުރާލާ ރޭވިގެން، ދިގު ރާސްތާގެ ތަސައްވުރަކާއެކު ހިންގާ މަޝްރޫއުތަކަށްވެ، މާލެ ސަރަހައްދަށް ތޮއްޖެހުން ކުޑަ ކުރެވި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ ދުވެލި ހަލުވި ވެގެންދާނެ އެވެ.
"އެދޭ ރާއްޖެ" ކެމްޕޭނުގެ ބޭނުމަކީ ރާއްޖޭގެ ހިންގުމުގެ ނިޒާމް އިސްލާހީ މަގަށް އެޅުވުމަށްޓަކައި ރައްޔިތުންނާ، މަދަނީ މުޖުތަމައުއާއި، ކައުންސިލްތަކާއި މީޑިއާއާއި، ސިޔާސީ ޕާޓީތަކާއި، ޒުވާނުން ހިމެނޭހެން ދައުލަތުގެ ހިންގުންތެރީންގެ މެދުގައި ބަހުސް އުފައްދައި، އިސްލާހީ ހަރަކާތަކަށް މަގު ކޮށުމެވެ.
އިސްލާހީ ވިސްނުންތަކުގެ އަލީގައި ރައްޔިތުން ބާރުވެރި ކުރުމަށް ގާނޫނު އަސާސީއަށް ގެންނާންޖެހޭ އިސްލާހުތައް ގެނައުމަށް މި މަސައްކަތުގައި ވީހާވެސް ގިނަ ފަރާތްތަކެއްގެ ހިޔާލާއި ބައިވެރިވުމަށް "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގޮވާލައިފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;