"މާލިކްގެ އިމަރޖެންސީ ސޫޓްކޭސް އަހަރެން އަބަދުވެސް ހުންނާނީ ތައްޔާރުކޮށްފައި.." ތައިމޫރުގެ ލޮލަށް ހަދައިލި ގޮތުން އަހަރެން ގާތަށް ހިނިއައެވެ.
"އިމަރޖެންސީ ސޫޓްކޭސް؟ ތިއިން ކަމެއް އަހަރެން ނުވެސް ދެނަހުރިން..!" އެވަރަށް ތައިމޫރް ތައްޔާރުވެފައިވާކަމެއް އަހަރެން ނުދެނަހުރީމެވެ.
"އެންމެ ރަގަޅު.. ނައްޓާލަން ވީމަ، އަންގާލާ!" އަހަރެން ބުނީމެވެ.
"އަދި އެއް ކަންތައް!" އިސްޖަހައިލަމުން ތައިމޫރް ބުނެލި އެވެ. އެއްޗެއް ނުބުނެ އަހަރެން މަޑުކުރީ އެ ކަމެއް، ތައިމޫރް ބުނާނެ ވަގުތެއްގެ އިންތިޒާރުގަ އެވެ.
"މާލިކްގެ އެކުވެރިން، މިބުނީ ކުރީގެ 'އެކްސް- އެކުވެރިން'، މާލިކްއާއި ބައްދަލުކުރުމަށް އެޕޮއިންޓްމެންޓަކަށް ވަރަށް އެދޭ" ޖެހިލުންވެ ހުރެވެސް ޕީއޭގެ ވާޖިބު ތައިމޫރް އަދާކުރި އެވެ.
"ތިކަމެއް ނުވާނެ.. ހަނދާން ނައްތާލާ!" އަހަރެން ބުނީމެވެ.
"ހިތަށް އެރި ޖަވާބު!" މަޑުމަޑުން ތައިމޫރު ބުނެލީ އޭނާގެ ހިނިގަނޑު ކޮންޓްރޯލްކުރަމުންނެވެ.
"ހިނިތުންވުމާއި، ހުނުމަކީ ތައިމޫރްއަށް ހުއްދަ އޮންނަ ކަންކަން.. އެކަން އިނގޭދޯ!" ދެ ފަރާތަކަށް ބޯ ތަޅުވައިލަމުން އަހަރެން ބުނީމެވެ. އަހަރެންގެ ޖުމުލަ ނުނިމެނީސް ތައިމޫރްގެ ހިނިގަނޑު ފަޅައިގެން ގޮސްފި އެވެ.
"އެމީހުންގެ ހާލަތާއިމެދު ހިތާމަކުރަން.. ކެތްތެރިކަން ކުޑަވެގެން މާލިކްއާއި ބައްދަލު ނުވެގެން އެ އުޅޭ އުޅުމަށް އަހަރެން ހަމްދަރުދީވަން.." ދެ ކޮނޑު އަރުވާލައިފައި ތައިމޫރް ބުންޏެވެ.
ތައިމޫރްއަކީ އަހަރެންގެ ވަރަށް ގާތް އެކުވެރިއެކެވެ. ފަހަދުގެ އިތުރުން، ރަހްމަތްތެރިއެއްގެ ގޮތުގައި އަހަރެން ގުނާނެ ހަމައެކަނި މީހަކީ ތައިމޫރް އެވެ. އަހަރެންގެ ހައި ސްކޫލް ދުވަސްވަރުން ފެށިގެންވެސް ދެމީހުންގެ ގުޅުމަށް ލޮޅުމެއް އަރާފައެއް ނުވެ އެވެ. އެންމެ ގާތުގައި އުޅުމާއި އަމިއްލަ ކަންކަން ހިއްސާކުރެވޭތީ އަހަރެންގެ 'ކުރީގެ އެކުވެރިންގެ' ކަންކަން ތައިމޫރްއަށް ވަރަށް ރަގަޅަށް އެނގޭނެ އެވެ.
"ނައްޓާލަން ވީނުން؟"
ތައިމޫރް މަޑުކޮށްގެން އެ ހުރީ އަހަރެން ތެދުވާނެ ވަގުތަކަށެވެ. އިތުރު ވަގުތު ބޭކާރެއް ނުކުރަމެވެ. އޭނާއާއެކު އަހަރެންވެސް ނިކުތީމެވެ.
ހަގީގަތަކީ، މިއަދު އަހަރެން ފުރަން މިދަނީ ހިތްހަމަޖެހިގެން ނޫންކަމެވެ. ބީނިޝްއާއި ކައިރާއާއި ބައްދަލުނުކޮށް ފުރައިގެން ދިއުމަށް އަހަރެންގެ ހިއްސުތަށް އެއްބަހެއް ނުވެ އެވެ. އެކަމަކު މިވަގުތު ގެއަށް ދާނެ ވަގުތެއް ނެތެވެ. ފުރުމާއި ދެމެދު މިއޮތީ އެންމެ ދެ ގަޑީރެވެ.
އެ ދެމައިންނަށް މި ހާލަތު ވިސްނައިދޭނެ ގޮތަކާއި މެދުގައި އަހަރެން ފިކުރުކުރީމެވެ. ކުރިއަށް އޮތް މަހެއްހައި ދުވަހަކީ އަހަންނަށް ދަތި އުނދަގޫ އިހްސާސްތަކަކާއި ކުރިމަތިލާންޖެހޭނެ ދުވަސްތަކެއް ކަމަށް އަހަރެންގެ ސިކުނޑިއަށް ވިސްނައިދެވޭތޯ މަސައްކަތް ފެށީމެވެ.
..............
(މަސް ދުވަސް ފަސް)
ކެއުމެއް ބުއިމެއް ނުވަތަ އަރާމުކުރުމެއް ނެތި، ރެއާއި ދުވާލުގެ ބުރަ މަސައްކަތުގައި އުޅެ، މަސްދުވަސް ފާއިތުވެގެން ދިޔައީ އެވެ. ބީނިޝްއާއި ކައިރާ ނުފެނި މި ހޭދަ މިކުރެވުނީ އުނދަގޫ މަސްދުވެހެވެ. އަހަރެން މިތަނަށް އައި މަގްސަދު ހާސިލްކުރެވިއްޖެ އެވެ. ފުރިހަމަ މަސައްކަތްތަކެއް ކުރެވި، ފުރިހަމަކަމާއެކު ޕްރޮޖެކްޓް ނިންމާލެވިއްޖެ އެވެ.
ކޮންމެ ވަގުތެއްގައިވެސް އަހަންނަށް ގުޅާލުމަށް ބީނިޝް ގާތުގައި ބުނެފައިވާނެ އެވެ. ނަމަވެސް ލަދުވެތިކަމާއެކު އިސްޖަހައިލާން މަޖުބޫރުވީ އަހަރެންގެ ނަމްބަރު ކައިރާއަށް ދެވިފައި ނެތުމުންނެވެ. ކައިރާގެ ނަންބަރުވެސް އޭނާގެ ކިބައިން ހޯދިފައެއް ނެތެވެ. އަލުން ދެމައިންނާއި ކުރިމަތިލުމަކީ އަހަންނަށް ފަސޭހަކަމަކަށް ނުވާނެކަން ޔަގީނެވެ.
ދިވެހިރާއްޖެ އާއި ދުރުގައި ދިރިއުޅުމާއި އަމިއްލަ ގައުމު ނޫން އެހެން ކޮންމެ ތަނެއްގައިވެސް ވަގުތުތަށް ހޭދަކުރުމަށް މީގެކުރީން އަހަރެން އިސްކަން ދިނީމެވެ. އަހަރެންގެ 'އާއިލާ'އާއި ބައްދަލުވުމާއި އެއިން މޫނެއް ދުށުމަށް އަހަރެން ބޭނުން ނުވާތީ އެވެ. އެކަމަކު ބީނިޝްއާއި ކައިރާ، އަހަރެންގެ 'ހަޔާތަށް' އަތުވެއްޖެކަން އިހްސާސްވުމާއެކު ކުރީގެ ވިސްނުން މުޅިން ބަދަލުވެއްޖެ އެވެ. ވީ އެންމެ އަވަހަކަށް ރާއްޖެއަށް ދާން ބޭނުމެވެ. އެ ދެމައިންގެ ހާލަތު އެނގެން ބޭނުމެވެ. ބީނިޝްއާއެކު ވަގުތު ހޭދަކުރާން ބޭނުމެވެ. ރެއާއި ދުވާލުން ކޮންމެވެސް ވަގުތެއްގައި އެ ދެ މައިންގެ ހާލުއަހުވާލު، ފަހަދު މެދުވެރިކޮއް އަހަރެން އޮޅުންފިލުވަމެވެ. އެކަމަކު އެންމެ ފަހަރަކުވެސް ދެމައިންކުރެ އެކަކާވެސް އަހަރެން މުއާމަލާތު ނުކުރަމެވެ. ދެ ބައްރުގެ ވަގުތުގެ ތަފާތަކީ ތަކްލީފެކެވެ. އަހަރެންނާއި ބައްދަލުކުރުމަށްޓަކައި ދެ މައިންގެ ނިދި ގުރުބާން ކުރުމަށް އަހަރެންގެ ޒަމީރު އެއްބަހެއް ނުވެ އެވެ.
މަސް ދުވަހަށްފަހު ދެ މައިންގެ ގާތަށް ދެވެނީ އެވެ. ފުރަތަމަ އަހަރެން ބައްދަލުކުރާނީ ބީނިޝްއާއި އެވެ. އެއަށްފަހު ކައިރާ އާއި އެވެ.
ފްލައިޓް ލޭންޑް ކުރުމާއެކު އިތުރަށް މަޑުކުރާކަށް އަހަރެން ގަސްދެއް ނުކުރަމެވެ. އަހަރެންގެ ސާމާނާއި ހަވާލުވާނީ ތައިމޫރެވެ. ހޭންޑް ލަގެޖާއި ލެޕްޓޮޕް ދަބަސް ހިފައިގެން ގެއާއި ދިމާއަށް އަވަސްވެގަތީމެވެ. ދާދި އަވަހަށް ޓެކްސީއެއް ލިބުނީތީ ޝުކުރު ކުރީމެވެ.
ގެއަށް ވަދެވުމާއެކު ފާހާނާއަށްވަދެ، ފެންވަރައި ތާޒާވެލީމެވެ. އޭރު ގަޑިން ފަތިހު ހަތަރެއް ޖެހީ އެވެ.
ވަރަށް ހެނދުނާއި ދެ މައިންނާއި ބައްދަލުކުރުމަށް ހިތުނިޔަތް ގަނެގެން އަހަރެންގެ އެނދުގައި އޮށޯތީމެވެ. ދެ ލޮލުގެ އެސްފިޔަތަށް ތިރިވި އިރެއް ނުވެސް އެނގެ އެވެ.
ސިއްސައިގެން ގޮސް ހޭލެވުނީ ހުވަފެނެއް ފެނިގެންނެވެ. ގާތުގައި އޮތް ފޯނުން ގަޑި ބަލައިލީމެވެ. އަށެއް ޖެހުމާއި ގާތްވުމާއެކު ފާހާނާއަށް ވަދެ، ފެންވަރައިލައިގެން ތައްޔާރުވީމެވެ. އޮފީހަށް ދިއުމުގެ ކުޑަވެސް ވިސްނުމެއް ނެތުމުން، ހުދު ޓީޝާޓަކާއި ކްރީމް ކުލައިގެ މަޑު ހަރުވާޅެއް އަހަރެން އިހްތިޔާރުކުރީމެވެ.
ކޮޓަރީން ނިކުތުމާއެކު، ލޮލުގައި އަޅައިގަތީ ތަފާތު ގޮތަކަށް ފެނުނު ފަހަދު އެވެ. އޭނާގެ މޫނުމަތީގެ ކުލަވަރު އަހަންނަށް ކަމަކު ނުދިޔަ އެވެ. މަޑު ހިގުމުގައި ގޮސް، އޭނާގެ ކޮނޑުގައި މަޑުމަޑުން ޖަހައިލީމެވެ. ސިއްސައިގެންގޮސް ފަހަދު ބަލައިލުމާއެކު އަހަރެންގެ ލޮލުގެ އިޝާރާތުން ސުވާލުކުރީމެވެ. ނުތަނަވަސްކަމާއެކު އޭނާ ތެޅިގަތެވެ.
"މާލިކް، މާލިކް، އަހަންނަށް އެހީވެދީ!" ހާސްކަމާއެކު ފަހަދު ވާހަކަދެއްކީވެސް ވަރަށް އަވަސް އަވަހަށެވެ.
"ހަމަޖެހިލާ! ކިހިނެއްވީ؟" އަހަރެން ސުވާލުކުރީމެވެ.
"ބީނިޝް" ފަހަދު ބުންޏެވެ.
"ކަމެއް ގޯސްވީ؟"
"ބީނިޝް، ބީނިޝް، ވަރަށް ރޯ އަޑު އެބައިވޭ!" ތެޅިގަތްފައި ފަހަދު ބުންޏެވެ.
"ރޯ އަޑު؟ ކޮންތާކުން؟ ކޮބާ ބީނިޝް؟" އަހަރެންގެ ކަންފަތުން ހޫނު އާވި ނިކުތުމަށް ސިކުންތެއްވެސް ނުނެގި އެވެ.
"އެމީހުންގެ އެޕާޓްމެންޓްގަ.. އެތަށް ފަހަރަކު އަހަރެން ގޮސްފިން.. އެކަމަކު ކައިރާ ދޮރެއް ނުހުޅުވި.. ކޮންމެ ފަހަރަކު ބުނަނީ އަހަރެން ދުރަށް ދިއުމަށް.. ދޮރު ހުޅުވާތޯ ވަރަށް އާދޭސްކޮށްފިން.. ހަދާނެ ނުހަދާނެ ގޮތެއް ނޭގިފައި މީނީ!" ކަންބޮޑުވުމާއެކު ފަހަދު ބުންޏެވެ.
ބިމުގައި ދެފައި ހަރުލާކަމެއް ނުވަތަ ނޫންކަމެއް ނޭގެ އެވެ. ހޭވެރިކަން މީ އެ އެޕާޓްމެންޓުގެ ދޮރުގައި އަމިއްލަ އަތުން ތަޅާ އަޑު ކަންފަތުގައި ޖެހުމުންނެވެ. އެތަށް ފަހަރަކު ތަޅައިފީމެވެ. އެތެރެއިން ހަބަރެއް ނެތެވެ.
"ދޮރު ހަލާކުކޮށްލައިގެން ވިޔަސް އަހަރެން އެތެރެއަށް ވަންނާނަން" ފަހަދުއާއި ދިމާއަށް ބަލައިލާފައި އަހަރެން ބުނީމެވެ.
"ނޫން.. ތަކުރާރުކޮށް އެތަށް ފަހަރަކު އަހަރެން ގޮވައިފިން.. ކޮންމެ ފަހަރަކު ކައިރާ އެދުނީ އަހަރެން ދުރަށް ދިއުމަށް" ގޮތް ހުސްވެފައިވާ މީހަކު ފަދައިން ފަހަދު ބުނެލި އެވެ.
"ރުޅިއަޔަސް، ހިތްހަމަ ނުޖެހުނަސް، ހުއްދަ ނުދިނަސް އަހަރެންގެ ފަރުވާލެއް ނެތް.." ޖަޒުބާތާއިއެކު އަހަރެން ބުނީމެވެ.
އަމިއްލަ ގައިގައި ހުރި ބާރެއް ލާފައި އަހަރެންގެ ކޮނޑުން، އެ ދޮރަށް އަމާޒުކުރެވުނީ ކިތަށް ހަމަލާކަމެއް ނޭގެ އެވެ. ދޮރުގެ ތަޅު އިރައިގެން ގޮސްގެން ދޮރު ހުޅުވިއްޖެ އެވެ. ދުވެފައި އެތެރެއަށް ވަނީމެވެ. ކުޑަވަރެއްގެ ނަގޫ ރޯޅިއެއް އެރިޔަސް އެތަނުގެ ތެރެ އެ އޮތް ހާލަށް ވުރެން މަންޒަރު، ލޮލަށް ފަސޭހަވާނެ އެވެ.
ތަރުތީބުން އިން އެންމެ އެއްޗެއްވެސް އެތަނުގައި ނުވެ އެވެ. ބޮޑު ހަނގުރާމައެއް ނިންމާފައިވާ މައިދާނެކޭ އެތަނެކޭ ތަފާތެއް ނެތެވެ. ދެ މައިންކުރެ އެކަކުވެސް ސިޓިންގރޫމުން ފެންނާކަށް ނެތެވެ. ފައިދޮށުގައި އޮތް އެއްޗެހިތަކުން ސަލާމަތްވެގެން، އެތަނުގައި ހުރި ކޮޓަރިއާއި ދިމާއަށް އަހަރެން އަވަސްވެގަތީމެވެ. ދެފައި ދަށުން ބިންގަނޑު ދެމިގެންހެން ހީވުމުން، މޫނުމައްޗަށް އަނދިރިވި އެވެ.
ކޮޓަރީގެ ކަނެއްގައި ގުޅަވެގެން އެއިނީ ކައިރާ އެވެ. އޭނާގެ ދެ އަތުގެ ތެރޭގައި ބޮނޑިކޮށްލާފައި އެ އޮތީ އަހަރެންގެ ބީނިޝް އެވެ. ކައިރާގެ ގިސްލުމުގެ އަޑު އިންސާނެއްގެ ހިތް ފަޅައިގެންދާވަރުވެ އެވެ. ރޮއެރޮއެ ގިސްލެވިގެން އަޑު ބޭރު ނުވުމުން، މާނޭވާ ލެވިފައި އެ އޮތީ އަހަރެންގެ ބީނިޝް އެވެ. ލޯބިލޯބި މޫނުގައިވަނީ ކަރުނަ ހިކިފަ އެވެ.
މިއީ އިންސާނެއްގެ ލޮލަށް ކުޅަދާނަ މިންވަރުގެ މަންޒަރެއް ނޫނެވެ. (ނުނިމޭ)
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;