ބީއެމްއެލް އިން ބުނީ މިގޮތުން ކުރިންވެސް ވިޔަފާރިތަކަށް ޑޮލަރު ވިއްކަމުން އައި އުސޫލުން، ކޮންމެ ވިޔަފާރިއަކަށް ވެސް ކަނޑައެޅިފައިވާ ލިމިޓްގެ ތެރެއިން ޓީޓީ ފޮނުވުމަށް މިދަނީ މެދުނުކެނޑި ޑޮލަރު ވިއްކަމުންނެވެ. މިގޮތުން މިމަހުގެތެރޭގައިވެސް ޓީޓީ އަށް ޑޮލަރު ބޭނުންވުމުން ކޮންމެ ކަސްޓަމަރަކަށްވެސް އެކަސްޓަމަރަށް ދެވޭނެ އެންމެ ބޮޑު ޢަދަދަކަށް ވާނީ ޑޮލަރު ވިއްކާފަ އެވެ.
ބީއެމްއެލް އިން ބުނީ މެދު އިރުމަތީގެ ހަމަނުޖެހުމާއި ގުޅިގެން، ބޭރުން ރާއްޖެއަށް ބޭންކް މެދުވެރިކޮށް އަންނަ ފައިސާ އަށްވުރެ ރާއްޖެއިން ބޭރަށް ބޭންކް މެދުވެރިކޮށް ފޮނުވާ ފައިސާގެ އަދަދު މިދުވަސްކޮޅު އިތުރުވެފައި ވީނަމަވެސް، ބޭންކުން މިއަންނަނީ ބޭރު ފައިސާގެ ލިކުއިޑިޓީ ހަރުދަނާކަމާއެކު ބަލަހައްޓައި، ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.
ބީއެމްއެލްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކަނިވެސް 106.2 މިލިއަން ޑޮލަރު ވަނީ ވިއްކާފަ އެވެ. މިއީ އެވްރެޖްކޮށް މަހެއްގެ މައްޗަށް ބަލާނަމަ 35.4 މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެކެވެ.
މި އަދަދަކީ މިދިޔަ އަހަރު މި ބޭނުމަށް އެވްރެޖްކޮށް މަހަކަށް ވިއްކި 14.6 މިލިއަން ޑޮލަރާ އަޅާބަލާއިރު 142 އިންސައްތަ އިތުރު އަދަދެއްކަން ބޭންކުން ފާހަގަކުރެއެވެ. މި ބޮޑު ކުރިއެރުމުން ދައްކުވައިދެނީ ބޭންކުން ވިޔަފާރިތަކަށް ދޫކުރާ ޑޮލަރުގެ ނިސްބަތް މަދުނުވާ ކަމެވެ.
މީގެ އިތުރުން، މިއަހަރުގެ މިހާތަނަށް 38،855 ޓީޓީއަށް ބޭރު ފައިސާ ފޯރުކޮށްދީފައިވާއިރު، ހިނގަމުންމިދާ އެޕްރީލް މަހު އެކަނިވެސް 6،800 އަށްވުރެ ގިނަ ޓީޓީ ފޮނުވުމަށް ބޭރު ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށް ބީއެމްއެލްއިން ހާމަކުރެ އެވެ. ހަމައެހެންމެ، އިއްޔެ އެކަނިވެސް 327 ޓީޓީއަކަށް ނުވަ ލައްކައަށްވުރެ ގިނަ ޑޮލަރު ވިއްކާފައިވާކަން ތަފާސްހިސާބުތަކުން ދައްކަ އެވެ.
ބޭންކުން ބުނީ ބޭންކުގެ ކަސްޓަމަރުންނާއި ބޭހޭ އަދި ބޭންކުން ހިންގާ ފައިސާގެ މުއާމަލާތްތަކުގެ ސައްހަ މައުލޫމާތު ތަކަކީ ހަމައެކަނި ބޭނަކަށް ދެވޭނެ މައުލޫމާތުތަކެކެވެ. އެހެންކަމުން މިފަދަ މުހިންމު ކަމަކާއި ގުޅޭގޮތުން ބޭންކުގެ ކަސްޓަމަރުންގެ މެދުގައި އަދި މުޅި މުޖުތަމައުގައި ނުތަނަވަސްކަން އުފެދޭގޮތަށް، ޒިންމާދާރުކަމެއްނެތި މިފަދަ މައުލޫމާތު ފެތުރުމަކީ ބޭންކުން އެކަމާއިމެދު ވަރަށް ހިތާމަކުރާކަމެއް ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;