ގިނަ އަހަރުތަކެއް ވަންދެން ވާހަކަ ނުދައްކާ ތިބުމަށްފަހު، މި އާއިލާގެ މެންބަރުން އެކުގައި ފެނުނީ މިދިޔަ ބުދަ ދުވަހު "ލާފްޓާ ޝެފްސް 3" ގެ ސެޓުންނެވެ.
މި ބައްދަލުވުމުގައި ސުނީތާ އާއި ކްރުޝްނާ އަދި ކަޝްމީރާ ވަނީ އެކަކު އަނެކަކަށް ބައްދާލައި، ވަރަށް އުފާވެރި މާހައުލެއްގައި ވާހަކަދައްކާފަ އެވެ. ސުނީތާ ވަނީ 14 އަހަރު ފަހުން އެމީހުންގެ މެދުގައި އޮތް ދުރުކަން ނިމުމަކަށް އައީ ކަމަށް ބުނެ ސަމާސާ ވެސް ކޮށްފަ އެވެ. ކްރުޝްނާ ބުނީ ސުނީތާ އެ ސެޓަށް އަންނާނެ ކަމެއް ކުރިން ނޭނގޭ ކަމަށާއި، މިއީ ލިބުނު ވަރަށް ބޮޑު ސަޕްރައިޒެއް ކަމަށެވެ.
މި އާއިލާގެ މެދުގައި މައްސަލަ ޖެހުނީ 2016 ވަނަ އަހަރު ކްރުޝްނާ ބޭއްވި ޝޯއެއްގައި އޭނާގެ ބޮޑުބޭބެ ގޯވިންދާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ. އޭގެ ފަހުން ސޯޝަލް މީޑިއާ އާއި އެކި ޕްރޮގްރާމްތަކުގައި އެކަކު އަނެކަކަށް ފާޑުކިޔައި، އާއިލާގެ ގުޅުން އޮތީ މުޅިން ކެނޑިފައެވެ. ނަމަވެސް، މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މި ގުޅުން ރަނގަޅުވާން ފަށާފައިވާ ކަމުގެ ނިޝާންތައް ވަނީ ފެންނަން ފަށާފަ އެވެ.
މި ސުލްހަވުމަކީ ބޮލީވުޑްގައި އެންމެ ގިނަ ދުވަސްވީ އެއް އާއިލީ މައްސަލަ ނިމުމަކަށް އައުން ކަމަށްވާތީ، ގިނަ ބަޔަކު ދަނީ މިކަމަށް މަރުހަބާ ކިޔަމުންނެވެ. މި ބައްދަލުވުމުގެ ވީޑިއޯތަކާއި ފޮޓޯތައް މިހާރު ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް އަންނަނީ ދައުރުވަމުންނެވެ. ގިނަ ފޭނުން ބުނަމުންދަނީ މިއީ ވަރަށް އަސަރުގަދަ އަދި އެހާމެ އުފާވެރި މަންޒަރެއް ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;