ޕީޖީ އޮފީހުން ބުނީ އެ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވާނީ މި މައްސަލައިގެ ހެކި ޤަރީނާ ކޯޓުން ވަޒަންކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅުއްވައިދެއްވައި، މިއީ މަދަނީ ޠަބީޢަތުގެ މައްސަލައެއްކަމަށް ކޯޓުން ކަނޑައަޅުއްވާފައިވަނީ އަދި ޤާނޫނުގައި ބަޔާންކޮށްފައިވާ ޚިޔާނާތްތެރިވުމުގެ ކުށުގެ ޢުންޞުރުތައް މާނަކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅުއްވައިދެއްވައި، މި ދަޢުވާތައް ސާބިތުވާކަމަށް ކަނޑައަޅުއްވައިދެއްވުމަށް ކަމަށެވެ.
އަދި އޭގެ އިތުރުން، މައްސަލައިގެ އިސްތިއުނާފު މަރުޙަލާ ނިމެންދެން އަޙްމަދު މޫސާ މުޙައްމަދު ދިވެހިރާއްޖެއިން ފުރުން މަނާކުރުމުގެ އަމުރަކަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، 13 އެޕްރީލް 2026 ދުވަހު އަޙްމަދު މުސާ މުޙައްމަދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ ވަގުތީ އަމުރެއް ނެރުއްވާފައިވާ ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.
ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް ހަވާލުކުރުމުން، މަކަރާއި ޙީލަތުން ގިނަ ބައެއްގެ އަތުން ފައިސާ ނަގައި ޚިޔާނާތްތެރިވިކަމުގެ ތުހުމަތުގައި ސީލައިފްގެ ޑިރެކްޓަރު އަޙްމަދު މޫސާ މުޙައްމަދު (އަންމަޓީ)ގެ މައްޗަށް އުފުލި 42 ދަޢުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ހަފްތާގައެވެ.
ކްރިމިނަލް ކޯޓުން މި މައްސަލައިގައި ޙުކުމްކޮށްފައިވަނީ، އަންމަޓީގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާތަކަކީ މަދަނީ ޠަބީޢަތުގެ ދަޢުވާތަކެއް ކަމަށް ކަނޑައެޅުމަށްފަހުގައެވެ. ނަމަވެސް ޕީޖީ އޮފީހުން ބުނެފައިވަނީ އެ ނިންމުމާ މެދު ހިތްހަމަނުޖެހޭ ކަމަށާއި، އެއީ ޖިނާއީ ކުށުގެ އުންސުރުތައް ފުރިހަމަވާ މައްސަލައެއް ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;