މިއީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ސިނާން ސާބިތު ދަރަންޏެއް ނުދައްކާކަމަށް ބުނެ އޭނާގެ ގޮނޑިއާ މެދު ގޮތެއް ނިންމުމަށް އެދި އަމިއްލަ ފަރާތަކުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
އެ މައްސަލަ ހުށަހެޅި ފަރާތާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުގައި އަންނަ އާދިއްތަ ދުވަހު މެންދުރު، މައްސަލައިގެ ހުކުމް އިއްވުމަށްވަނީ ތާވަލުކޮށްފަ އެވެ. އެހެންނަމަވަސް ސުޕްރީމް ކޯޓުގެ ވެބްސައިޓުން ފެންނަ މައްސަލަތަކުގެ ކަލަންޑަރުގައި އެ މައްސަލަ އަދި ހިމަނާފައެއް ނުވެ އެވެ.
މި މައްސަލައިގެ އަޑު އެހުންތައް ނިމިފައި އޮންނަތާ މިހާރު ދުވަސް ގަނޑެއް ވެއްޖެއެވެ. އަޑު އެހުން ނިންމާލަމުން ސުޕްރީމް ކޯޓުންވަނީ ވަރަށް އަވަހަށް މި މައްސަލައިގެ ހުކުމް ކުރައްވާނެކަން އިއުލާންކޮށްފައެވެ. މި މައްސަލައިގެ އަޑު އެހުންތައް ނިންމާލީ، ދަށު ކޯޓުން ހުށަހެޅި ބައެއް ލިޔުންތަކާއި ބޭންކުން ހުށަހެޅި ލިޔުންތަކާމެދު ބަހުސް ކުރުމަށް ފަހު އެވެ.
ސިނާނުގެ މައްޗަށް ސާބިތުވީ އެހެން ބަޔަކާ ގުޅިގެން އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއްގެ މައްސަލަ އެވެ. އެ މައްސަލަ ރައްދުވަނީ އޭނާގެ އިތުރުން ސ. ހިތަދޫ، ވާދޫގެ، އަހުމަދު ވަހީދާއި އެ ރަށު، ވިހަލަގޮޑިމާގެ، މުހައްމަދު ސަލީމަށެވެ.
މިއީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ހުށަހެޅުނު ފުރަތަމަ މައްސަލަވެސް މެއެވެ. މި މައްސަލަ ސުޕްރީމް ކޯޓަށް ހުށައަޅާފައިވަނީ ގާލިބު ސަލީމް ކިޔާ މީހެކެވެ.
ސުޕްރީމްކޯޓަށް ހުށައެޅި މައްސަލާގައި އެދިފައިވަނީ ހުކުމާއި އެއްގޮތަށް ދަރަނި ނުދައްކާތީ މަޖިލިސް މެމްބަރުކަމުގެ ޝަރުތެއް އުނިވެފައިވާކަމަށް ކަނޑައަޅާ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައަޅާ ދިނުމަށެވެ.
މި މައްސަލަ ސުޕްރީމް ކޯޓުގައި ބަލަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނެނީ އައިޝާ ޝުޖޫން މުހައްމަދު، އަލީ ރަޝީދު ހުސެއިން، ޑރ. މުހައްމަދު އިބްރާހީމް، ހުސެއިން ޝަހީދު އަދި މުހައްމަދު ސަލީމް އެވެ. މީގެ ތެރެއިން ސަލީމް އަދި ޝަހީދަކީ މި ސަރުކާރުން ސުޕްރީމް ކޯޓަށް އައްޔަން ކުރި ދެ ފަނޑިޔާރުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;