"އަހަންނަށް އެނގިފައި އޮތް ގޮތުގައި ކައިރާއަކީ އެކަނިވެރި މައެއް..! ފުރަތަމަ ފަހަރަށް އެ ދެމައިންނާއި ބައްދަލުވީ، އާޓިފިޝަލް ބީޗް ސަރަހައްދު ގޮނޑުދޮށުގެ އައްޓެއްގައި ތިއްބައި.. ކައިރާވެސް އަދި އޭނާގެ ދެ އަތުގެ ތެރޭގައި ބޮނޑިކޮށްލާފައި އޮތް ދަރިފުޅުވެސް ގިސްލާ ރޮނީ..! ހިތެއް އޮތް ކޮންމެ އިންސާނެއްގެ މޭ ފަޅައިގެން ދާވަރުގެ ހިއްދަތި މަންޒަރެއް އެއީ.. އަހަންނަކަށް ކެތެއް ނުވި! މާލިކްއަށް އިނގޭތަ..؟ ދުވަހަކުވެސް، ދުވަހަކުވެސް ފިލްމަކުންވެސް ސީރީޒްއަކުންވެސް ނުވަތަ ދިރިއުޅުމުގެ އެއްވެސް މަރުހަލާއެއްގައިވެސް އެވަރުގެ ވޭނީ ރިހުމެއް އިންސާނެއްގެ މޫނުން އަހަރެން ނުދެކެން..!" ފަހަދުގެ ނިއްކުރީގައި ހިފަހައްޓާލާފައި ނޭވާ ހަމަޔަކަށް އަޅުވާލުމަށް މަސައްކަތްކުރި އެވެ. އޭނާގެ ވާހަކަ ނިމުނީ ނޫންކަން އިނގޭތީ އަހަރެން ހިމޭންވީމެވެ.
"ދެމައިންގެ ހާލާއިމެދު، އެއްވެސް ސުވާލެއް ކުރާކަށް ބޭނުމެއްވެސް ނުވި.. ދެ މައިން ގޮވައިގެން އަހަރެން އައީ މި ގެއަށް.. މިއީ މާލިކްގެ ތަނެއް..! އެކަމަކު ހުއްދަ ހޯދުންވެސް އަހަންނަށް މުހިއްމެއް ނުވި.. އަހަރެންނާއެކު މިތަނުގައި ދެމައިން ގެންގުޅުނީ.. އެކަމަކު ކައިރާއަކީ ވަރަށް ހިތް ސާފު، ވަރަށް ޒިންމާދާރު އަބުރުވެރި އަންހެން ކުއްޖެއް.. އަހަރެންގެ އެހީގައި އުޅޭކަށް ކައިރާ އެއްބަހެއް ނުވި..! އެހެން ގޮތެއް ނެތިގެން، ކައިރާއަށް ވަޒީފާއެއް ހޯދައިދިނީ އަހަރެން.. ފުރަތަމަ މަހުގެ މުސާރަ ލިބުމާއެކު ކުރިމަތީގައި ހުރި އެއް ކޮޓަރީގެ އެޕާޓްމެންޓަށް ބަދަލުވީ، އެއްވެސް ބަހަނާއެއް ނެތި، ކޮންމެ މަހަކު ކުލި ލިބިގަތުމަށް އަހަރެންލައްވައި އެއްބަސް ކުރުވާފައި.." ހުލާސާކޮށް ފަހަދު ބުނެދިން އިރު އޭނާގެ ދެލޮލުން ކަރުނަ ވިދާލިތަން އަހަރެން ދުށީމެވެ.
"ކޮން ވަޒީފާއެއް؟" އަހަރެންނަށް އެންމެ މުހިއްމުވި ސުވާލުކުރީމެވެ.
"ކައިރާ އަކީ އަހަރެންގެ މުވައްޒިފެއް! އެއީ އަހަރެންގެ އެސިސްޓެންޓް" ފަހަދުގެ އަޑުގައި ތަފާތުކަމެއް ހުއްޓެވެ.
"އޯހހހ.. އެންމެ މަޝްހޫރު..؟" އަހަރެން އަހައިލީމެވެ. ޖަވާބުގައި ބޯ ޖަހައިލި އެވެ.
އިރުކޮޅެއްގެ ހިމޭން ކަމަށްފަހު ވާހަކަ ދެއްކީ ފަހަދު އެވެ. ކާކު ކަން ނޭގުނަސް، ފަހަދުގެ 'އެސިސްޓެންޓް' އެއީ އަހަރެންގެ މުވައްޒަފުންގެ މެދުގައި މަގުބޫލް މައުލޫއެކެވެ. އޭނާއާއި އެއްވަރަށް މަސައްކަތް ކުރެވޭ އެހެން މުވައްޒަފަކު ނޫޅޭކަމަށް ބައެއް އަޑުތަށް އަހަންނާއި ހަމައަށްވެސް އައިސްފައި އެބަހުއްޓެވެ.
"އެކަން އެކަންޏެއް ނޫން.. ކޭކް އެޅުމާއި ޕޭސްޓްރީ ހެދުމާއި އަދި ކުކީސް ކަހަލަ އެއްޗެހި ހަދައިގެން އެކިއެކި ކެފޭތަކަށް ކޮންމެ ދުވަހަކުވެސް ގެންދާނެ.. އެތަންތަނުގައި ހެދީމައި ޖެހޭ އަގަށްވުރެން ހެޔޮ އަގުގައި ކައިރާ ވިއްކާތީ، އެއަށް ޑިމާންޑްވެސް އޮވޭ!" ކައިރާއަށްޓަކައި އެތަށް ގުނައަކަށް ފަހަދު ފަހުރުވެރިވާކަން އޭނާގެ އަޑާއި ރާގުން އަހަރެން ދެނެގަތީމެވެ.
ތެދެކެވެ. މީހަކު ބުނާކަށް ނުޖެހެ އެވެ. އެއީ މަސައްކަތްތެރި އަދި މިނިވަންކަމަށް ލޯބިކުރާ ރަގަޅު އަހްލާގެއްގެ ވެރިއެއްކަން ޔަގީނެވެ. ފުރަތަމަ ބައްދަލުވުމުންވެސް އެކަން އަހަރެން ދެނެގަތީމެވެ.
ނުހަނު ލޯތްބާއިއެކު ފަހަދު، ބީނިޝް ބަލައިދޭއިރުވެސް އެކަމަށްވެސް ކޮންމެ ހަފްތާއަކު ފައިސާ ދޭ ކަމަށް ފަހަދު ބުންޏެވެ. ކައިރާއަކީ، ސިއްރުން ފުރިފައިފާ ފޮއްޓެކެވެ. އެ ފޮށީގެ ތަޅުދަނޑި ހޯދަން ބޭނުމެވެ. އެންމެ އަޑިއާއި ހަމައަށް ފީނުމުގެ ޝައުގުވެރިކަން މި ހިތުގައި އުފެދިއްޖެ އެވެ.
މިއަދު އޮފީހަށް ދިއުމުގެ ހިޔާލް އަހަރެން ދޫކޮށްލީމެވެ. އެފަދަ ކަމަކަށް މޫޑެއް ނެތެވެ. އެއަށް ވުރެން މުހިއްމު ކަންކަން އަހަރެންގެ ތާވަލުގެ އެންމެ ކުރިއަށް އިތުރުވެއްޖެ އެވެ.
ގޭގައި މިރޭ ޕާޓީކުރުމުގެ ހިޔާލް ހުށައެޅީ ފަހަދު އެވެ. 'ޕާޓީ'ގެ ލަފްޒާއިއެކު އަހަރެންގެ ބަލައިލުން ތަފާތުވިކަން އޭނާއަށް އެނގޭނެ އެވެ. އަހަރެންގެ ވިސްނުމަށް އައި އެއްވެސް މީހަކު، އެ ޕާޓީއަށް ނުގެންނާނެކަމަށް ފަހަދު ވައުދުވި އެވެ. 'އެމީހުންނާ' އެއްވެސް ގުޅުމެއް 'އެ ރޭގެ ފަހުން' ނުބާއްވާ ކަމަށްވެސް އޭނާ ބުންޏެވެ.
އެކަމުގައި ފަހަދުއަށް އަހަރެން އިތުބާރު ކުރަމެވެ. އޭނާ ދޮގެއް ނުހަދާނެ އެވެ. 'އެފަދަ ބަޔަކާއި' އެއް ފުރާޅެއްގެ ދަށުގައިވެސް ހުންނާކަށް ބޭނުމެއް ނޫނެވެ. އެ ކަމުގެ ތެރެއިން އަދިވެސް އަހަންނަށް މިންޖު ނުވެވެ އެވެ. ސިކުނޑިން އެ ހިޔާލްތަށް ދުރެއް ނުވި އެވެ. މިކަމުގައި އަހަރެންގެ ބެސްޓް ފްރެންޑްގެ އެހީތެރިކަން ބޭނުމެވެ.
ކޮންމެއަކަސް، ޕާޓީކުރުމަށް އަހަރެންގެ ވޯޓެއް ފަހަދުއަށް މިރޭ ނުލިބޭނެ އެވެ.
"ހޫމް ހޫމް، އެހެން ކަމަކާއި ވިސްނާނެކަމެއް ނެތް.. މާލިކްގެ ކައިރާއާއި ބީނިޝްގެ ހިޔާލް ކުރީމައި މިވަގުތަށް ރަގަޅުވާނެ" އެއް ލޯ މަރައިލަމުން ފަހަދު ބުނެލި އެވެ. އެއީ ދިމާކުރުމަށް ބުނެލި އެއްޗަކަށްވިޔަސް، އޭނާގެ މަގުސަދަކީ އަހަރެންގެ މޫޑް ބަދަލުކުރުމެވެ. އެކަމަށް ޝުކުރުވެރިވަމެވެ.
"ފަހަދު ފިޔަވައި އަހަރެންގެ އެއްވެސް މީހަކު ނުހުންނާނެ!" ލުއިގޮތަކަށް ހިނިތުންވަމުން އަހަރެން ބުނީމެވެ.
ވަރަށް ސީރިއަސް ގޮތަކަށް އަހަންނާއި ދިމާއަށް ފަހަދު ބަލައިލި އެވެ. އެ ބަލައިލުމުގެ މާނަ ފުރިހަމައަށް ދެނެގަތީމެވެ. އެހެން ނަމަވެސް ލޮލުގެ އިޝާރާތުން އަހަރެން ސުވާލުކޮށްލީމެވެ. އޭނާގެ މަގްސަދު އެނގެން ބޭނުންވާތީ އެވެ.
"މާލިކް، ހާލަތު ކޮންމެ ގޮތަކަށް ބަދަލުވިޔަސް، 'ޓައިމް ޕާސް ކުރުމަށް' ކައިރާއާއި ގާތް ނުވާތި.. މިހާރުވެސް އޭނާގެ ހިތަކީ ހަލާކުވެ، ފަރުވާއެއް ނުލިބި އޮތް ރޯ ފާރުގަނޑެއް.. އިތުރު ނިކަމެތިކަމެއް ދީފިއްޔާ އަހަރެންގެ ކޮއްކޮއަށް ސަލާމަތް ނުވެވޭ ވަރުގެ ގަދަ ރިހުމަކުން ނިމިގެން ހިނގައިދާނެ" އަސަރާއެކު އަހަރެންގެ އެކުވެރިޔާ އެ ދިނީ އިންޒާރެކެވެ.
އެކަމަކު އަހަރެން މިއީ މާލިކްކަން އޭނާއަށް އެނގެން ވާނެ އެވެ. އަހަރެންގެ ގޮތުގައި ޖަވާބު ދިނުމަށް ތައްޔާރުވީމެވެ.
"ހޫމް، މިވަގުތަށް ޔަގީންކަމާއެކު ތިޔަކަންކަމަށް އެއްބަސް" އަހަރެން ބުނެލީމެވެ.
"މާނައަކީ ކޮބާ؟" އޭނާ ސުވާލުކުރި އެވެ. އެ ސުވާލަށް އަހަރެން އުއްމީދުވެސް ކުރީމެވެ.
"ބަލައިލާ ބެލުމަށް ތިޔަފަދަ ގޮތެއް ހެން، ހިޔެއް ނުވޭ.. އަހަންނަށް ހީވަނީ އޭނާގެ ވަށައިގެންވާ ބައެއް ކަންކަން، ނޫނީ އޭނާގެ މާޒީއާއި ގުޅުން ހުރި ހާދިސާތަކާއި މުޅިން އެކަހެރިވާން ނިންމާފައިވާހެން.. އެ ހަނދާންތަކާއި އެ ހާދިސާތަކާއި އޮތް ހުރިހައި ގުޅުމަކުން އެއްކިބާވާން އޭނާ ބޭނުންވޭ.." އޭނާގެ ލޮލުން ފެނުނު ހުސްކަމާއި ޝަކުވާއާއި ތަކްލީފުތައް އަހަރެންގެ ސިކުނޑީގައި ދައުރުވެލި އެވެ.
"ނޫން މާލިކް! ކައިރާގެ އިހްސާސްތަކާއި ކުޅުމުގެ ފުރުސަތެއް އަހަރެން މާލިކްއަކަށް ނުދޭނަން.. ކައިރާއާއި ބީނިޝް އަހަންނަށް ވަރަށް މުހިއްމު" އަނެއްކާވެސް ފަހަދުގެ އިންޒާރެކެވެ.
"އަހަރެން ނޫޅެން އެކަހަލަ ކަމެއް ކުރާކަށް، ހާސްނުވޭ!" އަހަރެން ބުނީމެވެ.
"ތިކަން ހަނދާން ބަހަށްޓާތި.. އަހަރެން މިދަނީ ކޮޓަރިއަށް.. މާލިކް އަރާމުކޮށްލާ!" އަހަރެންގެ ބުރަކަށީގައި ޖަހާލާފައި ފަހަދު ބުންޏެވެ.
ގޭގެ ތަޅުދަނޑި ހަވާލުކުރަންވެސް ފަހަދު ހަނދާންވީ، އެކަމާއި އަހަރެން ސުވާލުކުރީމަ އެވެ. ނަސީބަކުން މައިދޮރާއި ދެ ކޮޓަރީގެ ތަޅުދަނޑިވެސް ލިބިއްޖެ އެވެ.
"ކައިރާ އަތުގައިވެސް މިގޭގެ ތަޅުދަނޑި އޮންނާނެ" ފަހަދު ބުންޏެވެ.
އޭނާ އެހެން ނުބުންޏަސް، ކައިރާ އަތުގައި ތަޅުދަނޑި އޮންނާނެކަން އަހަންނަށް އެނގެ އެވެ. އެހެން ނޫންނަމަ އެވަރަށް އިންޒާރެއް ނުދިނީހެވެ.
...............
ފޮށީގައި ހުރި ހުރިހާ އެއްޗެއް ނަގާފައި އެނދުމައްޗަށް އަޅާލީމެވެ. އަހަންނަށް ކުރެވުނު ގޮތަކަށް ތަރުތީބު ކުރާން ފެށީމެވެ. ކިތަންމެ ބޮޑު ކޮމްޕެނީއެއްގެ ސީއީއޯއަކަށް ވިޔަސް، މިފަދަ ކަންކަމުގައި އަހަރެން އުޅޭނީ ތަންކޮޅެއް ފަހަތުގަ އެވެ.
ވަރަށް ވަގުތު ނެގި އެވެ. އެނދު ހަމަޔަކަށް އަޅުވައި، ދެ ފޮއްޓާއި ދަބަސް ހުސްކޮށް ނިމުނުއިރު، އިރު އޮއްސެނީ އެވެ.
އެނދަށް އަރައި ލެޕްޓޮޕް އުނގަށް ލައިގެން ހަމަޖެހިލީމެވެ. ކުޑަކުޑަ އިރުކޮޅެއް ހޭދަވި އެވެ. ދެން އިވުނީ ފަނޑުގޮތަކަށް ދޮރުގައި ޓަކި ޖަހައިލާ އަޑެވެ.
"ކަމް އިން" އަހަރެން ގޮވައިލީމެވެ.
ދޮރު ހުޅުވިގެން ދިޔައީ މަޑުމަޑުންނެވެ. (ނުނިމޭ)
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;