ads
ހަގީގީ ހާދިސާ: އާދަޔާ ހިލާފު ރޫހެއްގެ އަސަރު
ހަގީގީ ހާދިސާ: އާދަޔާ ހިލާފު ރޫހެއްގެ އަސަރު
ބެންގަލޫރުގެ ބާރުބޮޑު އެއާޕޯޓުން ފުރަން ތައްޔާރުވެފައި އޮތް އިންޑިގޯ އެއާލައިންސްގެ ފްލައިޓުގެ ތެރޭގައި އޮތީ ހަމަހިމޭންކަމެކެވެ. ރޭގަނޑުގެ އަނދިރިކަމުގެ ތެރެއަށް އުދުއްސައިގަތުމަށް އިންޖީނުތައް ހިންގާލި އަޑާ އެކު، ފަސިންޖަރުން އެމީހުންގެ ގޮނޑިތަކުގައި ހަމަޖެހިލި އެވެ. މި ދަތުރަކީ އިންޑިއާގެ ތާރީހީ ރަށް، ވަރަނާސީއަށް ކުރާ ދަތުރެކެވެ. ގޮނޑިއެއްގައި އިން އުއްތަރަ ޕްރަދޭޝްގެ މައު ޑިސްޓްރިކްޓަށް ނިސްބަތްވާ މުހައްމަދު އަދުނާންގެ މޫނުމަތިން ފެންނަމުން ދިޔައީ ވަރުބަލިކަމާއި ތަފާތު ހާސްކަމެކެވެ.
Advertisement

އަދުނާނަކީ ގޯއާގައި ޗުއްޓީ ހޭދަކުރުމަށް ފަހު އެނބުރި ރަށަށް ދާން ފުރި މީހެކެވެ. ނަމަވެސް އޭނާގެ ހަރަކާތްތަކުގައި އާދަޔާ ހިލާފު ގޮތްތަކެއް ހުއްޓެވެ. ދެލޯ ބޮޑުކޮށްގެން، ވަށައިގެންވާ މާހައުލަށް ބަލަމުން ދިޔައިރު، އޭނާގެ ހަށިގަނޑުން ދާހިއްލާފައި ހުއްޓެވެ. ކެބިން ކްރޫއިން ހިނިތުންވުމާ އެކު މަރުހަބާ ކިޔަމުން ދިޔަ ނަމަވެސް، އަދުނާނުގެ ސިކުނޑީގައި ހިނގަމުން ދިޔައީ ކޮންފަދަ ތޫފާނެއް ކަމެއް އެކަކަށް ވެސް ނޭނގެ އެވެ. ރޭގަނޑު އަށެއް ޖަހައި ފަނަރަ ހިނގި އިރު، ފްލައިޓު ވައިގެ ތެރެއަށް އުދުއްސައިގަތެވެ.

ދަތުރު ފެށިތާ ގާތްގަނޑަކަށް ފަނަރަ މިނެޓު ފާއިތުވެއްޖެ އެވެ. ސީޓްބެލްޓް އަޅަން އަންގާ ނިޝާން ނިވިއްޖެ އެވެ. ކުއްލިއަކަށް އަދުނާން އިން ގޮނޑިން ތެދުވި އެވެ. އެއްވެސް މީހަކާ ވާހަކަ ނުދައްކައި، އޭނާ ހިނގައިގަތީ ބޯޓުގެ ކުއްލި ހާލަތުގައި ބޭނުންކުރާ ދޮރާ ދިމާލަށެވެ. މީހާ ހުރީ ހޭލާ ހުރެ ނިދީގައި ހިނގާ މީހެއް ފަދައިންނެވެ. ދޮރު ކައިރިއަށް ހުއްޓި، އެ ދޮރުގެ އަތްގަނޑުގައި އޭނާ ހިފި އެވެ.

މި މަންޒަރު ފެނުމާ އެކު، ކައިރީގައި ހުރި ފްލައިޓް އެޓެންޑެންޓަކު ވަރަށް ހަލުވިކަމާ އެކު އައިސް އަދުނާނުގެ އަތުގައި ހިފެހެއްޓި އެވެ. ސިއްސައިގެން ގޮސް އަދުނާން ފަހަތަށް ޖެހުނެވެ. އޭނާގެ މޫނުމަތިން ފެނުނީ ބިރުގަނެފައިވާ މަންޒަރެކެވެ. ކްރޫއިން ސުވާލުކުރުމުން، އެއީ ކޮން ދޮރެއްކަން ނޭނގޭ ކަމަށާއި، އެއީ އޮޅުމަކުން ކުރެވުނު ކަމެއް ކަމަށް އޭނާ ބުންޏެވެ.

ކެބިން ކްރޫއިން މިކަމާ ވަރަށް ހިތްހަމަނުޖެހި، އަދުނާނަށް ހަރުކަށި އިންޒާރެއް ދިނެވެ. އަދި އެފަދަ ކަމެއް ތަކުރާރު ނުކުރުމަށް އެންގި އެވެ. އޭނާ އަނބުރާ ގޮސް ގޮނޑީގައި އިށީނެވެ. ކައިރީގައި ތިބި ފަސިންޖަރުން އެކަކު އަނެކަކަށް ބަލައިލީ ހައިރާންކަމާ އެކުގަ އެވެ. ނަމަވެސް އިރުކޮޅެއް ފަހުން ކަންތައްތައް ހަމައަކަށް އެޅިއްޖެ އެވެ. އަދުނާން ވެސް ހިމޭންކަމާ އެކު ލޯ މަރާލައިގެން އޮތެވެ.

ދަތުރުގެ ބާކީ އޮތް ބައިގައި އަދުނާން އުޅުނީ ވަރަށް އާދައިގެ ގޮތަކަށެވެ. ފްލައިޓުގެ ތެރޭގައި އޮތީ ރޭގަނޑުގެ ހަމަހިމޭންކަމެވެ. އެތައް ހާސް ފޫޓެއް މަތިން، ވިލާތަކުގެ ތެރެއިން ބޯޓު ދަތުރުކުރަމުން ދިޔަ އިރު، އެންމެން ވެސް ތިބީ މަންޒިލަށް ފޯރާނެ އިރެއްގެ އިންތިޒާރުގަ އެވެ. ދެ ގަޑިއިރުގެ ދަތުރަކަށް ފަހު، ބޯޓު ވަރަނާސީގެ ލާލް ބަހާދުރް ޝާސްތްރީ އިންޓަނޭޝަނަލް އެއާޕޯޓަށް ތިރިކުރަން ފަށައިފި އެވެ.

ގަޑިން ރޭގަނޑު ދިހައެއް ޖަހައި ވިހި މިނެޓު ހިނގައިފި އެވެ. ބޯޓުގެ ފުރޮޅުތައް ތިރިކޮށް، ރަންވޭއަށް ޖައްސަން މަދު ސިކުންތުކޮޅަކަށް ވެފައި ވަނިކޮށް، ކުއްލިއަކަށް އަދުނާނުގެ ހަރަކާތްތައް ބަދަލުވި އެވެ. އޭނާގެ ލޮލުގެ ކުލަވަރު ބަދަލުވެ، މުޅިން އެހެން މީހެއް ފަދައިން ކޮޅަށް ތެދުވި އެވެ. އޭނާގެ ހަށިގަނޑަށް އެރި އާދަޔާ ހިލާފު ބާރަކާ އެކު، ބޯޓު އޮތީ ރަންވޭއާ އެންމެ ފަސްސަތޭކަ ފޫޓު ދުރުމިނުގައި ކަމަށް ވިޔަސް، އޭނާ އަނެއްކާވެސް ދުއްވައިގަތީ އިމަޖެންސީ ދޮރާ ދިމާލަށެވެ.

ފަސިންޖަރުންގެ ތެރޭގައި ބިރުވެރިކަމުގެ ހަޅޭކުގެ އަޑު ގުގުމައިގެން ދިޔަ އެވެ. މީހުން ރޯން ފެށި އެވެ. ކުޑަކުދިން ހަޅޭއްލަވަން ފެށި އެވެ. އަދުނާން ގޮސް ދޮރުގެ އަތްގަނޑުގައި ހިފައި ދަމައިގަންނަން އުޅުނު ވަގުތު، ކެބިން ކްރޫއިން އޭނާގެ ގައިގައި ހިފަހައްޓަން މަސައްކަތް ކުރި އެވެ. ނަމަވެސް އޭނާގެ ކިބައިގައި ހުރީ އާދަޔާ ހިލާފު ގަދަފަދަ ބާރެކެވެ. މިއީ މަރުގެ ތުންފަތްމައްޗަށް އެންމެން ހުށަހެޅިގެން ދިޔަ ބިރުވެރި ވަގުތުކޮޅެވެ.

މި ނުރައްކާތެރި ހާލަތުގެ މައުލޫމާތު ވަގުތުން ޕައިލެޓަށް އެންގި އެވެ. ބޯޓު ރަންވޭގައި ޖެހެން ހަމަ ކުޑަ ހިނދުކޮޅަކަށް ވެފައި ވަނިކޮށް، ޕައިލެޓް ނިންމީ ވަރަށް ހުށިޔާރު އަދި ފުރާނަ ސަލާމަތްކުރަނިވި ނިންމުމެކެވެ. ލޭންޑިން އެބޯޓްކޮށް، ބޯޓުގެ އިންޖީނުގެ ބާރު ގަދަކޮށްލުމަށްފަހު އަލުން މައްޗަށް އެރި އެވެ. މި ކުއްލި ހަރަކާތާ އެކު ބޯޓުގެ ތެރޭގައި ތިބި މީހުން ގޮނޑިތަކަށް ފިތިގެން ދިޔަ އެވެ. ނަމަވެސް އެންމެންގެ ފުރާނަ ސަލާމަތްވި އެވެ.

ބޯޓު އަލުން ވައިގެ ތެރެއަށް އަރައި، ވަށްބުރެއް ޖަހަން ފެށި އެވެ. މި "ގޯ-އެރައުންޑް" ހެދުމުގެ ތެރޭގައި، ކްރޫއިންނާއި ބައެއް ފަސިންޖަރުން ވެގެން އަދުނާން ކޮންޓްރޯލްކޮށް، އޭނާ ބަނދެފި އެވެ. އޭރު އޭނާގެ ހަށިގަނޑުން ބާރު ދޫވެ، މީހާ ހޭނެތޭ ގޮތް ވެއްޖެ އެވެ. ބޯޓު ރައްކާތެރިކަމާ އެކު އަލުން ޖެއްސީ ރޭގަނޑު ދިހައެއް ޖަހައި ތިރީސް ފަސް މިނެޓުގަ އެވެ. އެންމެން ތިބީ ވަރަށް ބޮޑަށް ބިރުގަނެ، ނޭވާ ހިފަހައްޓާލައިގެންނެވެ.

ބޯޓު ޖެއްސުމާ އެކު، އެއާލައިންގެ ސެކިއުރިޓީ އާއި ސީއައިއެސްއެފްގެ އޮފިޝަލުން ބޯޓަށް އަރައި އަދުނާން އެމީހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. ފަސިންޖަރުން ބޯޓުން ފޭބީ ހިތްތެޅޭ ހާލުގަ އެވެ. ފުލުހުންނަށް މި މައްސަލަ ރިޕޯޓުކޮށް، ވަގުތުން ތަހުގީގު ފެށި އެވެ. އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅި މި އަމަލުގެ ސަބަބުން، މުޅި އެއާޕޯޓުގައި ވެސް އޮތީ ހާސްކަން އުފެދިފަ އެވެ.

ތަހުގީގުގައި ފުލުހުން އަދުނާނާ ސުވާލުކުރުމުން، ފުރަތަމަ އޭނާ ބުނީ އެގޮތަށް އަމަލުކުރެވުނީ ކީއްވެގެންކަން ނޭނގޭ ކަމަށެވެ. ނަމަވެސް ފަހުން އޭނާ ކިޔައިދިން ވާހަކައިން ފުލުހުން ވެސް ހައިރާންވި އެވެ. އޭނާ ބުނި ގޮތުގައި ގޯއާ ގައި ހުރި އިރު އޭނާގެ ހަށިގަނޑަށް "ޖިންނިއެއް ނުވަތަ ނުބައި ރޫހެއް" ވަނީ އެވެ. އަދި ކުއްލި ހާލަތުގައި ބޭނުންކުރާ ދޮރު ހުޅުވާ އަތްގަނޑަކީ އެއީކަން ނޭނގޭ ކަމަށް ވެސް އޭނާ ބުންޏެވެ. މި ހާދިސާއަކީ އިންސާނީ ސިކުނޑީގެ ބަލިކަށިކަން ނުވަތަ ނުފެންނަ ބާރުތަކެއްގެ ހަގީގަތް ކަމާމެދު އެތައް ބަޔަކު ސުވާލު އުފެއްދި ހާދިސާއަކަށް ވެގެން ދިޔަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;