ads
ގދ. ފިޔޯރީ - ފޮޓޯ: ވިޒިޓް ފިޔޯރީ
މަސްހިފަން ދިޔައީ އާއިލާ ބަޔަކާއެކު، ބޯ ވާރޭގެ ސަބަބުން ސަލާމަތްކުރަން އުނދަގޫވި
މިދިޔަ ހޮނިހިރު ދުވަހު ގދ. ފިޔޯރީގައި މަސްހިފަން ގޮސް އުޅުނު އުމުރުން ދުވަސްވީ މީހަކު ވަނީ ލޮނު ބޮވިގެން ނިޔާވެފަ އެވެ. އެ ހާދިސާގައި ނިޔާވީ އެރަށު ގަހާކޯޅި، އުމުރުން 79 އަހަރުގެ މުހައްމަދު ހުސައިނެވެ.
Advertisement

މި ހާދިސާއާ ބެހޭގޮތުން ފިޔޯރީ ކައުންސިލްގެ މެންބަރު ޒިހާން "ސީއެންއެމް" އަށް ވިދާޅުވީ، މުހައްމަދު ހުސައިން މަސް ހިފަން ދިޔައީ އޭނާގެ އާއިލާ ބަޔަކާއެކު ކަމަށެވެ. މެންދުރުގެ ވަގުތުގައި އެ މީހުން ދާ ޖަހައިގެން ތިބީ ތިލަ ހިސާބެއްގައި ކަމަށް ވީނަމަވެސް ދަލުގެ އެއް ކޮޅު އޮތީ ފުން ހިސާބުގައި ކަމަށާއި، ބެލެވޭ ގޮތުން މުހައްމަދު އޮތީ އެ ހިސާބުގައި ކަމަށް ޒިހާން ވިދާޅުވި އެވެ.

ޒިހާން ވިދާޅުވީ މުހައްމަދު ނިޔާވީ ލޮނުބޮވިގެން ކަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށާއި، އެހެންނަމަވެސް ގެނބެން ދިމާވި ސީދާ ސަބަބު ސާފު ނުވާ ކަމަށެވެ.

"މަސް ހިފަން ދިޔައީ އާއިލީ ގޮތުން ގާތް، އަނެއްހެން ބުނާ ނަމަ ތިން ބެއިން. ދެން ގެނބެން ދިމާވި ސަބަބެއް ބުނާކަށް ނޭނގެ. ލޮނު ބޮވިގެންނޭ ޕޮލިހުން ބުނީ." ޒިހާން ވިދާޅުވި އެވެ.

ނަން ހާމަނުކުރުމަށް އެދި ފިޔޯރީން "ސީއެންއެމް" އަށް މައުލޫމާތު ދިން މީހަކު ބުނީ މުހައްމަދުމެން ދާ ޖަހަން އުޅުނީ އެރަށު މީހުން އާންމުކޮށް މަސް ހިފަން ގޮސް އުޅޭ ސަރަހައްދެއްގައި ކަމަށާއި، އެއީ އޮއި ބާރު ހިސާބެއް ވެސް ނޫން ކަމަށެވެ.

އޭނާ ބުނީ މަސް ހިފަން އުޅުމަށް ފަހު އެއްގަމަށް އަންނަމުން އަލުން ދާ ލީ މުހައްމަދުގެ އެދުމަށް ކަމަށް އެނގިފައިވާ ކަމަށެވެ. އަދި އެވަގުތު މަސް ހިފަން އުޅެނިކޮށް ވިލު ތެރެއަށް މުހައްމަދު ގެނބެން ފެށުމުން ތިލަ ހިސާބުގައި ތިބި އެހެން މީހުން އޭނާގެ އަތު ޖެހޭ ހިސާބަށް ދަނޑިއެއް އެއްލައި، އެ ދަނޑި އަޑީގައި ޖައްސައިގެން އޮންނަން ބުނުމަށް ފަހު ޑިންގީއެއްގައި އޭނާ ސަލާމަތްކުރަން ދިއުމަށް މަސައްކަތް ކުރި ކަމަށް ފިޔޯރީން ވާހަކަ ދެއްކި މީހާ ބުންޏެވެ.

your imageނިޔާވި ގދ. ފިޔޯރީ، ގަހާކޯޅި - މުހައްމަދު ހުސައިން

ކައުންސިލްގެ މެންބަރު ޒިހާން ވިދާޅުވީ، މުހައްމަދު ގެނބެމުން ދިޔަކަން އެނގިގެން އަތިރިމަތީގައި ހުރި އަންހެނަކު "މީހަކު ގެނބެނީ"އޭ ގޮވަން ފެށި ކަމަށެވެ. އެ މީހާ އެހެން ގޮވަމުން އެއްގަމަށް ދިޔަ ވަގުތު އެ ސަރަހައްދުގައި އުޅުނު ދެ ޒުވާނަކަށް އެ އަޑު އިވިގެން ޑިންގީއަކަށް އަރައިގެން ގޮސް މުހައްމަދު ހޯދައިގެން ނެގީ ކަމަށް ޒިހާން މައުލޫމާތު ދެއްވި އެވެ.

އެހެންނަމަވެސް އެވަގުތު ބޯކޮށް ވާރޭ ވެހެމުން ދިއުމާ ގުޅިގެން މުހައްމަދު ހޯދަން ވަގުތު ނެގި ކަމަށް ޒިހާން ވަނީ ވިދާޅުވެފަ އެވެ. އަދި މުހައްމަދު މޫދުން ފެނުނު އިރު، އޭނާއަށް އެހީވުމުގެ ގޮތުން ދިން ކަމަށް ބެލެވޭ ދަނޑިގަނޑު ވެސް އޭނާގެ ހަށިގަނޑު ކައިރިން ފެނުނު ކަމަށް ޒިހާން މައުލޫމާތުދެއްވި އެވެ.

"އެތާ ކައިރި ގެއެއްގެ ދެ ކުއްޖަކު ދިޔައީ. އެމީހުން ބުނި އޭނާ ނުފެނި އިރުކޮޅެއް ވިޔޭ، އެއީ ވާރޭ ބޯވީމަ. ނެގި ކުއްޖާ ބުނީ އޭނާއާ 10 ވަރަކަށް ފޫޓު ކައިރީގެ އިނޭ ދަނޑިއެއް ވެސް ޖަހާފަ." ޒިހާން ވިދާޅުވި އެވެ.

މުހައްމަދު ފެނުމުން އެރަށު މީހުން ވަގުތުން އޭނާ ސިއްހީ މަރުކަޒަށް ގެންދިޔަ އެވެ. ނަމަވެސް އޭނާ މަޒުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުނެފައިވެ އެވެ.

ޒިހާން އިތުރަށް ވިދާޅުވި ގޮތުގައި، މަސް ހިފަން އުޅެނިކޮށް ނިޔާވި މުހައްމަދު ހުސައިނަކީ ކުރިން ސްޓްރޯކެއް ޖެހިގެން ގިނަ ދުވަސްތަކެއް ވަންދެން ބަލި އެނދުގައި އޮތް، ހަށިގަނޑު ނިކަމެތި މީހެކެވެ. އެކަމަކު ފަހަކަށް އައިސް އޭނާގެ ހާލަތު ރަނގަޅުވެ އަމިއްލައަށް ހެލިފެލިވެ އުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން، މުހައްމަދަކީ ނަމާދުތަކަށް ފަރުވާތެރި، އެހެން މީހުންނާ ގުޅޭ މީހެއްގެ ކަމަށް ޒިހާން ވިދާޅުވި އެވެ. އެހެންކަމުން މުހައްމަދުގެ ކުއްލި ވަކިވުމަކީ މުޅި ރަށަށް ވެސް ލިބުނު ބޮޑު ހިތާމައެއް ކަމުގައި އޭނާ ފާހަގަކުރެއްވި އެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ. އަދި ތަހުގީގު ކުރިއަށްދާ ވަރަކުން އިތުރު މައުލޫމާތު ހިއްސާކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;