މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ކުރިމަތިވެދާނެ ދަތިތައް ހައްލުކުރުމަށް ގުޅިގެން ފިޔަވަޅުތައް އެޅުމަށް ރައީސް މުހައްމަދު މުއިއްޒު އުފައްދަވައިފައިވާ ހާއްސަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު ތޯރިގް ވިދާޅުވީ ހަދަމުންދާ ރިސޯޓުތަކުގެ އިތުރުން އަންނަ ފަތުރުވެރިންގެ އަދަދު މަދުވުމުގެ ސަބަބުން މިހާރު ވެސް އޮޕަރޭޓުކުރާ ރިސޯޓުތައް ހިންގުމުގައި މެނޭޖްމަންޓަށް ދަތިތަކެއް ހުރިކަން ފާހަގަވެފައިވާ ކަމަށެވެ.
އެ ދަތިތަކާ ގުޅޭގޮތުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ)އާ ވެސް މަޝްވަރާތަކެއް ކޮށްފައިވާ ކަމަށާއި އެގޮތުން މިހާރު އޮޕަރޭޝަންސްއަށް ދަތިވެފައި ހުރި ބައެއް ރިސޯޓުތަކުން ބޭންކުތަކާ ވާހަކަދައްކައިގެން އެކި ކަހަލަ ފައިނޭންޝަލް ފެސިލިޓީސް ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ތޯރިގު ވިދާޅުވި އެވެ.
ތޯރިގު ވަނީ ސަރުކާރުން މިވަގުތު އިސްކަމެއް ދީގެން ކުރަނީ ފްލައިޓްތަކުގެ ފްރިކުއެންސީ އިތުރުކޮށް އާ އެއާލައިންތަކާ އެކު އެގްރީމެންޓްތައް ހަދައި ދަތުރުތައް ފެށުމަށް މަސައްކަތް ކުރުން ކަމަށްވެސް ވިދާޅުވެފަ އެވެ.
ތޯރިގް ވިދާޅުވީ، މި މަހު ދުވާލަކު އެވްރެޖުކޮށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ހަނގުރާމައާ ހެދި 1،150 ޓޫރިސްޓުން މަދުވެފައިވާ ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ، ފްލައިޓްތަކުގެ ފްރިކުއެންސީ އިތުރުކޮށް އާ އެއާލައިންތަކާ އެކު އެގްރީމެންޓްތައް ހަދައި ދަތުރުތައް ފެށުމަށް ކަމަށެވެ. އެގޮތުން، މިވަގުތު އިތިއޯފިއަން އެއާލައިނާ އެކު ވެސް ސޮއިކޮށް ދަތުރުތައް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ހަ ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވާ އިރު މި މަހު ރާއްޖެއަށް ވަނީ 143،000 ޓޫރިސްޓުން އައިސްފަ އެވެ. އެއީ މިދިޔަ އަހަރަށް ވުރެ 18 ޕަސެންޓް ދަށް އަދަދެކެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އިއްޔެ ރާއްޖެއަށް 6,342 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. އަދި މި އަހަރުގެ މިހާތަނަށް 627,496 ޓޫރިސްޓުން އައިސްފައިވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;