ads
ނޭޕާލްގެ ކުރީގެ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޯލީ
ނޭޕާލުގެ ޒުވާނުންގެ މުޒާހަރާ ރޫޅާލި ކުރީގެ ބޮޑުވަޒީރު ހައްޔަރުކޮށްފި
އޯލީގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު ރަމޭޝް ލެކަކް ވެސް ވަނީ ހައްޔަރުކޮށްފައި
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ނޭޕާލްގައި ޒުވާނުން ކުރި މުޒާހަރާ އަނިޔާވެރިކަމާ އެކު ރޫޅާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި އޭރުގެ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޯލީ އާއި ކުރީގެ ހޯމް މިނިސްޓަރު ރަމޭޝް ލެކަކް މިއަދު ހައްޔަރުކޮށްފި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
Advertisement

އެ ދެ ބޭފުޅުން ހައްޔަރުކޮށްފައި މި ވަނީ، މުޒާހަރާއާ ގުޅިގެން ހިނގި ހަމަނުޖެހުންތައް ތަހުގީގުކުރި މިނިވަން ކޮމިޝަނަކުން، އެ ކަމުގައި ޒިންމާވާ މީހުންގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމަށް ހުސްވި ހަފުތާގައި ލަފާދިނުމާ ގުޅިގެންނެވެ.

އާ ހޯމް މިނިސްޓަރު ސޫދާން ގުރުންގް ފޭސްބުކްގައި ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެއްވެސް މީހަކު ގާނޫނަށްވުރެ މަތި ނުވާނެ ކަމަށެވެ.

"މިއީ އެއްވެސް މީހެއްގެ ކިބައިން ބަދަލު ހިފުމަށް ކުރާ ކަމެއް ނޫން، މިއީ އިންސާފުގެ ފެށުމެއް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގައުމު މިހާރު މިދަނީ އާ މިސްރާބަކަށް،". ގުރުންގް ވިދާޅުވި އެވެ.

ދެ ދުވަހަށް ދެމިގެންދިޔަ އެ ހަމަނުޖެހުންތަކުގައި ޖުމްލަ 76 މީހުން މަރުވެފައިވާއިރު، އެ ހާދިސާއާ ގުޅިގެން އޭރު އޯލީ ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. ތަހުގީގީ ކޮމިޝަނުން ނިންމާފައިވަނީ ހަމަނުޖެހުންތައް ހުއްޓުވުމަށް އޯލީ އެކަށީގެންވާ މަސައްކަތެއް ކުރައްވާފައި ނުވާތީ، އެކަމުގެ ޒިންމާ އޭނާ އުފުލަންޖެހޭނެ ކަމަށެވެ.

ސެޕްޓެމްބަރު 8 އަދި 9 ގައި ކޮރަޕްޝަނާ ދެކޮޅަށް ޒުވާނުން ނުކުމެކުރި މުޒާހަރާތައް ފުރަތަމަ ފެށުނީ ސޯޝަލް މީޑިއާ ބޭނުންކުރުން ވަގުތީގޮތުން މަނާކުރުމާ ގުޅިގެންނެވެ. ނަމަވެސް، ގައުމުގެ އިގްތިސާދީ ދަތިކަމާ މެދު ރައްޔިތުންގެ ހިތްތަކުގައި އޮތް ޒަމާންވީ ނުރުހުން ހާމަކުރަން ފެށުމާ އެކު މުޅި ގައުމަށް މުޒާހަރާ ފުޅާވެ ބޮޑެތި ހަމަނުޖެހުންތައް ހިނގި އެވެ.

މި ހައްޔަރުކުރުންތައް މި އައީ، މުޒާހަރާތަކުގައި މީހުން މަރުވި މައްސަލާގައި އާންމުންގެ މެދުގައި އުފެދުނު ނުރުހުމުގެ ތެރޭގައި ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވި ކުރީގެ ރެޕާ މިއުޒީޝަން ބަލެންދުރަ ޝާހް، ބޮޑުވަޒީރުކަމުގެ ހުވާކުރެއްވިތާ އެއް ދުވަސް ފަހުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;