މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ ފަސް އަހަރުގެ ދައުރު 1 ޑިސެމްބަރު 2028އަށް ކުރުކޮށް، މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު މަޖިލީހުން ފާސްކޮށް، މިދިޔަ މަހުގެ 11ގައި ބިލު ތަސްދީގުކުރަން ވަނީ ފޮނުވާފަ އެވެ.
އެކަމަކު އިސްލާހު ތަސްދީގުކުރުމުގެ ކުރިން، އެކަން ކުރަން ފެނޭތޯ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގަންޖެހެ އެވެ.
އެހެންވެ، މިދިޔަ މަހުގެ 16ގައި ރައީސް މުހައްމަދު މުއިއްޒު ނެރުއްވި ގަރާރެއްގައި ހިޔާލު ހޯދުމުގެ ވޯޓު ނަގަން ނިންމާފައިވަނީ އަންނަ މަހުގެ 4ގަ އެވެ.
ފެންނަ ނުފެންނަ ވޯޓްގައި އަހާ ސުވާލަކީ މިއެވެ؛ "ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ގާނޫނުއަސާސީ އަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވަން ފެނޭ ހެއްޔެވެ؟"
އެ ސުވާލު ގާނޫނުއަސާސީއާ ހިލާފު ކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ އަހުމަދު އައިކް އީސާ އާއި އިބްރާހީމް ޝިޔާމް އެވެ.
ގާނޫނީ ވަކީލުން ކަމަށްވާ އިބްރާހިމް ޝިޔާމާއި އައިކު އަހުމަދު އީސާ އެ މައްސަލަ ހުށަހެޅީ ރައީސް އޮފީހާއި އެޓާނީ ޖެނެރަލްގެ އޮފީސް އަދި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށެވެ.
ޝިޔާމް އާއި އައިކު ދެކެނީ ރައްޔިތުންނަށް އެޕްރީލް ހަތަރެއްގައި ކުރިމަތިކުރުވާ ސުވާލަކީ ގާނޫނުއަސާށީގެ 262 ވަނަ މާއްދާގެ (ށ) އިން ލާޒިމުކުރާ އުސޫލުތަކުގެ ތެރެއިން ފަރުމާކޮށްފައިވާ ސުވާލެއް ނޫން ކަމަށެވެ.
މި މައްސަލާގައި ސުޕްރީމް ކޯޓުން ބޭއްވި ފުރަތަމަ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ދައުލަތުގެ ވަކީލު ހައްވާ ސަނާ ވިދާޅުވީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާއަކީ ވަނީ ގާނޫނުއަސާސީއަށް އިސްލާހު ގެންނަ ވަކި ކަންކަމަށް ރައީސަށް ތަސްދީގުކުރެވޭނީ ހިޔާލު ހޯދުމުގެ ވޯޓަކުން ރައްޔިތުންގެ އަގުލަބިއްޔަތު ލިބިގެންކަން ބަޔާންކުރާ މާއްދާއެއް ކަމަށެވެ.
ނަމަވެސް އެފަދަ ވޯޓެއްގައި އަހަން ޖެހޭނެ ސުވާލު އިބާރާތްކުރަން ޖެހޭނެ ގޮތެއް ނުވަތަ ފަރުމާކުރަން ޖެހޭ ވަކި ގޮތެއް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ނުވާ ކަމަށް ސަނާ ވިދާޅުވި އެވެ.
މިއަދުގެ އަޑުހުމުގައި ސްޓޭޓް އެޓާނީ ޝުހުދު މުހައްމަަދު ވަހީދު ވިދާޅުވީ ސުޕްރީމް ކޯޓުގައި އޮތް މައްސަލާގައި އުފައްދާފައިވާ ސުވާލަކީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާއާ އިންތިހާބަަށް ހުށަހަޅާ ސުވާލު ހިލާފުތޯ ނޫންތޯއެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން ޝުހުދު ވިދާޅުވީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާއަަކީ ގާނޫނުއަސާސީގައި ހިމެނޭ ވަކި ހައްސާސް މާއްދާތަކަށް ގެންނަަ އިސްލާހުތައް ތަސްދީގުކުރުމުގައި ވަކި ހާއްސަ ގޮތްތަކަކަށް އަމަލުކުރުން ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމުކޮށްފައިވާ މާއްދާއެއް ކަމަށެވެ.
މައްސަލަ ހުށަހެޅި ފަރާތާއި ރައްދުވާ ފަރާތުން ދައްކަން ޖެހޭ ވާހަކަތައް ދެއްކުމަށް ފުރުސަތު ދިނުމަށް ފަހު އަޑުއެހުން ނިންމަވާލައްވަމުން ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވަނީ ދެން އޮންނާނީ މައްސަލައާ މެދު ގޮތެއް ނިންމުންކަން ހާމަކުރައްވައިފަ އެވެ. ނަމަވެސް، އެ އަޑުއެހުން އޮންނާނެ ވަކި ދުވަހެއް އުއްތަމަ ފަނޑިޔާރު ހާމައެއް ނުކުރައްވަ އެވެ.
މި މައްސަލަ ބައްލަވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އޭގެ ތެރެއިން ތިން ފަނޑިޔާރުންނަކީ މި ސަރުކާރުގައި މި ފަހުން ސުޕްރީމް ކޯޓަށް އައްޔަންކުރި ފަނޑިޔާރުންނެވެ. އެއީ
އަބްދުލްގަނީ މުހައްމަދު (އުއްތަމަ ފަނޑިޔާރު)؛ އައްޔަންކުރީ 6 އޮގަސްޓް 2025ގައި
ހުސައިން ޝަހީދު: އައްޔަންކުރީ 19 މާޗު 2025ގައި
އަބްދުﷲ ހަމީދު: އައްޔަންކުރީ 11 ޖޫން 2025ގައި
ދެން ބެންޗުގައި ތިއްބަވާ ފަނޑިޔާރުންނަކީ:
އަލީ ރަޝީދު ހުސައިން
ޑރ. މުހައްމަދު އިބްރާހީމް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;