ads
އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް
މަޒުހަބީ ތައައްސަބުގެ ތެރެއަށް މުޖުތަމައު ވެއްޓުނަ ނުދިނުމަށް އިލްތިމާސްކޮށްފި
ރާއްޖޭގެ ދީނީ އެއްބައިވަންތަކަމަށް އެއްވެސް ލޮޅުމެއް އަރާނެ ފަދަ ކަމަކަށް ޖާގަ ނުދިނުމަށާއި މަޒުހަބީ ތައައްސަބުގެ ތެރެއަށް ރާއްޖޭގެ މުޖުތަމައު ވެއްޓިގެން ދިއުމަށް ފުރުސަތު ނުދިނުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު އިލްތިމާސްކުރައްވައިފި އެވެ.
Advertisement

ޝަހީމް އެފަދައިން ވިދާޅުވީ، އީރާނުގައި މިހާރު ކުރަމުން އަންނަ ހަނގުރާމައާ ގުޅިގެން، ރާއްޖޭގެ އިލްމުވެރީން ހިމެނޭ ގޮތަށް ސޯޝަލް މީޑިއާގައި ބަހުސްތައް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. އެގޮތުން ޝީއީ މުސްލިމުންގެ އާބާދީ ބޮޑު އީރާނުން އިސްރާއީލާ ދެކޮޅަށް ކުރާ ހަނގުރާމައަށް ބައެއް މީހުން ތާއިދުކުރާއިރު، އެ ގައުމުގެ މުސްލިމުންގެ ގަބޫލުކުރުންތަކާ ދެކޮޅަށް ބައެއް މީހުން ވާހަކަދައްކައިފައިވެ އެވެ.

ޑރ. ޝަހީމް ސޯޝަލް މީޑިއާ ޕޯސްޓެއްގައި މިއަދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަކީ ސުންނަތް ޖަމާއަތުގެ ސައްހަ މަތިވެރި އަގީދާގެ މަތީގައި، ޤުރުއާނާއި ސުންނަތާއި ސަލަފުއްސޯލިހުންގެ މަންހަޖުގައި އެތައް ގަރުނެއް ވަންދެން ސާބިތުކަމާއެކު ދެމިތިބިބި ބައެއް ކަމަށެވެ.

"ދީނީ ފިކުރީ ގޮތުން އިސްލާމީ މުޖުތަމައު ބައިބައިކޮށްލައި ދުޝްމަނުން ކުރަމުންދާ މަސައްކަތްތަކާ މެދު ސަމާލުވެ ތިބެން ޖެހޭނެ. ފިރުގާތަކުގެ އަގީދާތަކާ ގުޅޭ ކަންކަމުގައި، އެކަމުގެ އިލްމު ލިބިގެންވާ އިލްމުވެރިން ނޫނީ ވާހަކަ ނުދެއްކުމަށް ވެސް ނަސޭހަތްތެރިވަން،" އޭނާ ވިދާޅުވި އެވެ.

ދީނީ އެއްބައިވަންތަކަމަށް ލޮޅުން އަރާނެ ފަދަ ވާހަކަތައް ނުދެއްކުމަށާއި ދީނީ ފިރުގާތަކުގެ އަގީދާތައް އޭގެ އިލްމީ ހަގީގަތްތަކާ ހިލާފަށް ރައްޔިތުންނަށް އޮޅޭނެ ފަދަ ގޮތަކަށް ނުފެތުރުމަށް އިސްލާމިކް މިނިސްޓަރު ޝަހީމް އިލްތިމާސްކުރެއްވި އިރު، ސުންނީންނާއި ޝިއީންގެ ބަހުސްއަކީ މުސްލިމުންގެ އަދުއްވުން މުސްލިމް އުންމަތް ބައިބައިކުރަން ކިޔާ އެއްޗެއް ކަމަށާއި އެކަކު އަނެކަކު ކާފަރު ކުރުމަކީ އިސްލާމްދީނުގެ ސިފައެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ މިފަހުން ވިދާޅުވެފަ އެވެ. 

މައުމޫނުގެ އެ ވާހަކަފުޅަށް ގިނަ ބަޔަކު ތާއީދުކޮށް، މުސްލިމުންގެ މެދުގައި އޮންނަންޖެހޭ އަޚުވަންތަކަން ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކޮށްފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;