ads
ދަރިފުޅު - ތިން ވަނަ ބައި
އެޕިސޯޑް 3
Advertisement

އަހަރެންގެ ސުވާލަށް ފަހަދުއަށް ޖަވާބެއް ނުދެވުނެވެ. އިވުނު އަޑު އައި ދިމާއަށް ބަލައިލެވުނީ ދެމީހުންނަށް އެކުގަ އެވެ.

"ބޭބޭ!؟"

ލިބުނު ހައިރާން ކަމުގައި  ދެ ލޯ ބޮޑުވީ އިހްތިޔާރަކު ނޫނެވެ. ފަހަދުގެ ކޮއްކޮއެއް ހުންނަކަށް މީގެކުރީން އަހަންނަކަށް ނޭގެ އެވެ.

ދޮރުން ވަދެގެން އެތެރެއަށް އެ އަންނަނީ އަންހެން ކުއްޖެކެވެ. މަޑު ނޫ ކުލައިގެ ޖީންސްއަކާއި ހުދު ޓޮޕަކާއި މެރޫން ކުލައިގެ ޝޯލް އޭނައަށް ވަރަށް ގުޅެ އެވެ. ޝޯލް އަޅާލާފައި ވަނީ، އެހެން މީހުންގެ ލޮލަށް ފަސޭހަވާނެފަދަ ހިތްގައިމު ގޮތަކަށެވެ.

އަހަރެންގެ ދެ ލޮލާއި ދިގު އެސްފިޔަތަކުގައި ކޮންޓްރޯލެއް ނެތެވެ. 

އޭނާގެ ބޮޑު ދެ ލޮލާއި މަޑުމަޑު ދެ ކޮލަކީ ބީނިޝްގެ ސިފަތަކުގެ ނަކަލެކެވެ.

ހީބިހި ނެގި އެވެ. ޔަގީނެވެ. ބީނިޝްގެ މަންމައަކީ ކުރިމަތީގައި މި ހުރި ޒުވާން އަންހެންކުއްޖާ އެވެ. މަޑު ފިޔާތޮށި ކުލައަކަށްދާ ދޮންކަމެއް ލިބިފައިވާ މި އަންހެން ކުއްޖާގެ ބޮލުން ފެށިގެން، ފައިގެ އިނގިލިތަކާއި ހަމައަށް އަހަރެންގެ ދެ ލޯ ހަރަކާތްކުރި އަދަދެއް ނޭގެ އެވެ. އެހެން ދިމާއަކަށް ބަލައިލުމުގެ އިހްތިޔާރެއް ނެތެވެ. 

މަންމައަކާއި އޭނާ ވައްތަރެއް ނޫނެވެ. 

ކުއްޖަކު ލިބިފައިވާ ކަމުގެ ނިޝާނެއްވެސް އޭނާގެ ނެތެވެ. 

"ކައިރާ، އާދޭ.. އާދޭ.. އެތެރެއަށް އާދޭ" ހިތްހެޔޮކަމާއި އިހްތިރާމާއެކު ފަހަދު ގޮވާލި އެވެ. އެ ދެ މީހުންގެ ދެމެދު އޮންނަ ގާތްކަމާއި އެ ގުޅުން އިހްސާސްކުރެވުމަށް މާގިނަ ވަގުތެއް ބޭނުމެއް ނުވި އެވެ. 

މަޑުމަޑުން ހިނގަލާފައި އައިސް އަހަރުމެންގެ ގާތުގައި އޭނާ ހުއްޓުނެވެ. އަހަރެންގެ ކޮނޑުގައި އޮތް ބީނިޝްއަށް ބަލައިލާފައި އޭނާ ހިނިތުންވި އެވެ. އަހަރެންގެ ހިޔާލީ ދުނިޔޭގައި ތަސައްވަރު ކުރެވުނު ފަދަ ބަބުޅާ އަލިކަމެއް އޭނާގެ ދެ ލޮލުން ދުށީމެވެ. އެ ދެ ލޮލުން އެތަށް ވާހަކައެއް ބުނެދެ އެވެ.

އޭނާގެ ލޮލުގެ ވަށައިގެން 'ޑާކް ސަރކަލްސް'ވެ އެވެ. އެއީ މި ޒަމާނުގެ އަންހެން ކުދިން އެންމެ ނުތަނަވަސްވާ އެއް ކަންތަކެވެ. އޭނާގެ ފަރުވާލެއް އެކަމަށް އޮތްހެން ހިޔެއް ނުވެ އެވެ.

އެކަމާއިމެދު ވިސްނުމުގެ ހިޔާލު، އަހަރެންވެސް ދޫކޮށްލީމެވެ. އޭނާގެ މޫނުގެ ވަނާތަށް ކިތަންމެހާވެސް ފުރިހަމަ އެވެ. ހަން އޮމާން ވެފައި ތާޒާ އެވެ. ތަކްލީފު އުފުލަމުންދާ އިންސާނެއްގެ ދުވަސްވީ ބައްޔަކަށް ފަރުވާއެއްގެ ގޮތުގައިވެސް އެ ހިނިތުންވުން ފުދެ އެވެ. އެއީ ރީތި ސިފަތަކެއް ލިބިފައިވާ ހިތްގައިމު އަންހެން ކުއްޖެކެވެ.

"ކައިރާ، މިއީ އަހަރެންގެ އެންމެ، އެންމެ ގާތް އެކުވެރިޔާ.. މާލިކް" އަހަރެންގެ ތައާރަފް ދިނީ ފަހަދު އެވެ.

"އައްސަލާމް އަލައިކުމް'' ހިނިތުންވުމާއެކު އެ ލިބުނު ފިނިކަން އަހަންނަށް ކަމުދިޔަ އެވެ.

އޭނާގެ ސަލާމަށް އަހަރެންވެސް ޖަވާބު ދިނީމެވެ. ސަލާމްކޮށްލުމަށް އަތް ދިއްކޮށް ނުލީތީ، ހުސްކަމެއް އިހްސާސްވީ ކީއްވެބާ އެވެ؟

"ކުޑަ ދުވަސްކޮޅަކަށް، މާލިކް ދިރިއުޅޭނީ އަހަންނާއެކު މިތާގައި.. ކުރިންވެސް އަހަރެން ބުނިންދޯ!" ހަނދާންކޮށްދިނުމުގެ ގޮތުން ފަހަދު ބުނެދިނެވެ. 

އާއެކޭ ބުނެ ބޮލުން އިޝާރާތްކޮށްފާއި އޭނާ، ފަހަދުއަށް ދިއްކޮށްލީ ފައިސާ އެވެ. ލިބުނު ހައިރާންކަމުގައި ހަރަކާތެއް ނުގެނެވިގެން އުޅެނިކޮށް، ފަހަދުގެ ފުށްކިގައިގައި އަމިއްލައަށް ޖަހައިފި އެވެ.

"ކައިރާ، ކިތައް ފަހަރު އަހަރެން ބުނެފިން...! ނޫން! ތިއެއް އަހަރެން ބޭނުމެއް ނޫން" ކައިރާ އެ ދިން ފައިސާގައި ހިފުމަށް ފާޅުގައި ފަހަދު ދެކޮޅުހެދި އެވެ.

"ބޭބެ، މީގައި ބޭބެ ހިފާ.. އެހެން ނޫނީ އަހަރެން ވަރަށް ދެރަވާނެ.. ކޮންމެ ދުވަހެއްގައި އެތަށް ވަގުތެއްގައި ބީނިޝް ބަލަހައްޓައިދެނީ ބޭބެ.. އާދޭސްކޮށްފައި ބުނަން، މީގައި ހިފައިދީ!" އިހްތިރާމާއެކު ކައިރާ އެދުނީ އެ ފައިސާގައި ހިފުމަށެވެ.

ފުން ނޭވާއަކާއިއެކު ބޮލުން އިޝާރާތްކޮށްލަމުން އެއްބަސްވި އެވެ. ކައިރާގެ އަތުން ފައިސާ ލިބިގަތުމާއެކު އަވަސް އަވަހަށް އެ ފައިސާ މޭޒުމަތީގައި ބާއްވައިފި އެވެ.

"ބީނިޝް" މަޑުމަޑުން ވައި އަޑުން ކަހަލަގޮތަކަށް ބީނިޝްއަށް ކައިރާ ގޮވައިލި އެވެ. 

ބީނިޝްގެ ހަބަރެއް ނުވުމުން، ކައިރާ ބަލައިލީ އަހަންނާއި ދިމާއަށެވެ. އެނގެން ބޭނުންވި އެތަށް ސިއްރެއް އެ ލޮލުން އަހަރެން ދުށީމެވެ. 

ކަޅުކަން ގަދަ އެ ކަޅީގައި ފޮރުވިފައިވާ ހާދިސާތަކުގެ ފަރުދާ ކަހައިލާން އަހަރެން ބޭނުންވި އެވެ. 

ހިތާއި ސިކުނޑިއަށް ލޮޅުން އެރި ވަގުތެކެވެ. ހިތް އެދޭ ކިތަންމެ ކަމަކަށް ސިކުނޑި ދެކޮޅު ހެދި އެވެ. 

ވާނުވާގައި، ގޮތް ނޭގޭ ވަޅުގަނޑަކަށް ވެއްޓޭކަށްވެސް އަހަރެން ބޭނުމެއް ނޫނެވެ. މި ދެމެދުގައި ކުޑަ ކުއްޖަކު ޝާމިލުވާތީ އެވެ.

"ބީނިޝް ނިދާފަ" މަޑުމަޑުން އަހަރެން ބުނީމެވެ.

ކައިރާއަށް ލިބުނު ޝޮކް ފޮރުވާކަށް މަސައްކަތެއް ނުކުރެ އެވެ. ހައިރާންވެ އަންތަރީސްވެއްޖޭ ބުނާކަށްވެސް ނުޖެހުނެވެ.

"ބީނިޝްއަށް އެއްޗެއް ކާންދިނިންތަ؟" ތަފާތު ގޮތަކަށް ކައިރާ އަހައިލި އެވެ. އެ ސުވާލުގެ މުރާދެއް ނޭގުނެވެ.

"ނޫން'' ވަގުތުން އަހަރެން ޖަވާބު ދިނީމެވެ. 

ނޭފަތާއި އަނގަމަތީގައި އަތް އަޅާފައި ކައިރާ ބަލައިލީ ފަހަދު އަށެވެ.

''ބޭބޭ'' ފަނޑުގޮތަކަށް އޭނާ ބުނެލި އެވެ. 

ސިކުންތެއްވެސް ބޭކާރު ނުކޮށް ފަހަދު އައިސް އޭނާގެ ދެ އަތުގެ ތެރޭގައި ކައިރާ ހިމާޔަތްކޮށްލި އެވެ. 

މިތަނުގައި ވާނުވާގައި މިހުރީ އަހަރެންނެވެ.

ހާސް ނުވުމަށާއި ހަމަޖެހިލުމަށް އެދި އެތަށް ވާހަކައެއް ފަހަދު ދެއްކި އެވެ. ބުރަކަށީގައި ފިރުމަމުން ކައިރާގެ ބޮލުގައި ބޮސްދިނެވެ. އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގަތީ ފަހަދު ބުނެލި ޖުމުލައަކުންނެވެ. 

"ހާސްނުވޭ، އަހަރެން، މާލިކް ދަންނަން..! މާލިކްގެ ފަރާތުން ބީނިޝްއަށް ކުޑަވެސް ނުރައްކަލެއް ނެތް.. އަހަންނަށް އިނގޭ، މިކަން ގަބޫލުކުރަން ކައިރާއަށް ފަސޭހަ ނުވާނެކަން.. މި ފެންނަ މަންޒަރަށް  އަހަރެންގެ ލޯ ވެސް ފަރިތައެއް ނޫން.. ހަމަޖެހިލާ..! މަޑުމަޑުން ނޭވާ ދޫކޮށްލާ" 

އެތަނުގައި އަހަރެން ހުރިކަން، މަގޭ އެކުވެރިޔާއަށްވެސް ނޭގެނީބާ އެވެ؟ 

އަހަންނަކީ ކުޑަކުދިންނާއި މާ 'ރައްޓެހި' މީހެއްވެސް ނޫނެވެ. އެކަމަކު މި ކުޑަކުއްޖާ، އަމިއްލައަށް އެދުމުން އޭނާ އުރާލަން ޖެހުނީ އެވެ. އަހަންނަކީ ކުއްވެރިއެއް ނުވަތަ ނުރައްކާ މީހެއްތޯ ނޫންތޯ މި ދެ މީހުން މަޝްވަރާކުރާންޖެހޭ ސަބަބެއް ނޭގެ އެވެ.

''އެކަމަކު، ކީއްވެ؟" އަނެއްކާވެސް ކައިރާ އެ ސުވާލު ކުރަނީ އަހަރެންގެ ކޮނޑުގައި މި ކުޑަކުއްޖާ ނިދާފައި އެއޮތީ ކީއްވެތޯ އެވެ. 

"ބުނާނެ އެއްޗެއް ނޭގެ، ޑާލިންގ! ހާސްނުވޭ.. ބީނިޝްއަށް ނުރައްކަލެއް ނެތް.. ނިދާލާފައި އެ އޮތީ އަމާން ކަމުގައި" ބޮލުގެ އިސްތަށިގަނޑުގައި ފިރުމަމުން ފަހަދު ވާހަކަ ދައްކަމުން ގެންދިޔައީ ކައިރާ ހަމަޖެހިލުމަށް އެދި އެވެ.

ލިބެމުން ދިޔަ ނުތަނަވަސްކަމުގެ ލެވެލް ކިތަންމެ މަތިވިޔަސް، މިވަގުތު އަހަރެންގެ ސިކުނޑިގައި އެނބުރެމުންދަނީ އެންމެ ލަފުޒެކެވެ.

'ޑާލިންގ' 

ފަހަދު، ކައިރާއަށް ޑާލިންގ ކިޔާފައި މުއާމަލާތު ކުރުން އަހަންނަށް ކަމަކު ނުދިޔަ އެވެ. އެ އަޑު އަހަން ފަސޭހައެއްވެސް ނުވި އެވެ. ދުވަހަކުވެސް އުފެދިފައި ނުވާ ގަދަ ރިހުމެއްގެ ވިންދު އަހަރެންގެ މޭގެ ވާތް ފަރާތުން އިހްސާސް ކުރެވިއްޖެ އެވެ. 

"އަހަރެންގެ ފަރާތުން ބީނިޝްއަށް އެއްވެސް ނުރައްކަލެއް ނޯންނާނެ.. އެކަމުގެ ޔަގީންކަން އަހަރެން ދެން.. ދެރަ ގޮތެއް ނުހަދާނެކަމަށް ވައުދުވަން'' އަހަރެންގެ ދުލުން ބޭރުވި އިބާރާތެކެވެ. (ނުނިމޭ)

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;