ads
ސިޔާސީ ވައުދާއި ދައުލަތަށް ލިބޭ އާމްދަނީ އަށް ބެލުން!
ރާއްޖޭގެ ހިންގުމުގެ ނިޒާމް މުޅިން ބަދަލުވެގެން ދިޔުމާއެކު ތަފާތު އާ ކަންތައްތައް ފެންނަން ފެށި އެވެ. މީގެ 17 އަހަރު ކުރިން 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުން ފެށިގެން ވެރިކަމަށް ވާދަ ކުރައްވާ ބޭބޭފުޅުންގެ ސިޔާސީ ވައުދުވެފައިވަނީ މިނިވަން އިގުތިސާދެއް ބިނާ ކުރުމުގެ ވިސްނުމާ ދުރުވެ ސިޔާސީ ވިސްނުމުގައި ތާއިދު ހޯދަން އިއުލާނު ކުރާ ވައުދުތަކަށެވެ. ނަތީޖާ އަކަށް ވަނީ ލިބޭ އާމްދަނީއަށް ނުބަލާ ކަންކަން ކުރަން އުޅުމެވެ.
Advertisement

ޑިމޮކްރެޓިކް ނިޒާމެއްގެ އެންމެ އަސާސީ ސިފަތަކަކީ ފުދުންތެރި މުޖުތަމައެއް ބިނާ ކުރުންކަމަށް ވިޔަސް، މިދިޔަ 17 އަހަރު ތެރޭގައި ފެންނަމުންދަނީ ސިޔާސީ ވައުދުތައް ފުއްދުމަށްޓަކައި ނުލިބޭ އާމްދަނީން ހަރަދު ކުރާ ތަނެވެ. ލިބޭ އާމްދަނީއަށް ބެލުމެއް ނެތި ކަންކަން ކޮށް ދޭނެ ކަމުގެ ވައުދާއެކު ސިޔާސީ ހަރަކާތްތެރިން އުޅެނީ ތާއިދު ހޯދުމަށެވެ. ނަތީޖާއަކަށްވެފައިވަނީ ދައުލަތުގެ ދަރަނީ ބިލިއަނުން ގުލާލެވޭ ހިސާބަށް ދިޔުމެވެ.

އިގުތިސާދީ ކަންކަން ދިރާސާ ކުރާ ބޭފުޅަކު ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވީ މަލްޓިޕާޓީ ޑިމޮކްރެސީއާ އެކު ގައުމުގެ މާލީހާލަތު ދަށަށް ދާން ފަށައިފި ކަމަށާއި އެހެން ދިމާވާން ޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ ލިބޭ އާމްދަނީއަށް ވުރެ އިތުރަށް ހަރަދު ކުރުމަކީ އާންމު ކަމަކަން ހެދުންކަމަށެވެ.

"ލިބޭ އާމްދަނިއަށް ވުރެ އިތުރަށް ހަރަދު ކުރުމަކީ ވަރަށް ބޮޑު ގޯހެއް. ގައުމަށް ލިބޭ އާމްދަނީއަކުން ގައުމު ހިންގާފައި ގައުމު ތަރައްގީ ކުރަންޖެހޭނީ. އަދި ވަކިން ހާއްސަކޮށް އާމްދަނީ ލިބޭ ކަންކަމަށް އިންވެސްޓް ކުރަންޖެހޭނެ. އާމްދަނީ ލިބޭ ސިނާއަތްތައް އުފަން ކުރުވާ ކުރިއަރުވަން ޖެހޭނެ. އެކަންކަމަށް ފަހި މާހައުލެއް ގާއިމުކޮށް ދޭން ޖެހޭނެ،" ކުރިން ވާހަކަ ދެއްކެވި ދިރާސާ ވެރިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސިޔާސީ ވައުދުވުމަކީ ކުޅިވަރަށް ހަދައިފި ކަމަށާއި އެކަމުގެ ސަބަބުން ހަރަދު ބޮޑުވެ އިންފްލޭޝަން މައްޗަށް ގޮސް ހިދުމަތުގެ އަގުތައް މައްޗަށް ހިނގައްޖެ ކަމަށެވެ. ހިދުމަތުގެ އަގުތައް މައްޗަށްދާ ދިޔުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށާއި ނަމަވެސް ސިޔާސީ މީހުންގެ ވިސްނުން ހުންނަނީ ސިޔާސީ ވައުދުވެ ލިބޭ އެއްޗަކުން ދެކޮޅު ނުޖެއްސި ދިޔަ ނަމަވެސް ތާއިދު ހޯދުމަށްޓަކައި ވައުދު ވުންކަމަށެވެ.

ރާއްޖެއިން ބޭރުން އިގުތިސާދީ ދާއިރާއިން ކިޔަވާފައިވާ ބޭފުޅަކު ވިދާޅުވީ މަލްޓި ޕާޓީ ޑިމޮކްރަސީ އާ ރާއްޖެ ކުރިމަތިލާފައިވަނީ ޒިންމާދާރުކަމާ އެކު އިގުތިސާދެއް ބިނާ ކުރުމުގެ ވިސްނުމާ ދުރު ހަރަދު ބޮޑު ހިންގުމަކާއި ހިދުމަތްތަކެއް ދިނުމުގެ ވިސްނުމުގައި ކަމަށެވެ.

"ވައުދަކީ ވެސް ބަޖެޓްކޮށްގެން ވާންޖެހޭ އެއްޗެއް. ނަމަވެސް އެކަން ރާއްޖޭގައި މިވާގޮތަކީ ހިތު ހުރި ކަމެއްކޮށް ދޭން ވައުދު ވަނީ. ވައުދުވާއިރު އެއްގޮތަކަށް ވެސް ނުބަލާ އެވައުދުވާ ކަންތައްތަކަށް ހިނގާނެ ހަރަދާއި އެ ކަންކަން ކުރުމަށް ބޭނުންވާ ފައިސަ ހޯދާނެ ގޮތެއް ވެސް. ގިނަ ފަހަރު މިހަދާ ގޮތަކީ ހަމަ ކުރެލާފައި ވައުދެއް ވަނީ. ނުވަތަ ތާއިދު ހޯދަން މާ ބޮޑަށް ބޭނުން ނަމަ ވައުދުތައް ހެސް ކިޔާފައި ވަނީ. އެކަމުގެ ގެއްލުން މިހާރު މިދަނީ ފެންނަމުން،" ކުރިން ވާހަކަ ދެއްކި ތަޖުރިބާކާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިދިޔަ 17 އަހަރުގެ ބަޖެޓަށް ބަލާލި ނަމަވެސް ފެންނާނީ ދަރަނި ބަޖެޓެއް ކަމަށާއި އަދި އެ ބަޖެޓުން އިގުތިސާދީ ރަނގަޅު ކުރުމަށް މާ ހާއްސަ މަސައްކަތްތަކެއް ކުރުމަށް ޖަހާފައިވާތަން ނުފެންނާނެ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ ސިޔާސީ ބޭނުމަށް ވަރަށް ގިނަ މަސައްކަތްތައް ބަޖެޓުގައި ޖަހާފައިވާ ކަމަށެވެ.

"މިސާލަކަށް ބަލަމާ އިންތިހާބުތަކާ ދިމާކޮށް ހިންގާކަންކަން. ބައެއް ބައި އިލެކްޝަންތައް ކާމިޔާބު ކުރުމަށް ވެސް ސަރުކާރުތަކުން އެބަ ހުރި ބަޖެޓުގައި ނުހިމަނާ ބޮޑެތި ހަރަދުތައްކޮށްފައި. ބިން ހިއްކުން ފަދަ ކަންކަންކޮށްފައި. މިއީ ޒިންމާދާރު ސިޔަސީ ހަރަކާތްތެރިން ކުރާނެ ކަންތައްތަކެއްނޫން. ނަމަވެސް ރާއްޖޭގައި ޑިމޮކްރަސީ ފެށިފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަގޮތަކަށް ކަމަށް ވާތީ ސިޔާސީ މީހުން ސިޔާސީ ވައުދުތައް ވަނީ އެ މީހުންނަށް ނުހޯދޭ ފައިސާއިން ހަރަދު ކުރަން،" އޭނާ ވިދާޅުވި އެވެ.

އިގުތިސާދު ދިރާސާ ކުރާ ބޭފުޅުން ވިދާޅުވާގޮތުގައި ރާއްޖެ ހިންގުމުގެ ނިޒާމު މިހާރު މިސްރާބު ހުރިގޮތުން ސިޔާސީ ބޭނުންވާ ވައުދުތައް ގިނަ ވާނެ އެވެ. އަދި އެ ވައުދުތައް އެ ވަނީ ޖުމްލަކޮށް މުޅި ގައުމަށް މަންފާވާނެ ހަމަ އާއި އުސޫލަކުން ނޫން ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވި އެވެ.

މި މަހު ކުރީކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ އަންނަ މަހު ދައްކަން ޖެހޭ 500 މިލިއަން ޑޮލަރު ސުކޫކުގެ ދަރަނި ދައްކަން އިތުރު ލޯނެއް ނުލިބުނަސް ނުވަތަ ރީފައިނޭންސް ނުކުރި ނަމަވެސް ދަރަނި ދެއްކެން އެބަ އޮތް ކަމަށެވެ.

އެއީ އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރިޒާވްގައި މި ވަގުތު 650 ޑޮލަރު ވަނީ ރައްކާކުރެވިފަ އެވެ. އެއީ:

  • ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) ގައި - 320 މިލިއަން ޑޮލަރު 

  • ބޭނުންކުރެވޭ ރިޒާވްގައި - 330 މިލިއަން ޑޮލަރު އެބަހުރި 

އިތުރު ލޯނެއް ހޯދުމެއް ނެތި ރިޒާވްއާއި ފަންޑުން މި ލޯނު ދައްކައިފިނަމަ ބާކީ އޮންނާނީ އެންމެ 150 މިލިއަން ޑޮލަރެވެ. އިގުތިސޯދީ ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި އެއީ ރާއްޖޭން އެންމެ މަހަކަށް އިމްޕޯޓަށް ކުރާ ހަރަދެވެ.

ސިޔާސީ ވިސްނުން ބޮޑުވެ ޑިމޮކްރަސީގައި ޖެހިގެން ދިޔަ ނަމަވެސް ގައުމެއްގެ މިސްރާބު ހުންނަންޖެހޭނީ ގައުމަށް ލިބޭ އާމްދަނީ އާ އެއް ވަރެއްގަ އެވެ. އަބަދު ދަރަނި ނަގައިގެން ވަކި ބަޔަކަށް މަންފާ ކުރާގޮތަށް ސިޔާސީ ވައުދުވަމުން ދިޔުމަކީ ވަރަށް ބޮޑެތި ގެއްލުންތައް ގައުމަށް ވާނެކަމެވެ. އެ ފަދަ ކަންކަން ހުއްޓުވައިގެން ނޫނީ ލިބޭ އާމްދަނީން ދެކޮޅު ޖެހޭ ގައުމަކަށް ރާއްޖެ ނުހެދޭނެ އެވެ. 

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ފިސްކަލް ރިޕޯޓުން ދައްކާ ގޮތުން، މިދިޔަ މަހުގެ 26 ވަނަ ދުވަހާ ހަމައަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމުލަ 7.8 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޖުމުލަ ހަރަދަކީ 5.9 ބިލިއަން ރުފިޔާ އެވެ. ދައުލަތުގެ ހަރަދުތަކަށް ބަލާއިރު، މިދިޔަ އަހަރާ އަޅާބަލާއިރު ޖުމުލަ ހަރަދުތައް ގާތްގަނޑަކަށް އެއްވަރެއްގައި ހިފެހެއްޓިފައިވިޔަސް، މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ކުރާ ހަރަދު ވަނީ 9.6 ޕަސެންޓު އިތުރުވެފަ އެވެ.

މި އަހަރުގެ މި މުއްދަތުގައި މުސާރައާއި ޕެންޝަނަށް 2.64 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވާއިރު ޕޭ ހާމަނައިޒޭޝަން ކުރުމުން ބޮޑުވި އަދަދު އޭގެ ތެރޭގައި ހިމެނެ އެވެ. އެއާ އެކު، މިދިޔަ އަހަރުގެ މި މުއްދަތުގައި 98.2 މިލިއަން ރުފިޔާގައި ހުރި ސާޕްލަސް، މި އަހަރު ވަނީ 1.9 ބިލިއަން ރުފިޔާ އަށް އުފުލިފަ އެވެ.

  • ދަރަނި ދެއްކުމުގެ ހޭދަ ވަރަށް މަތި

މިދިޔަ އަހަރު ދަރަނި ދެއްކުމާއި ދަރަނި އަދާކުރުމުގެ ހަރަދަށް ވަނީ 9.8 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. އެއީ 2024 އަށް ވުރެ 3 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މީގެ މާނައަކީ ސަރުކާރުގެ ހަރަދު އާމްދަނީ އިތުރުވާ ވަރަށް ވުރެ ބޮޑުވެ، ކުރު މުއްދަތުގައި ދައްކަން ޖެހޭ ދަރަނި އިތުރުވެފައިވުމެވެ. 

އާމްދަނީ ލިބުނުވަރު ދަށްވެ، އަދި ދަރަނި އަނބުރާ ދެއްކުމުގެ ހަރަދު އިތުރުވުމުގެ ނަތީޖާއަކީ އުމްރާނީ ތަރައްގީގެ ހަރަދު ކުޑަކޮށްލަށް މަޖުބޫރުވުމެވެ. ނަތީޖާއަކީ ބަޖެޓް ޑެފިސިޓް ކުޑަކަމަށް ނަމްބަރުތަކުން ދެއްކުމެވެ. އެކަމަކު، އެއީ ކާމިޔާބެއް ނޫނެވެ. 

އެހެންކަމުން ސިޔާސީ ވައުދުތައް ވިޔަސް ނުލިބޭ އާމްދަނީން އެ ވައުދުތައް ފުއްދުމަށް ކުރާ މަސައްކަތް ހުއްޓުވޭނެ ގޮތެއް ހޯދަން ޖެހެ އެވެ. އެކަންކަންކުރަންޖެހޭނީ ސިޔާސީ ފިކުރުން މިނިވަންވެފައިވާ ގައުމީ ވިސްނުމުގެ ތަންދިރުދަންނަ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކުގަ އެވެ. ސިޔާސީ ވައުދާއެކު އެ ވައުދު ފުއްދަން ބޭނުންވާ ފައިސާގެ މިންވަރާއި އެ މިންވަރުގެ ފައިސާ ނުހޯދާ ގައުމު ދަރާގޮތަށް ދެ ފަދަ ވައުދު ނުފުއްދޭނެ ނިޒާމެއް ހޯދުން ނޫން ގޮތެއް މިހާރު ނެތެވެ. އެހެން ނޫން ނަމަ ދަރަމުން ދަރަމުން ގޮސް ގައުމު ބަގުރޫޓްވެދާނެ އެވެ. ނަމަވެސް އެއީ ދިވެހިން ދެކެން ބޭނުންވަނެ ދުވަހެއް ނޫންތާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;