"މާލިކް؟ މާލިކް ކީ އް ތި ކު ރަނީ؟" ދެ ބުމަ ގޮއްޖަހައިލާފައި އަހަރެންގެ އެކުވެރިޔާ ސުވާލުކުރި އެވެ.
ދަތް ކުނޑި ވިކުނެވެ. ގާތުގައި އެ ހުރީ އޭނާގެ ހިމާޔަތްތެރިޔާކަން ޔަގީނެވެ. އެހެން ނޫންނަމަ މިވަގުތު ކުޅި ދައްކައިލީމުހެވެ.
މި ގެއަށް އަންނަން އަހަރެން ގާތުގައި އާދޭސްކުރީ އޭނާ އެވެ. ބަލައި އަންނާނެކަމަށް ބުންޏަސް، އެއަރޕޯޓަށް ބަލައި ނުދިޔުމުގެ ޝަކުވާވެސް އަހަރެން ނުކުރަމެވެ. އެކަމަކު އޭނާގެ ކޮޓަރީގައި އޭނާގެ ކުރިމަތީގައި އަހަރެން އެ ހުރީ ކީއްވެތޯ އޭނާ ސުވާލުކޮށްފި އެވެ.
"ކިހައި ދެރަކަމެއް..! ކާކުތަ އަހަރެން ކައިރީގަ ބުނީ މިގެއަށް އަންނާށޭ؟" ފޫހިގޮތެއް ދައްކާލާފައި އަހަރެން ބުނީމެވެ. ކުއްލިޔަކަށް ކަމެއް ހަނދާންވެގެން ދެ ލޯ ބޮޑުކޮށްލާފަދަ ގޮތެއް ދައްކާލާފައި އޭނާގެ އަނގަމަތީގައި އަތް އެޅި އެވެ.
"ޝ-! ގަޑިން ކިހައި އިރެއް؟" މަޑުމަޑުން ފަހަދު އަހައިލި އެވެ.
"އިލެވެން- އޭ އެމް'' ލޯބިލޯބި އަޑަކުން ބުނެލި އެވެ.
"މަންމަ އަދިވެސް ނާދޭތަ؟'' ސިއްރުން އަހައިލާފަދަ ގޮތަކަށް ފަހަދު އަހައިލި އެވެ.
"ނާދޭ" ބޮލުން ގޮތް ދައްކާލާފައި ކުޑަކުއްޖާ ބުނެލި އެވެ.
އަދި އަހަރެންގެ ޖީންސްގައި ހިފާފައި ދެ ފަހަރަކު ދަމައިގަތެވެ. ސިގުނަލެއްގެ ގޮތުގަ އެވެ. އަހަރެން އޭނާއާއި އެއްބަސްވާންވީ ކަން ޔަގީންވި އެވެ.
"ޔެސް، ނާދޭ!" އަހަރެންވެސް ބުނެލީމެވެ.
ދެމީހުން ބަލަހައްޓައިގެން މި ތިބީ ފަހަދުއާއި ދިމާއަށެވެ. އަނެއްކާވެސް އަހަރެންގެ ޖީންސްގައި ލަތްކެއް ޖަހައިލި އެވެ. ބަލާލުމާއެކު އޭނާގެ ދެ އަތް ހުޅުވާލި އެވެ. އުރާލަން އެދެނީކަން އެނގޭތީ، ޖެހިލުންވެ ހުރެވެސް އެ ކުއްޖާ އުރާލީމެވެ. މީގެކުރިން ކުޑަކުއްޖަކު އުރާލެވުނު ދުވަހެއް ހަދާނެއް ނެތެވެ. ހީވާގޮތުން މިއީ އަހަރެންގެ ފުރަތަމަ ތަޖުރިބާ އެވެ.
އޭނާއާއި އެއް ހަމައަށް ތިރިވެފައި އަހަރެންގެ ދެއަތުގެ ތެރޭގައި ބޮނޑިކޮށްލީމެވެ. އަހަރެންގެ މޫނުގެ ދެ ފަރާތުން ވަރަށް ލޯބިކޮށް ކުޑަކުޑަ ދެ އަތުން ހިފަހައްޓާލި އެވެ. އަހަރެންގެ ލޮލަށް ބަލައިލީ ތަފާތު ހިނިތުންވުމަކާއެކު އެވެ.
"އައި ލައިކް ޔޫ" ލޯބިލޯބިކޮށް ބުނެލި އެވެ. އަހަރެންގެ ހިތަށް ވީގޮތެއް ބުނެދޭކަށް ނޭގެ އެވެ.
"އަހަރެންގެ ނަންވެސް ބުނެދީފިން، އެކަމަކު އަދިވެސް ޕްރިންސެސްގެ ނަމެއް ނުބުނޭ" މަޑުމަޑުން އަހަރެން ބުނީމެވެ.
"ބީނިޝް" އާފުރެލަމުން މަޑުމަޑުން ބުނެލި އެވެ.
އިތުރު އެއްޗެއް ނުބުނެވެނީސް އަހަރެންގެ ކަނދުރާއަށް ދެ އަތް އެއްލާފައި ބައްދައިލި އެވެ. އަހަރެންގެ ކަރު ދޮށުގައި އޭނާ ބޮނޑިވެލި އެވެ.
"ވައޮ...ވައޮ..ވައޮ..." ފަހަދުގެ ދުލުން އެ އަޑު ބޭރުވީ އެވެ. އެއީ އޭނާ ގަސްތުގައި ބުނިއެއްޗެއް ނޫންކަން ޔަގީނެވެ.
"ކިހިނެއްވީ؟" އަހަރެން ސުވާލުކުރީމެވެ.
"މި ނޫނީ ދުވަހަކުވެސް އެހެން މީހަކު އުރައިލުމުގެ ހުއްދަ ނުދޭ.. އަހަރެންނާއި ބީނިޝްގެ މަންމަ ގާތަށް ނޫނީ ނާންނާނެ.." ހައިރާންވެފައި ފަހަދު ބުނެލި އެވެ.
"ވިއަރޑް!" މަޑުމަޑުން އަހަރެން ބުނެލީމެވެ.
"ހޫމް.. ތީ ތެދެއް! އެއްވެސް ތާކުން ދުވަހަކުވެސް، ބީނިޝްއާއި ދިމާވިތަ؟" ވިސްނާލާފަދަ ގޮތަކަށް ފަހަދު ސުވާލުކުރި އެވެ.
ވަގުތުން އަހަރެން ޖަވާބު ދިނީމެވެ. ނޫނެކޭ ބުނަން ފަސް ޖެހެންވީ ސަބަބެއް ނެތެވެ. ބީނިޝްއާއި އަހަރެން ދުވަހެއްގައިވެސް ދިމާވާންޖެހޭ ސަބަބެއްވެސް ނެތެވެ.
އަހަރެންގެ ގާތުގައި ބީނިޝް އެހައި ހިތްގައިމުކޮށް އުޅެންޖެހުނީ ކީއްވެތޯ ފަހަދު ސުވާލުކުރި އެވެ.
އެއަށް އަހަރެން ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ ބީނިޝްއަކީ ކާކުކަން، ކާކުގެ ދަރިއެއްކަންވެސް އަދި އަހަންނަށް ނޭގެ އެވެ.
"މި ކުޑަކުޑަ ކުއްޖާ މިގޭގައި ކީއްތަ މި ކުރަނީ؟"
ކުއްލިޔަކަށް ކަމެއް ހަނދާންވެގެން އަހައިލާފަދަ ގޮތަކަށް ސުވާލު ކުރީމެވެ. ދެން ލިބުނު ޖަވާބު އަހަރެންގެ ދެ ބުމަ ދޭތެރެއަށް ރޫ އަރުވަލި އެވެ. ފަހަދު ބުނިގޮތުން ބީނިޝްއަކީ އަހަރުމެންގެ 'އަވަށްޓެރި'އެކެވެ. އޭނާގެ މަންމަ އެއްވެސް މަސައްކަތެއްގައި ބޭރަށް ނިކުންނަ ނަމަ، ހަވާލުކުރަނީ ފަހަދުއާއި އެވެ.
މިއަދުވެސް ބީނިޝް އައީ ވަރަށް ހެނދުނު ކަމާއި އޭނާގެ މަންމަ ދިޔައީ ބައެއް ތަންތަނަށް 'ޑެލިވަރީ'ކޮށްލަން ކަމަށް އޭނާ ބުންޏެވެ.
އަހަރެންގެ ސިކުނޑިގައި ހަރުލީ އެންމެ ލަފުޒެކެވެ. 'ޑެލިވަރީ'!! އެބުނީ ކޯންޗެއް ޑެލިވަރީ ކުރާ ވާހަކައެއް ހެއްޔެވެ؟ ސުވާލު އުފެދުމުން، ތަފްސީލަށް އެދުނީމެވެ.
ޑެލިވަރީއާއި ބެހޭގޮތުން ވަކި އެއްޗެއް ބުނާކަށް ނެތީމެވެ. އެކަމަކު މި ކުޑަކުއްޖާގެ މަންމަ ބޭރަށް ދަންޏާއި މިކުއްޖާ ނުގެންދެވެންވީ ސަބަބެއް ނުވިސްނުނެވެ.
އެކަމާއި ބެހޭގޮތުން އިތުރަށް އަހަރެން ސުވާލުކުރި ސަބަބަކީވެސް އެއީ އެވެ.
އަޖައިބުވާން ޖެހުނީ، އަހަރެންގެ އެ ސުވާލުގެ ޖަވާބު ދިނުމަށް ފަހަދު ފަސްޖެހުމެވެ. އަދި އެ ވާހަކަ ދެއްކުން އެހައި ފަސޭހަ ނޫންކަމާއި އެއީ އޮޅުންބޮޅުން ބޮޑު ވާހަކަތަކެއް ކަމުގައި އޭނާ ބުންޏެވެ.
"މި ކުއްޖާގެ މަންމައާއި ފަހަދުއާއި އެއްވެސް ގުޅުމެއް އޮންނަނީތަ؟" ސުވާލު ދުލުގައި ރައްކާ ނުކުރެވުނެވެ.
"ކުއްޖާގެ މަންމައާއި ކުއްޖާވެސް" އޭނާ ބުނެލި އެވެ.
ސުވާލުތަކުން އަހަރެންގެ ސިކުނޑި ތަގައްޔަރު ކޮށްލާފަދަ ބުނެލުމެވެ. ދަތްތަކަށް ބާރުލާފައި ފަހަދުއާއި ދިމާއަށް ލޯ އަޅައިލީމެވެ.
"ދަރިފުޅާއި ދަރިފުޅުގެ މަންމަ ދެކެވެސް އަހަރެން ލޯބިވޭ.. ދެ މީހުންވެސް އަހަންނަށް ވަރަށް މުހިއްމު.. އަމިއްލަ ކޮއްކޮއެއް ފަދައިން ކައިރާދެކެ އަހަރެން ލޯބިވޭ.." ލޮލުގެ އެސްފިޔަވެސް ޖަހައިނުލައި ހުރެ، އަހަންނާއި ދިމާއަށް ބަލަމުން ފަހަދު ވާހަކަދެއްކި އެވެ.
"މިއީ ވަރަށް ލޯބި ދަރިއެއް.." ކޮނޑުގައި އޮތް ބީނިޝްއަށް ބަލައިލާފައި އަހަރެން ބުނީމެވެ.
"ތިއީ ހަމަ ޕަޓާހެއް! މިތަނުގައި އުޅޭއިރު ބައެއް ފަހަރު ހީވާނެ، ތިއީ އަހަރެންގެ މަންމައޭ.. ކައިފަ ހުންނަ ތަށިތަކާއި އެއްޗެހިތަށް އެތަންމިތަނަށް އުކާފަ އޮންނާތީ ވަރަށް ކުދިކިޔާލާނެ..!" އަހަދުގެ މޫނުމަތީގައި ހުރި އުފާވެރިކަން އަހަންނަށް ވަރަށް ކަމުދިޔަ އެވެ. މިއަދުވެސް ގޭގެ ދޮރު އެ ހުޅުވީ، އޭނާގެ މަންމަކަމަށް ހީކޮށްފައިކަމަށް ކަމަށް ފަހަދު ބުންޏެވެ.
ފުދޭވަރަށް ތަފްސީލް ލިބިއްޖެ އެވެ. އެއަށްވުރެން އިތުރަށް އަހަންނަށް އެނގެންޖެހޭކަމަކަށް ނުދެކެމެވެ. ލިބުނު މައުލޫމާތާއި ބީނިޝްއާއި ފަހަދުއާއި ދެމެދު އޮތް ގުޅުމަށް އުފާކުރަމެވެ. މި ކުއްޖާ، އަހަރެންގެ ބެސްޓު ފްރެންޑުގެ ލަގަބު ހޯދާނެކަން ޔަގީންވެއްޖެ އެވެ.
ދެ ކޮޓަރީގެ ތެރެއިން އަހަރެންގެ ކޮޓަރިއަކީ ކޮބައިތޯ ސުވާލުކުރަން އުޅުނު ވަގުތު އަނެއްކާވެސް ވާހަކަދެއްކީ ފަހަދު އެވެ.
"ބީނިޝްއަށްވުރެން، ބީނިޝްގެ މަންމަ މާލިކްއަށް މާބޮޑަށްވެސް ކަމުދާނެހެން ހީވަނީ'' އެއް ލޯ މަރައިލާފައި ފަހަދު ބުނެލީ ތަފާތު ރާގެއްގަ އެވެ.
"އަހަންނަކީ ތަންތާންގައި ތިބޭ އާންޓީން ކައިރިއަށް ޖައްސާ މީހެއް ނޫން" ދެ ލޯ އަޅައިލާފައި އަހަރެން ބުނެލީމެވެ.
ފަހަދު ހޭންފެށި އެވެ. އަހަރެން ރުޅި އަންނަ ވަރަށްވެސް އޭނާ ހުނެވެ. ބަނޑުގައި އަތް އަޅައިގެން އޮވެ، ގުދުވެގެންވެސް ހުނެވެ.
"އެވަރުގެ އެއްޗެއް ބުނެވުނީތަ؟" އައި ރުޅީގައި ކޯ ކަށިގަނޑަށް ބާރުލާފައި ސުވާލުކުރީމެވެ. އަހަރެންގެ ސުވާލަށް ފަހަދުއަށް ޖަވާބެއް ނުދެވުނެވެ. އިވުނު އަޑު އައި ދިމާއަށް ބަލައިލެވުނީ ދެމީހުންނަށް އެކުގަ އެވެ. (ނުނިމޭ)
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;