ހިނގާ ދިޔަ ކަންކަމާއި އިވުނު ފިތުނައިގެ އަޑާއިމެދު ނަޔާބުއަށް އިތުބާރު ނުކޮށް، ދެވުނު ވޭނުގެ އަސަރު އޭނާގެ ހިތަށް އިހްސާސްވާން ފަށައިފި އެވެ. ލޯބިވާ އަނބިމީހާގެ ބިއްލޫރިކޮޅެއްހައި ސާފު ވަފާތެރިކަން ކިލަނބު ކޮއްލެވިއްޖެ އެވެ. ރެއާއި ދުވާލުގެ ގުރުބާނީގެ އަގަށް އިތުބާރެއް ނުކުރެވުނެވެ. އޭނާއަށް ހައްގުވާ އިހްތިރާމް ނުކުރެވުނީތީ ލަދުގަތްފި އެވެ. މައާފަށް އެދި އާދޭސް ނުކުރެވުނީތީ އަމިއްލަ ނަފުސު ކުއްވެރި ކުރެވުނީ ހައްދެއް ނެތް މިންވަރަށެވެ.
ގުގުރީގެ ބަރު އަޑުތަކާއި ވިދުވަރުގެ ތޫނު އަލި ދިޔައީ ގަދަވަމުންނެވެ. މެންދަމުގެ ބާރަޖެހުމާއި ގާތްވަނީ އެވެ. ނަޔާބުގެ ހަބަރެއް ބަލަން ގުޅާނެ މީހަކު ނެތެވެ. އޭނާގެ ތިމާގެ މީހުން ކައިރިއަށް ނުދާނެކަން އަސްމާރުއަށް ޔަގީނެވެ. މާލެ ވަށައި ލާފައި އޮތް ތޮށިގަނޑުމަތީ އިންނާން ޖެހުނަސް، އޭނާގެ ރައްޓެއްސެއްގެ އެހީއަށް ނޭދޭނެކަންވެސް ޔަގީނެވެ.
އެހެންވިއްޔާ ދެން ނަޔާބު ހޯދާނީ ކޮންތާކުން ހެއްޔެވެ؟
ކުއްލިޔަކަށް މާބޮޑަށް މޫސުން ގޯސްކޮށްލައިފި އެވެ. އިވުނީ ބަލި ގޮތަކަށް ބުޅަލެއް ގޮވައިލި ފަނޑު އަޑެވެ. އަސްމާރުގެ ކޮޓަރީގެ އެއްފަޅީގައި އޮންނަ ބޮޑު ފެންގަނޑާއި ދިމާއަށް ނިކުމެވުނީ ގަސްތަކު ނޫނެވެ. ހާމައަށް އުޑު ފެންނާން އޮންނަ ސަރަހައްދަށް ބޯކޮށް ކެރިވެހެމުންދިޔައީ އުޑުގެ ވިލާތަށް ނަފްރަތާއި ރުޅީގެ އުދާސްތަށް ބޭރުކުރަމުންދިޔަ ފަދައިންނެވެ.
އުޑާއި ބިން ގުޑުވާލަފަ ގުގުރިއާއި ލޯތަށް ތަރަތަރަޖަހައިގެން ދާފަދަ ބާރުގަދަ ވިދުވަރުން މުޅި ކާއިނާތު ބިރުވެރިކޮއްލަ އެވެ.
ބަގީޗާގައި ގެންގުޅޭ ބުޅަލުގެ ހާލެއް ބަލައިލުމަށް ގަސްތަކުގެތެރެ ބަލައިލާން އަސްމާރު ހިތަށްއެރި ސަބަބެއް އޭނާއަކަށްވެސް ނޭގެ އެވެ. ގަސްތަކުގެ ތެރެއަށް ނުވަދެވިގެން އުޅެނިކޮށް ފެނުނު މަންޒަރުން އޭނާގެ ލޭނާރުތަކުގެ ހިނގުން ހުއްޓުވައިލި އެވެ.
ޖޯލީގައި އެ އޮތީ އޭނާގެ ނަފުސުގެ އަމާންކަމެވެ. ނަޔާބުގެ ފައިބުޑުގައި ގުރުނޑުވެގެން އެއޮތީ އޭނާގެ ނީކުނޑި ބުޅަލެވެ. ލިބުނު ޝޮކުގައި އަރި އަޅައިލި އެވެ. ހަތަރެސްފައި ތުރުތުރު އަޅައިގަތީ ބިރުވެރިކަން ހިތަށް ވަނުމުންނެވެ. ގަތްބިރުން ދެ ފައިގައި ތަޅުއެޅުނީ އެވެ. ކުރިއަށް ދާކަށްވެސް، ފަހަތަށް ފިޔަވަޅެއް އަޅާކަށްވެސް ނުކެރުނެވެ. ބާރުގަދަ ތޫފާނުގެ ބިރުވެރި މެންދަމެކެވެ. ކަނުއަނދިރީގައި ނަޔާބު އެއޮތީ 'ނިދިފަ' އެވެ. ނުވަތަ އޭނާގެ ހޭވެރިކަން ނެތީ އެވެ.
ދެ ލޯ ބޮޑުވެ އަނގަ ހުޅުވުނެވެ.
ވެހެމުންދިޔަ ކެރިގަނޑަށް ބެލުމެއް ނެތެވެ.
ދެފައިގައި ހުރި ބާރެއްލާފައި އެދިމާއަށް މިސްރާބު ޖެހި އެވެ.
ނަޔާބުގެ މޫނުގެ ދެފަރާތުން ހިފަހައްޓާފައި އޭނާއަށް ގޮވި އެވެ. އެސްފިޔަތަށް ދުރުކޮށްލާތޯ އާދޭސްކުރި އެވެ. ނަޔާބުގެ ފައިބުޑުގައި އޮތް އޮޅު ބުޅާ، އަސްމާރުއާއި ދިމާއަށް ބަލައިލީ ނަފުރަތުގެ ނަޒަރަކުންނެވެ. ކުރިމަތީގައި ހުރި ކުއްވެރިޔާއަށް އެ ބުޅާ މައާފު ނުދިންއިރު، ނަޔާބުގެ ނިންމުން އަތުވެދާނެ ގޮތަކާއި މެދުގައި އަސްމާރު ބިރުގަތެވެ.
ބަލާކަށް ނުހުރެ، ދެއަތް މަތީގައި ނަޔާބު އުފުލާލީ އެވެ. ތުރުތުރު އަޅަމުން ދިޔަ ހާލުގައި އެ ބުޅާވެސް އަސްމާރުގެ ފަހަތުން އައެވެ. އެސޮރުގެ ހާލާމެދު ހަމްދަރުދީ ނުވަނީއެއް ނޫނެވެ. ވިސްނުންތެރި ކަމާއެކު އެހެން މީހެއްގެ އެހީއަކާއި ނުލައި އެސޮރު އައިސް ބޮނޑިވެލީ ވާރޭގެ ހިލަމެއް ނުވާ، ހިޔާ ތަނެއްގަ އެވެ.
ކޮޓަރީގެ ސޯފާގައި ނަޔާބު ބާއްވާފައި އަސްމާރު ދުއްވައިގަތީ އަލަމާރިއާއި ދިމާއަށެވެ. ނަޔާބުގެ ތެމިފޯވެފައިވާ އަންނައުނު ބަދަލުކުރުމަށެވެ. އޭގެ ފަހުގައި އޭނާގެ އަންނައުނުވެސް ބަދަލުކުރި އެވެ.
ދެ އަތުގެ ތެރޭގައި ބޮނޑިކޮށްލާފައި، ދެމީހުން ވަށައިގެން ބޯ ކުއިލްޓެއް އޮޅާލި އެވެ. އެކަކު އަނެކެއްގެ ހޫނުން، ފަރުވާ ލިބިގަތުމަށެވެ.
ބައިގަޑިއިރެއް ހާއިރުގެ މަސައްކަތުން އަސްމާރުއަށް ހަމަނޭވާ ލެވިއްޖެ އެވެ. ނޫފާގަތްފައިވާ ނަޔާބުގެ ހުދުހަމުގެ ކުލަ އާންމު ކުލައަށް ބަދަލުވެއްޖެ އެވެ. ތުންފަތުގައި ހުރި ދަނބު ނޫކުލަވެސް މަޑުފިޔާތޮށި ކުލައަށް ބަދަލުވާން ފަށައިފި އެވެ. ލޯ ހުޅުވާލައިތޯ ނުވަތަ އަތެއް ފައެއް ގުޑުވާލާތޯ އަސްމާރު ކުރަމުންދިޔަ މަސައްކަތަށް ބަދަލެއް ނާދެ އެވެ.
އެހާލުގައި އޮއްވައި ގަދަ ތޫފާނުގެ ތެރޭގައި ހޮސްޕިޓަލަށް ގެންދިއުމުގެ ވިސްނުމެއް އޭނާގެ ނެތެވެ. ކުއްވެރިޔަކީ އަސްމާރު އެވެ. ފަރުވާ އޮތީވެސް އޭނާގެ 'ނަފުސު'ގައި އެވެ. އެކަން އޭނާ ގަބޫލުކޮށްފި އެވެ. މެދުނުކެނޑި ދެ ލޮލުން އޮހޮރޭ ކަރުނަ އެކަމަށް ހެކި ދޭ އެވެ.
އާދޭސްކުރަމުން ދިޔައީ އަސްމާރުއާއި ދިމާއަށް އެންމެ ފަހަރަކު ނަމަވެސް ބަލައިލުމަށެވެ. ނަޔާބުގެ ހިލަމެއްވެސް ނެތެވެ. މާޔޫސްކަމާއެކު ކަނދުރާ ތިރިކޮށްލެވުނެވެ. އިހްތިޔާރަކާއި ނުލައި ނަޔާބުގެ ނިއްކުރީގައި އޭނާގެ ނިއްކުރި ޖައްސާލި އެވެ. ސިއްސައިގެން ގޮސް ކުއްލިޔަކަށް ކަނދުރާ ސީދާކޮށްލެވުނެވެ. އަލީފާން ފަދަ ހޫނުކަން އިހްސާސް ވުމުންނެވެ.
އަތުގެ ނުފުށުން ނަޔާބުގެ ނިއްކުރީގައި އަތް ޖައްސާލި އެވެ. އެ އަތް ދަމައިގަނެވުނީ ވަރަށް ކުއްލިޔަކަށެވެ. ނަޔާބު އޮތީ ހުންއައިސް ރަތް ވެފަ އެވެ. ބާލީހުގައި މަޑުމަޑުން ބާއްވާފައި އަސްމާރު ދުއްވައިގަތީ ކޮޓަރީން ބޭރަށެވެ. ބަދިގެއަށެވެ.
ފުރިޖުން ކިއުބު ނަގައިގެން ބިއްލޫރި ބޮޑު ބޯތައްޓަކަށް އައިސް ކިއުބާއި އެއަށް ފުދޭނެވަރަށް ފެން އެޅި އެވެ. ދުވެލާފައި ކޮޓަރިއަށް އައިސް، ފަސްޓްއެއިޑު ބޮކްސް ތެރެއިން ކަފަރޯލް ނެގި އެވެ. ބޯ ކަފަގަނޑަކުން ނިއްކުރީގައި އައިސް އަޅަމުންދިޔައީ އަނބިމީހާގެ ހާލަތަށްޓަކައި ފުރިހަމައަށް އޭނާ ޒިންމާ ވެގެންނެވެ.
ހޭދަވީ ކިހައި އިރެއްކަމެއް ނުވަތަ ކިތަށް ގަޑީރުކަމެއް ނޭގެ އެވެ. ޓެމްޕަރޭޗަރ ހަމަޔަކަށް އަޅުވައި ލެވިއްޖެ އެވެ.
ގިސްލައި ރޮމުން، އޭނާގެ ކޯތާފަތުން ކަރުނައިގެ ކޯރު ދެމެމުން ދިޔަކަމުގެ ހިލަމެއްވެސް އަސްމާރުއަށް ނުވެ އެވެ. ހިތުގައި އޮތް އެތަށް ޝަކުވާއެއް އޭނާ ބޭރުކުރި އެވެ.
ލޯބިވާ ނަޔާބުއަށް މައާފު ނުދެވުނީތީ އަމިއްލަ ނަފުސަށް ލައުނަތް ދިނެވެ. އޭނާއަށް ހެޔޮ ގޮތް ވިސްނައި ދިނުމަކީ ނަޔާބުގެ ޒިންމާއެއް ކަމަށް ބުނެ، އެތަށް ޝަކުވާއެއް ހުށައެޅި އެވެ. ބިރުވެރި ތޫފާނުގައި ކަނު އަނދިރީގައި އޮތަތީވެ، ނަޔާބުއަށް ކިތަންމެ އެއްޗެއް ކިޔެވެ.
ކޮންމެ ދުވަހެއްގެ ހެނދުނާއި ރޭގަނޑު ނަޔާބުގެ ވާހަކަތަކަށް ބީރު ކަންފަތެއް ދެވުނީތީވެ، އެކަމަށް އަދަބު ނުދިނުމުގެ އިލްޒާމްވެސް އެޅުވީ ނަޔާބުގެ ބޮލުގަ އެވެ. ހިތަށް އައިހައި އެއްޗެއް ކިޔަމުން ދެ ލޮލުން ކަރުނަ އޮހޮރަމުން ޝަކުވާގެ ހާރަށް އެތަށް ބޮޅެއް އެމުނި އެވެ. ގަތްފައިވާ ބިރު ފިލައި، ހިތަށް ތަސައްލީއެއް ލިބޭތޯ އެވެ.
ނަޔާބުގެ ނިއްކުރިއާއި މޫނުގެ އެތަން މިތަނުގައި އަސްމާރު ލޯބި ކުރި އެވެ. މައާފަށް އެދި ކުރެވުނު އާދޭހުގެ އަދަދެއް ނޭގެ އެވެ. ދުވަހަކުވެސް ހިތްދަތިކަމެއް ނުދޭނެކަމަށް ބުނެ، ތަކުރާރުކޮށް ވައުދުވި އެވެ. އާދިލްގެ ހަގީގަތް މުޅި ދުނިޔެއަށް އެނގިއްޖެ ކަމާއި، އެ ޖާހިލު އިންސާނާގެ ކިބައިން މުޅި އާއިލާ ހިމާޔަތްކުރުމަށް ތަކުރާރުކޮށް ނަޔާބު މަސައްކަތް ކުރީތީ، ހިތުގެ އެންމެ އަޑިން ޝުކުރުވެރިވި އެވެ. (ނުނިމޭ)
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;