އަލިފާން ރޯވެފައި ވަނީ "ޕްރައިމް ފާޓިލައިޒާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް"ގެ ގުދަނެއްގަ އެވެ.
ރޭ ގާތްގަނޑަކަށް 10 ޖަހާއިރު ހިނގި މި ހާދިސާގައި އެ ގުދަން ވަނީ އެއްކޮށް އަނދާ އަޅިއަށްވެފަ އެވެ. އެތަނުގައި އެކި ބާވަތްތަކުގެ ގަސްކާނާއާއި، ޕެސްޓިސައިޑްސްގެ އިތުރުން ދަނޑުވެރިކަން ކުރާ ސާމާނާއި ޖަނަރޭޓަރެއްވެސް ހުއްޓެވެ.
ފުލުހުން ބުނީ އެ ސީން ޕްރޮސެސްކޮށް، އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ހާއްސަ ތަހުގީގެއް ކުރިއަށް ގެންދާ ކަމަށެވެ. އަދި އެ ގުދަނަކީ ގަސްކާނާ އާއި ޕެސްޓިސައިޑްސް އާއި ދަނޑުވެރިކަމަށް ބޭނުންކުރާ ސާމާނުގެ އިތުރުން ޖަނަރޭޓަރެއް ހުރި ތަނެއް ކަމަށް ފުލުހުން ބުންޏެެވެ.
އަލިފާން ކޮންޓްރޯލް ކުރެވުނީ ގާތްގަނޑަކަށް ގަޑިއެއްހާއިރު ވަންދެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އިން އެތަނަށް ފެން ޖަހައި ކުރި މަސައްކަތުންނެވެ. އޭގެފަހުން ރޭ 11 ޖެހިފަހުން ވަނީ އެއާޕޯޓުގައި އަލިފާން ނިއްވުމަށް ބޭނުންކުރާ ވެހިކަލް ގެނެސް އެތަނަށް ފޯމު ޖަހައިފަ އެވެ. މުޅި އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީގެ އޭގެ ފަހުންނެވެ.
އެކަމަކު އަލިފާން ނިއްވާލިއިރު މުޅި ތަން އޮތީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.
މި ހާދިސާގައި ގުދަނަށާއި އެތަނުގައި ހުރި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު އެ ސަރަހައްދުގައި ހުރި 13 ސައިކަލަކަށާއި ޕިކަޕަކަށާއި ކުންފުނީގެ ވޭނަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;